މެމްބަރު ޝަމްޢާގެ ވާހަކަތައް ޓަރައިބިއުނަލްއިން ދޮގުކޮށްފި

މެމްބަރު ޝަމްޢާގެ ވާހަކަތައް ޓަރައިބިއުނަލްއިން ދޮގުކޮށްފި

ގުޅުންހުރި

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ޝަމްޢާ ދަރިފުޅު ގޮވައިގެން އޮފީހަށް ހާޒިރުވެފައިވަނީ އިތުރު އެހެން ގޮތެއް ނެތިގެންކަމަށް ބަޔާން ކޮށްފައިވި ނަމަވެސް އެއީ ކަން ހިގާފައިވާ ގޮތް ނޫންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ބުނެފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ އެ ޓްރައި ބިއުނަލުގެ މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމް ވިހެއުމާގުޅިގެން އެ މެންބަރަށް އެ އޮފީހުން ޗުއްޓީ ހަމަޖައްސައިދީފައި ނުވާކަމަށް ބުނެ އާންމު ރައްޔިތުންގެ މެދުގައި އެ އިދާރާގެ އިތުބާރު ގެއްލޭފަދަ މޭރުމުން 02 ފެބުރުވަރީ 2023 ވަނަ ދުވަހު ސޯޝަލްމީޑިއާގައި ހިއްސާކުރައްވާފައިވާ މަޢުލޫމާތުގެ އިތުރުން ނޫސްތަކަށް އެ މެންބަރު ދެއްވާފައިވާ މައުލޫމާތާ ގުޅިގެން ޓްރައިބިއުނަލްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައެެވެ.

މިގޮތުން މިމައްސަލާގައި ކަން ހިނގާފައިވާ ގޮތް ސާފުކޮށް ދިނުމުގެ ގޮތުން ޓްރައިބިއުނަލް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމް ދީފައިވާ ބަޔާނުގައި ދަރިފުޅު ގޮވައިގެން އޮފީހަށް ހާޒިރުވެފައިވަނީ އިތުރު އެހެން ގޮތެއް ނެތިގެންކަމަށް ބަޔާން ކޮށްފައިވީނަމަވަސް، އަހަރީ ޗުއްޓީގެ 30 (ތިރީސް) ދުވަހާއި، ޢާއިލީ ޒިންމާގެ ޗުއްޓީގެ 10 (ދިހައެއް) ދުވަސް އެފަރާތަށް ޙައްޤުވެ މިހާތަނަށްވެސް ބޭނުންނުކޮށް އޮތްއިރު، އެ ޗުއްޓީތަކުން ޗުއްޓީއަކަށް ވެސް އެފަރާތުން އެދިލައްވާފައިނުވާކަމުގައެވެ.

އަދި މި ބަޔާނުގައި ފާހަގަ ކޮށްފައިވަނީ، އަންހެން ބޭފުޅުންނަށް ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ ޗުއްޓީ ދެއްވުމަށް ރައީސް ސާލިހު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، ސިވިލް ސާވިސް ގާނޫނަށް ގެނެވުނު ބަދަލާ އެއްގޮތަށް އެ އިދާރާއަށް އަމަލް ކޮށްފައި ނުވަނީ އެއިދާރާގެ މެމްބަރުންނާއި މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ނުވާތީއެވެ.

އެހެންނަމަވެސް އެ ވައުދަކީ ރައީސް ސާލިހުގެ ރިޔާސީ ވައިދަކަށް ވާތީ، 2019 ވަނަ އަހަރު އެ އިދާރާގެ މެންބަރުންނަށް މެޓަރނިޓީ ލީވް ހަމަޖެއްސުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ އެއިދާރާއިން ވަނީ މަޝްވަރާކޮށްފައި ވާކަމުގައެވެ. 

އަދި ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް 22 ސެޕްޓެންބަރު 2020 ގައި ޢަމަލުކުރަން ފެށުމާއެކު، އެ ޤާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑެއް ހެދުމަށް ލާޒިމްކޮށްފައިވާތީ،"ވަޒީފާއާބެހޭ ޓްރައިިބއުނަލުގެ މެންބަރުންގެ ސުލޫކީމިންގަނޑު ބަހައްޓަންޖެހޭ ގޮތުގެއުސޫލު"ގެ ނަމުގައި އެ ޓްރައިބިއުނަލުގެ ޢާންމު މަޖިލީހުން އުސޫލެއް ފާސްކޮށް 25 އޮގަސްޓު 2021 ގައި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވާކަމަށްވެސް ބުނެފައި ވެއެވެ. ޓްރައިބިއުނަލްއިން ހާމަ ކޮށްފައިވާ ގޮތުގައި އެ އުޞޫލު ފާސްކުރެވުނީ މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމް ހިމެނޭހެން މިވަގުތު އެ އިދާރާގެ މެންބަރުންގެ ގޮތުގައި ތިއްބެވި ހުރިހާ ފަރާތްތަކުގެ އިއްތިފާޤުން ކަމުގައެވެ.

