ބޮލީވުޑްގައި މި ފަހުން ތަފާތޭބުނެވޭ ފެންވަރުގެ އެކްޓިންގ އެއް ދައްކައިދިން ޒުވާން އެކްޓަރ އަޔުސްމާން ކުރާނާ، ކުރިއަށް އޮތް ފިލްމަށް އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފިއެވެ.
އަޔުޝްމާން އޭނަގެ އިންސްޓަގްރާމް އެކައުންޓަށް އެންމެ ފަހުން ދޫކޮށްލި ފޮޓޯގައި ފެންނަނީ ޖިމެއްގެ ތެރޭގައި އޭނާ ބަރު އުފުލަމުންދާ މަންޒަރެވެ. ނަމަވެސް ފޮޓޯ ނަގާފައި ވަނީ އޭނަގެ މޫނު ނުފެންނަ ވަރަށެވެ. ފޮޓޯއާއި އެކު ހިއްސާކޮށްފައި ވާ ލިއުންކޮޅުގައި ބުނަނީ "މި ތަފާތު ފިލްމުގައި އަހަރެން ވަރަށް ތަފާތު ވާނެ. ފިލްމުގެ ތައްޔާރީތަށް ވަރުގަދައަށް" މިހެންނެވެ.
View this post on InstagramIt’s going to be a different me in this different film. Movie prep going strong ? @gattukapoor
A post shared by Ayushmann Khurrana (@ayushmannk) on
އަޔުޝްމާންގެ މި ޕޯސްޓްގައި އޭނާ ވަނީ ޑައިރެކްޓަރ އަބީޝެކް ކަޕޫރު ޓެގް ކޮށްފައެވެ. އަބީޝެކަކީ އަޔުޝްމާން ކުރިއަށް ކުޅެން އޮތް ފިލްމުގެ ޑައިރެކްޓަރެވެ. މީގެ އިތުރުން އަޔުޝްމާންގެ އިންސްޓަގްރާމް ޕޯސްޓްގައި އެކްޓްރެސް ވާނީ ކަޕޫރުވެސް ޓެގްކޮށްފައި ވެއެވެ. ވާނީ ކަޕޫރަކީ އަޔުޝްމާން އާއި އެކު މި ފިލްމުގެ ލީޑުން ފެނިގެންދާނެ އަނެއް ތަރިއެވެ. އަދި ވަކި ނަމެއް ކަނޑައަޅާފައި ނުވާ މި ފިލްމަކީ ލޯބީގެ ފިލްމެކެވެ.
ހަށިގަނޑަށް މި ގެންނަ ބަދަލާއި ގުޅޭގޮތުން ބޮމްބޭ ޓައިމްސް އާ ވާހަކަ ދައްކަމުން އަޔުޝްމާން ކުރިން ބުނީ ހަށިގަނޑަށް ގެންނަ ފިޒިކަލް ބަދަލު ވެގެންދާނީ އޭނައަށްވެސް މުޅިން ތަފާތު ވޭން ހުރި ކަމަކަށް ކަމަށެވެ. އޭނާ މި ފިލްމުގައި ފެނިގެންދާނީ އެތުލީޓެއްގެ ގޮތުގައި ކަމަށް ބޮލީވުޑްގެ ޚަބަރުތަށް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
ފިލްމުގެ ޝޫޓިން އަޔުޝްމާންގެ އުފަން ސިޓީ ޗަންދީގަރް ގައި މި މަހު ފެށުމަށް ތައްޔާރުވަމުން ދާއިރު ފިލްމު އެޅުވޭނެ ކަމަށް ލަފާކުރަނީ އަންނަ އަހަރުއެވެ.
އަޔުޝްމާން އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ އޮންލައިން ޕްލެޓްފޯމް އެމޭޒަން ޕަރައިމް ގައި ރިލީޒްކުރި ފިލްމް ގުލާބޯ ސިތާބޯއެވެ. އަމީތާބް ބަޗަން އާއި އެކު އޭނާ ފެނިގެންދިޔަ މި ފިލްމް ސަޕޯޓަނުންނާއި ކްރިޓިކުން ވަނީ ބަލައިގަނެފައެވެ.