ތުރުކީ އާއި ސީރިޔާ އަށް އައި ބިންހެލުމުގައި ގެއްލިގެން ހޯދަމުންދިޔަ އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަކަށް ކުޅުނު ގާނާގެ ވިންގް ކްރިސްޓިއަން އަޓްސޫ، މަރު ވެފައި އޮއްވައި ފެނިއްޖެއެވެ.
އުމުރުން 31 އަހަރުގެ އަޓްސޫ ބިންހެލުން އައުމާއި ހަމައަސް ކުޅެމުން ދިޔައީ ތުރުކީގެ ހެޓޭސްޕޯ އަށެވެ. އެޓީމަށް އަޓްސޫ ބަދަލުވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ރެކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި ތުރުކީ އާއި ސީރިޔާ އިން މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 42،000 އަށް ވަނީ އަރައިފައެވެ. ބިންހެލުމުގައި އެތައް ހާސް ބަޔަކަށް އަނިޔާވިއިރު ގިނަ އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައެވެ.
އަޓްސޫ ގެއްލިގެން އުޅެނިކޮށް، އޭނާ ދިރިހުއްޓާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓުތަކެއް ވެސް މީގެކުރިން ފެތުރިފައިވީ ނަމަވެސް، ފަހުން އެނގުނު ގޮތުގައި އެއީ ހަގީގަތެއް ނޫނެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނުކަން މިއަދު އެފްރިކާގެ ފުޓުބޯޅަ އިދާރާއިން ވަނީ ކަށަވަރުކޮށް ދީފައެވެ.
😢 The lifeless body of Christian was found in the ruins of the earthquake in Turkey. @FIFProAfrica presents his condolences to his family, friends and @PFAGofficial.🙏🏿 pic.twitter.com/P8ZNwFfyqh
— FIFPro Africa (@FIFProAfrica) February 18, 2023
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަޓްސޫއާ އެކު އެޓީމުގެ ސްޕޯޓިން ޑިރެކްޓަރު ޓަނާ ސަވުތު ވެސް ވަނީ ގެއްލިފައެވެ. ގެއްލުން ލިބުނު އިމާރާތްތަކުން އެ ކްލަބުގެ އެހެން ބައެއް ކުޅުންތެރިން ވަނީ ސަލާމަތްކޮށްފައެވެ.
2011 ވަނަ އަހަރު ޕޯޓޯ އިން ކްލަބް ކެރިއަރު ފަށައި އަޓްސޫ ވަނީ 2013 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވެފައެވެ. އޭގެފަހުން އަޓްސޫ ވަނީ ޕްރިމިއާ ލީގުގެ އެވަޓަން އާއި ބޯންމައުތުގެ އިތުރުން ނިއުކާސަލް ޔުނައިޓެޑަށް ކުޅެފަ އެވެ. ލޯނު އުސޫލުން އެންމެ ފުރަތަމަ ނިއުކާސަލަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އެ ކްލަބުގައި ފަސް ސީޒަން ހޭދަކުރިއިރު ރަނގަޅު ކުޅުމެއް ދެއްކިއެވެ.
އަޓްސޫ ވަނީ ނެދަލެންޑްސްގެ ވިޓެސީ އާއި ސްޕެއިންގެ މަލާގާ އަށް ވެސް ކުޅެފައެވެ. އަޓްސޫ ތުރުކީގައި ކުޅޭ ކްލަބް ނިސްބަތްވަނީ އެގައުމުގެ އަންޓަކްޔާ އަށެވެ. އެއީ ސީރިޔާ ބޯޑަރާ ކައިރިން ތުރުކީގެ ދެކުނުން އޮންނަ ހެޓޭ ޕްރޮވިންސް އަށް ނިސްބަތްވާ ސިޓީ އެކެވެ.
އަޓްސޫ ވަނީ އެޓީމު އާދީއްތަ ދުވަހު ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މޮޅުވި ގޯލު ޖަހައިފައެވެ. އަޓްސޫގެ އިތުރުން ދެވަނަ ޑިވިޝަނުގެ ކްލަބެއްގެ ގޯލްކީޕަރަކު ވެސް ވަނީ ގެއްލިފަ އެވެ. ނުރައްކާތެރި ބިންހެލުމާއި ގުޅިގެން ތުރުކީގެ ހުރިހާ ފުޓްބޯޅަ މެޗެއް މިހާރު ވަނީ މެދުކަނޑާލާފައެވެ.