ދޭދޭ ގައުމުތަކުން އެއްގައުމު އަނެއް ގައުމާއެކީ ބާއްވަމުންދާ ސިޔާސީ ގުޅުންތަކަކީ، ވަރަށް ގިނަ ދައިރާތަކެއްގެ މައްޗަށް ބަރޯސާވާ، ގުޅުންތަކެކެވެ. އޭގެ ތެރޭގައި އިގްތިސާދީ، އަސްކަރީ، އަދި އިޖުތިމާއީ އެތައް މުއާމަލާތެއް ހިމެނޭއިރު، މިފަދަ ގުޅުންތައް ދުނިޔޭގެ ގައުމުތަކާއެކީ ދަމަހައްޓާ، ވަކިފަތާކަށް ނުޖެހި އޮތުން ދިވެހިރާއްޖެއަށް އަބަދުވެސް ވެފައި އޮންނަނީ ވަރަށްވެސް މުހިންމު ސިޔާސަތަކަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ ތަނުގައިވެސް ދިވެހިރާއްޖެއިން، ދުނިޔޭގެ ބައެއް ގައުމުތަކާއެކީ ގާތް ގުޅުންތަކެއް ދެމެހެއްޓި ނަމަވެސް، އުސޫލުއްގެ ގޮތުން ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ ގިނަ މައްސަލަތަކުގައި (މަދު މައްސަލަތަކެއްގައި މެނުވީ) މިއަދާހަމައަށް އައިއިރުވެސް ވަކި އަތަކަށްޖެހިފައެއް ނުވެއެވެ.
މިއުސޫލުން ބޭރުން ދިވެހިރާއްޖެއިން ފެށުނީއްސުރެ ވަކި އަތަކަށް ޖެހި މަސައްކަތް ކުރަމުންދާ ބައިނަލްއަގުވާމީ ހަމައެކަނި މައްސަލައެއްގެ ގޮތުގައި މިހާތަނަށް ފެންނާން އޮތީ ފަލަސްތީނިގެ މިނިވަންކަމަށް ދިވެހިރާއްޖެއިން ތާއީދުކުރަމުން އަންނަ އައުމެވެ. އެހެންނަމަވެސް، ވަކިއަތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދަމަހައްޓަމުން އަންނަ އައުމަށް ބުރޫ އަރައިގެންދިޔަ، މި ސިޔާސަތު ދޫކޮށް، ރައީސް ޔާމިންގެ ވެރިކަމުގައި، ދިވެހިރާއްޖެއިން އޭރު ސައުދީ އަރަބިއާއާއި އިރާނާއި ދެމެދު އޮތް މަސައްލާގައި، ވަކި އަތަކަށް ފާޅުގައި ޖެހި، އިރާނާއި ޤަތަރާއެކީ އެކީ އޮތް ސިޔާސީ ގުޅުން ކަނޑާލާފައި ވެއެވެ.
މުޅި ދިވެހިރާއްޖޭގެ ޚާރިޖިއްޔާގެ ތާރީޚަށް ބަލާއިރުވެސް، މިނޫނީ، ދިވެހި ޚާރިޖީ ސިޔާސަތު ވަކިއަތަކަށް ޖެހި، ގައުމުތަކަކާއި އެކީ ގާއިމް ކޮށްފައިއޮތް ސިޔާސީ ގުޅުންތައް ކަނޑާލާފަ އޮތްކަމެއް އެގޭކަށް ނެތެވެ.
އެހެންނަމަވެސް، ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، އިންޑިއާ އެކީ ގާއިމް ކޮށްފައި ސިޔާސީ ގުޅުން އިތުރުމަރުހަލާއަކަށް ގެންދެވި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުންތައްވަނީ ވަރަށް ބޮޑަށް ވަރުގަދަ ވެގެން ގޮސްފައެވެ. އަދި މި ގުޅުމުގެ ތެރެއިން، އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫޢުތަކުގެ އިތުރުން، ދެ ސަރުކާރުގެ ދެމެދުގައި ގާއިމް ކުރެވުނު އެއްބަސްވުމެއްގެ ދަށުން، އިންޑިއާ ސިފާއިން ރާއްޖޭގައި ތިބެން ފެށުމާއެކު، މި އެއްބަސްވުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިންޑިއާ އައުޓުގެ ނަމުގައި ޚާއްސަ ހަރަކާތެއް ފަށާފައި ވެއެވެ.

މިގޮތުން ފެށުނު ހަރަކާތް ފުޅާވެ، އިންޑިއާގެ ސަރުކާރާ ދެކޮޅަށް ރާއްޖޭގެ ބޮޑެތި މުޒާހިރާތައް ކުރެވި، ރާއްޖޭގެ ތިއްބަވާ އިންޑިއާގެ ޑިޕްލޮމެޓުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް މި ހަރަކާތުގެ ޖޯޝާއި ފޯރި އިތުރުވެގެން ގޮސްފައިވެއެވެ.
