މިއަދުގެ އެންމެ ބޮޑު ގޮންޖެހުމަކީ، ތަފާތު ބާވަތްތަކުގެ ޓެރަރިޒަމްގެ ޢަމަލުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
66 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރެއްވި ދަރިވަރުންނަށް ބަޑިހަވާލު ކުރުމާއި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ޓެރަރިޒަމްކަމަށެވެ. އަދި ސިފައިން ޙާޞިލްކުރި ޢިލްމާއި ހޯދި ތަމްރީނަކީ، ޓެރަރިޒަމް ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ޞުލްޙަވެރި މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހިކުރާނެ ޢިލްމާއި ތަމްރީންތަކެއްކަން ޔަގީން ކުރައްވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ތިޔަ ބޭފުޅުންގެ ތަމްރީންތަކުގައި ހަތިޔާރު ބޭނުންކުރާނެ ގޮތް ދަސްކުރި އިރު، ސިފައިންގެ ވާޖިބަކީ ހަނގުރާމަކުރުމޭ ހިތަށް އެރުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް ޢަސްކަރިއްޔާއެއް އޮތުމުގެ ޙަޤީޤީ ބޭނުމަކީ، ހަނގުރާމަތަކާއި ލޭއޮހޮރުވުންތަކުން ދުރުވެ، ޞުލްޙަ ޤާއިމްކުރުމާއި އަމާންކަން ދެމެހެއްޓުން. ޢަސްކަރީ ޤާބިލްކަން އިތުރުކުރަން ޖެހެނީ، ޞުލްޙަ ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައިލުމަށްޓަކައި.
– ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިފައިންގެ މީހެއްގެ ގޮތުގައި ޤައުމަށް ކޮށްދޭ ތެދުވެރި ޚިދުމަތަކީ، ރަންރިއްސާއި ޖަވާހިރުން ނުވަތަ ފައިސާއާއި މުދަލުން އަގުކުރެވޭނެ އެއްޗެއް ނޫންކަމަށެވެ. އަދި ސިފައިންގެ ޚިދުމަތުގައި، ދީނާއި ޤައުމަށްޓަކައި ޤުރުބާންވެގެންދާ މުޖާހިދުންގެ ޚިދުމަތަކީ، މިދުނިޔެމަތީގައި އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާމަތިވެރި އަދި އެހާމެ މާތް ޚިދުމަތެއްކަމަށެވެ.
ސިފައިން ޤާބިލްކަން އިތުރުކޮށް، ސިފައިންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދަކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. ސިފައިންގެ ޚިދުމަތަކީ ޢަސްކަރީ ޚިދުމަތަކަށް ވިޔަސް، މަދަނީ އަދި އިޖްތިމާޢީ ވަރަށް ގިނަ ވާޖިބުތަކެއް ވެސް ސިފައިންގެ ޚިދުމަތާއި ލާމެހިފައިވާކަން ހަނދާންކުރަން ޖެހޭކަމަށެވެ. އުދައެރުމާއި، އަލިފާނުގެ ހާދިސާތަކާއި، ވާރޭވެހި ފެންބޮޑުވުމާއި، ކަނޑުމަތީގެ ހާދިސާތަކުގައިވިޔަސް، އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއް ބަޔަކީ ދިވެހި ސިފައިންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި މަސްކަނޑުތައް ޙިމާޔަތްކުރުމުގައިވެސް، ދިވެހި ސިފައިން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ.
ކޮމެންޓު ފޮނުވާ