ޖަލަށް ލައިގެން މިއުޅެނީ ހަމައެކަނި ރައީސް ޔާމީން ނޫންކަމަށާ، ދިވެހި ޒުވާނުން މާދަމައަށް ކުރަމުން ގެންދާ އުންމީދުކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު "ހޯޕް ކޮންފަރެންސް"ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއިން ދަރުބާރުގޭގއި ފެށި ކޮންފަރެންސްގެ އިފްތިތާހީ ޖަލްސާގއި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ޖަލަށް ލައިގެން މި އުޅެނީ ދިވެހުން ދިވެހި ގައުމާ ދޭތެރޭ ކުރަމުން ގެންދާ އުންމީދުކަމަށެވެ. އަދި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ ހުޅުކޮޅުކަމަށަ، މީގެއިތުރުުން މާދަމާގެ ކުޑަކުދިންގެ ހުވަފެންތައްކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހި ގައުމުގެ ވެރިއަކަށް މިހާތަނަށް ނުދޭފަދަ ގަދަރާއި އިހްތިރާމް ދިވެހިރައްޔިތުން ދެއްވާފައިވާ ދިވެހިރާއްޖޭގެ ވަތަނީ ސިޔާސީ ލީޑަރުކަމަށެވެ.
މިއަދުގެ ޖަލްސާގައި އަދުރޭ ވިދާޅުވީ މިވަގުތު ޖަލުގައި ހުންނެވި ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަންނަވަނީ އެމަނިކުފާނު ޖަލުގައި އިންނެވި ނަމަވެސް މާޔޫސް ނުވުމަށްކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަން ބަޔަކު ފޭރިގެންދާއިރު މަޑުން ނުތިބުމަށްވެސް ރައީސް ޔާމީން އެދިވަޑައިގެންފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.
މިއަދު ފެށި އިދިކޮޅު ޕީޕީއެމްގެ "ހޯޕް ކޮންފަރެންސް"ގައި ހާހަކަށްވުރެ ގިނަ މަންދޫބުން ބައިވެރިވާކަމަށް ޕީޕީއެމްއިން ބުނެއެވެ.
މި ކޮންފަރެންސްއާ ގުޅުވައިގެން މާދަމާ ހަވީރު އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމާފައިވެއެވެ. ހޯޕް ކޮންފަރެންސް އޮންނާނީ ހޮނިހިރުދުވަހުގެ ނިޔަލަށެވެ.