މިހަރަކާތަށް އެންމެ ފަހުން ނިމުން އައިސްފައިވަނީ، މިއީ ޢައިރު ގާނޫނީ ހަރަކާތެއްކަމަށް ރައީސް ސާލިހުގެ ސަރުކާރުން ނިންމި ހިސާބުންނެވެ.
އިންޑިއާ އައުޓު ހަރަކާތަށް އެއްވެސް އިރަކު ޕީޕީއެމްގެ "މުޅި ލީޑަރޝިޕް" ނިކުމެފައެއް ނުވޭ!
އިންޑިއާ އައުޓު ހަރަކާތް އެންމެ ފުރަތަމަ ފެށިގެން ދިޔައީ ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުގައި ރައީސް ޔާމިން ފުރަތަމަ ފަހަރަށް ޖަލުގައި ހުންނަވަނިކޮށްނެވެ.
އެއަށްފަހު، އޭރު ޖަލުން މިނިވަންވެ ވަޑައިގަތުމާއެކު، އަލުން އާ ރޫޙެއްގައި ސީދާ ރައީސް ޔާމިންވެސް މި ހަރަކާރަށް ނިކުންނަވާ، ރަށްތަކަށް ދަތުރު ކުރައްވާ، މި ހަރަކާތް ކުރިޔަށް ގެންދަވާފައި ވެއެވެ. އަދި އެހާތަނުން މި ހަރަކާތުގެ ފޯރި އިހުނަށްވުރެ ވަރުގަދަވެ، އަދި "އިންޑިއާ އައުޓު" ހަރަކާތުގައި ބައިވެރިވަމުންދިޔަ މީހުންގެ އަދަދުވެސް ބޮޑު ތަނުން މަތިވެގެން ގޮސްފައި ވެއެވެ.
އެހެންނަމަވެސް، ޚުދު ރައީސް ޔާމިން އިންޑިއާ އައުޓު ހަރަކާތައް ނުކުންނެވި ހިސާބުން ހަރަކާތުގައި ބައިވެރިވަމުންދިޔަ ޕީޕީއެމްގެ އެކްޓިވިސްޓުންގެ އަދަދު އިންތިހާއަށް އިތުރުވެގެން ދިޔަނަމަވެސް، މުޅި ޕީޕީއެމްގެ ލީޑަރޝިޕް އޭރުވެސް މި ހަރަކާތުގައި ބައިވެރި ވެފައި ނުވާކަން ފާހަގަ ކޮށްލާން ޖެހެއެވެ.
މި ގޮތުން ފާހަގަ ކޮށްލެވޭ ބައެއް ބޭބޭފުޅުންގެ ތެރޭގައި، ރައީސް ޔާމީނަށް ފާޑު ވިދާޅުވުމަށްފަހު، ފަހުން އެޕާޓީއާއި ގުޅިވަޑައިގެންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، އަދި ޕީޕީއެމްއާއި ފަހުން ގުޅިވަޑައިގެންނެވި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުވެސް ހިމެނިވަޑައިގަންނަވައެވެ.
މިގޮތުން، އިންޑިއާ އައުޓު ހަރަކާތުން އެއްވެސް ވަރަކަށް ފެނިފައި ނުވާ، އިދިކޮޅު ޕީޕިއެމް އިސް ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިސްވެ ދެންނެވުނު ބޭބޭފުޅުންނަކީ އެންމެ ކުޑަމިނުން، އެބޭފުޅުން އިންޑިއާ އައުޓު ޓީޝާޓުގައި ފޮޓޯއެއްހާ މިންވަރުވެސް މިއަދު ފެންނާން ނެތް ބޭބޭފުޅުންކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ބައެއް ފަރާތްތަކުން ފާހަގަ ކުރައްވާ ގޮތުގައި، އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުން ޖަޒުބާތުގައި، އަވައްޓެރި އިންޑިއާއާއި ދެކޮޅަށް މަގުތައްމަތީގައި މުޒާހިރާކޮށް، ރާއްޖޭގައި ތިބި އެގައުމުތެ ޑިޕްލޮމޭޓުންނަށް އާޑަ ފުރައްސާރަކޮށް، އެއްވުންތައް ބާއްވާ، އަޑު އުފުލަމުން ދިޔައިރު، ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭބޭފުޅުން މި ހަރަކާތައް އޭރު ނިކުންނަވާފައި ނުވަނީ، އެ ހަރަކާތަކީ، އޭރުވެސް ފާލުން ނެއްޓިގެން ގޮސްފައިވާ ހަރަކާތެއްކަން އެބޭބޭފުޅުންނަށް މޭރުން ކުރެވިގެންނެވެ. ނުވަތަ އިންޑިއާ ސަރުކާރުގެ ފަރާތުން ކުރިމަތިވެދާނެ ގޮންޖަހުންތަކުން ރެކިވަޑައިގަންނަވަން އެބޭބޭފުޅުން މިހަރަކާތައް ނިކުންނަވަން ބޭނުންފުޅު ނުވީއެވެ.