މިގޮތުން ޓަރައިބިއުނަލްއިން ބުނެފައިވަނީ އެޓްރައިބިއުނަލުގެ 7 މެންބަރުންގެ ތެރެއިން 5 މެންބަރުންނަކީ އަންހެން ބޭފުޅުން ކަމަށްވެފައި، ހުރިހާ އަންހެން މެންބަރުން 6 މަސްދުވަހުގެ މެޓަރނިޓީ ލީވެއް ނެގުމުން އިދާރާގެ މަސައްކަތަށް ބުރޫއަރާ އެތަކެއް ޢާންމު ރައްޔިތުންގެ ޙައްޤުތަކަށް އެކަމުގެ ސަބަބުން ސީދާގޮތެއްގައި އަސަރުކުރާނެކަމަށް މެންބަރުންނަށް ޤަބޫލުކުރެވޭތީ، އިސްވެ ބަޔާންކުރެވުނު އުޞޫލުއެކުލަވާލުމުގައި އެއިދާރާގެ މަސައްކަތަށް ބުރޫނާރާނެހެން ޗުއްޓީތައް ނެގުމަށް ހުރިހާމެން ބަރުން އެއްބަސް ވެފައިވާކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މި ބަޔާނުގައި އިތުރަށް ހާމަ ކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވިހެއުމާގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެނޑޭގޮތަށް، ދަރިފުޅުގެ އުމުރުން 1 އަހަރު ފުރުމާ ހަމައަށް ކޮންމެ ދުވަހަކުވެސް ދަރިފުޅުގެ ގާތަށް ދިޔުމަށް 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު 2 (ދޭއް) ފަހަރު ލިބޭނެކަންވެސް އެ މެމްބަރަށް ޓްރައިބިއުނަލްއިން ވަނީ އަންގާފައެވެ.

މިގޮތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން އޮފީހަށް ހާޒިރުވާންޖެހޭ ގަޑިއަކީ ހެނދުނު 08:30 ކަމުގައިވާތީ، ވަޒީފާއާބެހޭ ޓްރައިބއުނަލުގެ މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމް ވަޒީފާއާބެހޭ ޤާނޫނުން ޙައްޤުވާ އެކިއެކި ހުސްވަގުތުގެ ބޭނުން ހިފުމުން ދުވާލަކު އެފަރާތުން މަސައްކަތްކުރަން މިހަރު ޖެހޭނީވެސް ޖުމްލަ 3 ގަޑިއިރާ 30 މިނެޓުކަންވެސް މިމައްސަލާގައި ކަން ހިނގާފައިވާ ގޮތް ސާފުކޮށްދީ ޓްރައިބިއުނަލްއިން ނެރެފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ޓްރައިބިއުނަލުގެ ބައެއް މުވައްޒަފުންނަށް ހަމަޖައްސާފައިވާ ފަދައިން ގޭގައި ހުރެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައި ނުވަނީ ޒާތީގޮތުންކަމަށް މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމް ނޫސް މަޖައްލާތަކަށް ދީފައިވާ އިންޓަރވިއުތަކުގައި ބަޔާންކޮށްފައި ވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ވަޒީފާއާބެހޭ ޓްރައިބއުނަލަށް ހުށެހެޅޭ މައްސަލަތައް ބެލުންކަމުގައި ވާތީއާއި، ވަޒީފާއާބެހޭ ޤާނޫނުގެ 4-88 ވަނަ މާއްދާގެ ދަށުން ޓްރައި ިބއުނަލުގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދެވޭނީ ވަކި ޚާއްސަ ޙާލަތްތަކެއްގައި ކަމުގައިވާއިރު، އެ ޙާލަތްތަކުގެ ތެރޭގައި މައްސަލަ ބައްލަވާ މެންބަރު ބަލިވުމުގެ ސަބަބުން ނުވަތަ ވިހެއުމާ ގުޅިގެންދޭ ޗުއްޓީގައި ހުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކަށް ގޭގައި ހުރެގެން މައްސަލަތަކުގެ އަޑުއެހުންތަކުގައި ބައިވެރިވުމަށް ވަޒީފާއާބޭހޭ ޤާނޫނު ތަންނުދޭތީ، މެންބަރު މަރްޔަމް ޝަމްޢާ އިބްރާހީމަށް ގޭގައި ހުރެގެން މަސައްކަތްކުރުމުގެ އިންތިޒާމު އެގޮތަށް ހަމަޖައްސައި ދެވެންނެތީކަމަށްވެސް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

މިމައްސަލާގައި ޓްރައިބިއުނަލުގެ ބަހެއް ހޯދުމެއްނެތި ރައްޔިތުންގެ ހިތްތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލާމެދު ޝައްކު އުފެދޭގޮތަށް ނޫސް މަޖައްލާތަކުން ޚަބަރުތައް ޝާއިޢުކޮށްފައިވާތީ ޓްރައިބއުނަލުން ހިތާމަކުރާކަމަށް ވެސް ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