ހެކް ކުރުމާއި ސައިބާ ކްރައިމް ގާނޫނުލްއުގޫބާތުގައި ކުށަކަށް ހަދަނީ

ހެކް ކުރުމާއި ސައިބާ ކްރައިމް ގާނޫނުލްއުގޫބާތުގައި ކުށަކަށް ހަދަނީ

Author
މުޙައްމަދު ޝަޒައިމް
22 ފެބްރުއަރީ 2023 11:53
0

ސައިބާކްރައިމްއާ ގުޅުންހުރި އަމަލުތައް އެއީ ކުށް ކަމުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު މި އިސްލާހު ހުށަހެޅި ސަބަބެއް ކަމުގައި ބިލުގައި ބުނެފައި ވަނީ ސައިބާ ކްރައިމްއާ ގުޅުން ހުރި އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅުމެވެ.

ގާނޫނުލްއުގޫބާތަށް އިތުރުކުރާ ކުށްތައް:
1. ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުން
2. ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުން
3. ހުއްދަ ނެތި ކޮމްޕިއުޓަ ޑޭޓާ އިންޓަސެޕްޓް ކުރުން
4. ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އިންޓަފިއާ ކުރުން
5. ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން
6. ސައިބާ ވަޔަލަންސްގެ އަމަލުތައް
7. ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް
8. ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް
9. ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް

އެ އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅި ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ނުވަަތަ ގާނޫނަކުން ބާރު ލިބިގެން ދޭ ހުއްދައެއްގެ ދަށުން އެކްސެސް ކުރުމަކީ ކުށެއް ކަމުގައި ނުބެލެވޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

ކޯޓު އަމުރެއްގެ ދަށުން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން އެ ކޯޓު އަމުރުގައި ނުވަތަ ހުއްދައިގައި ބަޔާންކުރާ ގޮތުގެ މަތިން ކޮމްޕިއުޓަރަކަށް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ވަޔަކަށް އެކްސެސްވުމަކީ ކުށެއް ކަމުގައި ނުބެލެވޭނެ ކަމަށް އިސްލާހުގައިވެއެވެ.

ސައިބަކްރައިމްގެ ކުށްތަށް ރާއްޖޭގައި ގިނަވަމުން އަންނައިރު އެފަދަ ކުށްތަކުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ކުށްތައް ތަކުރާރު ވުމަކީ މިހާރު އުފެދިފައިވާ ކަންބޮޑުވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.