އެހެންކަމުން، މިނިވަނެއްގެ ގޮތުގައި ހުންނެވިއިރު، މިހަރަކާތުގެ އެންމެ ކުރީ ސަފުގައި ރައީސް ޔާމިނު ހުންނެވިއެއް ކަމަކު، މިހަރަކާތް ސިފަވެގެން ބޮޑަށް އޭރު ގޮސްފައިވަނީ ޕީޕިއެމްގެ އެންމެ އާދައިގެ އެކްޓުވިސްޓުން ޖަޒުބާތުގައި ޖައްސުވައިގެން ކުރިޔަށް ގެންދިޔަ، މުޅި ލީޑަރޝިޕްގެ ޝާމިލް ވުމެއްނެތް ހަރަކާތެއްގެ ގޮތުގައެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، ބޭރުގެ އަސްކަރިއްޔާއަކުން މުޅިން އަޅުވެތި ކޮށްފައި އޮތް ގައުމެއްގައި، އިސްތިއުމާރީ ބާރަކާއި ދެކޮޅަށް ހިންގާ ޒާތުގެ އެތައްކަމެއް، މިހަރަކާތުގެ ތެރޭގައި އާދައިގެ އެކްޓިވިސްޓުން ހިންގާފައި އެބަހުއްޓެވެ. އޭގެ ތެރޭގައި އެންމެ ފަހުން، އިންޑިއާގެ ޑިޕޮލޮމެޓުން ތިއްބަވާ ތަންތަނުގެ ރައްކާތެރިކަން ގެއްލި، އެފަރާތްތަކުގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް ހާލަތު ގޮސްފައިވާކަން މިފުރުސަތުގައި ފާހަކަށް ކޮށްލާން ޖެހެއެވެ.
އިންޑިއާ އައުޓު ހަރަކާތުން ނަތީޖާއެއް ނުނެވެރި، އޭގެ ނިކަމެތިކަން އެންމެ ފަހުން އެކްޓިވިސްޓުންނަށް!
އިންޑިއާ ސިފައިން ދިވެހި ފަސްގަޑުން ބޭރު ކޮށްފައިމެނުވީ ހުއްޓާ ނުލުމަށް ވައުދުވަމުން ފެށުނު އިންޑިއާ އައުޓު ހަރަކާތް އިދިކޮޅު ޕީޕީއެމްއިން ހުއްޓާލިތާ މިހާރު 8 މަސް ދުވަސް މިވަނީ ފާއިތުވެގެން ގޮސްފައެވެ. އެއީ މި ހަރަކާތަކީ ޢައިރު ގާނޫނީ ހަރަކާތެއްކަމަށް ރައީސް ސާލިހުގެ ގަރާރަކުން ކަނޑައެޅި ހިސާބުންނެވެ.
އެއަށްފަހު މިގަރާރަކީ ސައްޙަ ނޫން ގަރާރެއް ކަމުގައި އިދިކޮޅުން ބުނަމުން އައި ނަމަވެސް، މިގަރާރު ބާތިންކޮށް، އިންޑިއާ އައުޓު ހަރަކާތައް ދިރުން ގެނައުމުގެ ބަދަލުގައި، އިދިކޮޅު ޕީޕީއެމްއިން ނިންމީ އެހާތަނުން އެ ހަރަކާތައް ނިމުން ގެންނާށެވެ.

އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ، މެދު ނުކެނޑި 2 އަހަރެއްހާ ދުވަހު އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރިޔަށް ގެންދިޔަ "އިންޑިއާ އައުޓު" ހަރަކާތުން ކަނޑައެޅި އެއްވެސް އަމާޒެއް ހާސިލް ނުކުރެވި، މި ހަރަކާތް ވަޅުޖެހިގެން ދިއުމެވެ. ގައުމު ބޭރުގެ އިސްތިއުމާރީ ބާރަކުން މިނިވަންކުރުމުގެ ނަމުގެ ފަށިގެންދިޔަ ގައުމީ ހަރަކާތް، ރައީސް ސާލިހު ނެރުއްވި ގަރާރާއި ހަމައިން އެކީ ހިނދިގެން ދިޔައީއެވެ.
