ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް އިއްވާފައިވަނީ ހަރާމް ހުކުމެއް ކަމަށާއި، ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރު އޮންނަވަން ޖެހޭނީ ޖަލުގައިކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ޝުޖާ ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރުދީ ދެއްކި ވާހަކަތަކެއްކަމަށް ބުނެ ފަނޑިޔާރުންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޮންލައިން ނޫހެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޢަލީ ރަޝީދު ޙުސައިނަށް، ޢުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަންޖެހޭނީ ޖަލުގައިކަމަށް ބުނެ، ފަނޑިޔާރު، ޢަލީ ރަޝީދަށް ނިސްބަތްކޮށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވާހަކަ ދައްކާފައިވާ ކަމަށް އެ ލިއުމުގައި ލިޔެފައިވާކަމަށެވެ.
ޝުޖާޢު ބުނެފައިވާ އެ ވަހާކަތަކަކީ، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކަށްވާތީ، ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ކަންބޮޑުވުން ފާޅުކޮށް އެ ވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ވަނީ ބުނެފައެވެ. އަދި އިންޒާރުދީ ދައްކާފައިވާ އެވާހަކަތަކާ މެދު ކަމާބެހޭ ފަރާތްތަކުންނާއި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ގޮވާލާކަމަށް މިބަޔާނުގައި ވެއެވެ.
މިވާހަތަކަށް ރައްދު ދެއްވައި ޝުޖާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ޔާމީންއަށް ކޮށްފައިވާ ހުކުމުގައި އިންސާފު އަރާ ހަމަކުރާނެކަމަށެވެ. މިހުކުމް ކުރެއްވި ފަނޑިޔާރަކީ ހުދު ކާފޫރަކަށް ހަަދަން އުޅުނަސް އެކަން ނުވާނެކަމަށް ޝުޖާ ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރައީސް ޔާމީނަށް އިއްވީ ހަރާމް ހުކުމެއް. އޭނާގެ ގައިން "ހުވަދު ވަސް" ދުއްވަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އަޅުގަނޑުމެންނަށް އޭނާގެ ގައިން ދުވަނީ "ގުއި ވަސް" ވަރަށް ގިނަ ލޯޔަރުން ގެ ފަރާތުން އަލީ ރަޝީދުގެ ވާހަކަ އިވިއްޖެ. ޕީޕީއެމްގެ ވެރިކަމެއްގައި މައްސަލަ ބަލާނަން. އަލީ ރަޝީދު އޮންނާނީ ޖަލުގައި.
– ޝުޖާ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ހުކުމް ކުރުމަށް އެއްގަޑި އިރަށް ވެފައިވަނިކޮށް މިމައްސަލަ ބެއްލެވި އޭރުގެ ކުރިމިނަލް ކޯޓުގެ ފަނޑިޔާރު އަހުމަދު ހައިލަމް ސަސްޕެންޑްކޮށް، ހުކުމް ކުރުމަށް ހަވާލުކޮށްފައިވަނީ އަލީ ރަޝީދު އާއިއެވެ. ހުކުމަށްފަހު އޭނާ ވަނީ ސްޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކޮށްފައެވެ.
އަލީ ރަޝީދު ސްޕްރީމް ކޯޓަށް އައްޔަން ކުރެއްވުމާއި ގުޅިގެން އިދިކޮޅު ފަރަތްތަކުން ބުނަމުންދަނީ އޭނާ ސްޕްރީމް ކޯޓަށް އައްޔަން ކޮށްފައިވަނީ ރައީސް ޔާމީނަށް ކުރެއްވި ހުކުމުގެ އިނާމެއްގެ ގޮތުންކަމަށެވެ. އަދިމިއީ ޤާނުނީ ހަމަތަކުން ބޭރުން ދެއްވާފައިވާ މަޤާމެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