އެހެންނަމަވެސް ގަބޫލު ކުރެވޭ ގޮތުގައި، ނަތީޖާއެއް ނުނެރެވި، އަމާޒެއްނެތި، އަވައްޓެރި ބޮޑު ގައުމަކާ ދެކޮޅަށް ކުރިޔަށްދިޔަ މި ހަރަކާތުގެ ހަގީގީ ނަތީޖާއަކީ އެހާހިސާބުން އެކަނި ވަޒަންކޮށް ނިންމާލެވެން އޮތް ކަމެއް ކަމަކަށް މިއަދު ފެންނާކަށް ނެތެވެ.
އޭގެ އެއް ސަބަބަކީ، އިންޑިއާ އައުޓު ހަރަކާތުގެ އެންމެ އިސް ސަފުގައި ހުރެ، މުޒާހިރާތަކަށް ނިކުމެ، އަދި ރާއްޖޭގައި ހުންނަވާ އިންޑިއާ އެމްބެސެޑަރުގެ ގޭދޮށުގައިވެސް އިސްކޮށް މުޒާހިރާ ކުރުމުގައި ބައިވެރިވި، އިދިކޮޅު ޕީޕީއެމްގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ، އެޕާޓީގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) މިހަފްތާގައި އިންޑިއާއިން ޑީޕޯޓު ކޮށްފައި ވާތީއެވެ.
އިންޑިއާއަށް ބޭސްފަރުވާއަކަށް ގޮސް އުޅެނިކޮށް އެގައުމުގެ އިމިގްރޭޝަނުން ހައްޔަރުކުރި ކަމަށްބުނާ، އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު ޑީޕޯޓު ކޮށްފައިވަނީ، އޭނާގެ ފިންގަ ޕްރިންޓުގެ މައްސަލައެއް ސަބަބުން ކަމަށް އިނޑިއާގެ އިމިގްރޭޝަނުން އޭނާގެ ގާތު ބުނިނަމަވެސް، އޭނާއަށް ކުރިމަތިވެދިޔަ މައްސަލައިގެ ހަގީގީ ސަބަބަކީ ކޮބައިކަމާއި، އޭގެ އަސްލަކީ ކޮބައިކަން އެއީ ވަންހަނާ ވެފައި އޮތް ކަމެއް ނޫންކަމުގައި ދަންނަވާން ޖެހެއެވެ.
އަދި އޭނާ އިންޑިއާއިން ޑިޕޯޓު ކޮށްލުމާއެކު، ބޭސް ފަރުވާއަށް އެތައް ދިވެހީންނެއް އަބަދުވެސް ދަތުރު ކުރާން ޖެހޭ އިންޑިއާގައި ބައެއް ދިވެހި ރައްޔިތުންނަށް ކުރިމަތި ވެދާނޭ ގޮންޖެހުންތަކާމެދު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އެހެންނަމަވެސް މި ދަތިކަމާއި، އުދަގުލާއި އަދި ގޮންޖެހުންތައް ކުރިމަތިވެދާނެކަމަށް ގިނަ ބަޔަކު ދެކެމުން ދަނީވެސް އިދިކޮޅު ޕީޕީއެމްގެ އާދައިގެން އެކްޓިވިސްޓުންކަމަށްވެސް މިހާރުވަނީ ހީކުރެވެންވެސް ފަށާފައެވެ.
ގައުމަކާއި ދެކޮޅަށް ހިންގުނު ސިޔާސީ ހަރަކާތެއް ހުދޫން ނެއްޓިގެން ދިޔައީއެވެ. ޚިޔާލު ތަފާތުވުން ހުއްޓަސްވެސް، އެއްވެސް އަމާޒެއްނެތި، ސިޔާސަތެއް ނެތި، އަވައްޓެރި ގައުމެއްގެ ރައްޔިތުންނާއި އެގައުމަކީ ނެތްވަރުގެ ހަތުރަކަށް ހަދާ، ސިޔާސީ ޖަޒުބާތުގައި ހިންގި ހަރަކާތްތަކުގެ ނަތީޖާ ވަރަށްވެސް ހިތި ކަމުގައި މިއަދު މިވަނީ ދަންނަވާން ޖެހިފައެވެ.
އަދި، އަވައްޓެރި ގައުމެއްގެ ޑިޕްލޮމެޓުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް އެކްޓިވިސްޓުންގެ ޖަޒުބާތު މައްޗަށް ޖައްސާ، އޭގެ ޝިކާރައަކަށް ނިމެތި ރައްޔިތު މީހާވެ، ބައެއް ބޮޑުން "ބޯ ދަމައި ގަތީ"އެވެ.
ކޮމެންޓު ފޮނުވާ