ޑިސެމްބަރު 15ގެ ކުރިން ކައުންސިލް އިންތިޚާބު ބޭއްވުމަށް ހުއްދަ ނުލިބިއްޖެނަމަ ނުބޭއްވޭނެ: އީސީ ޝަރީފް

ޑިސެމްބަރު 15ގެ ކުރިން ކައުންސިލް އިންތިޚާބު ބޭއްވުމަށް ހުއްދަ ނުލިބިއްޖެނަމަ ނުބޭއްވޭނެ: އީސީ ޝަރީފް

Author
މުޙައްމަދު ޖިމީ
25 ނޮވެމްބަރ 2020 04:44
0

އަންނަ ޑިސެމްބަރު 15ގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމުގެ ހުއްދަ އެޗްޕީއޭ އިން ނުދީީފިނަމަ އިންތިޚާބު ނުބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިސީ އަހްމަދު ޝަރީފް ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމު އޮތްހާ ހިނދަކު އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންދެވޭނެކަމަށް ޤާނޫނުގައި ބުނެފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކޯވިޑް-19ގެ ރާއްޖޭގެ ޙާލަތަށް ބަލައި އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިއުމުގެ ހުއްދަ ޑިސެމްބަރު 15 ވަނަ ދުވަހުގެ ކުރިން އެޗްޕީއޭއިން އެކޮމިޝަނަށް ދޭންވާނެކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބޭއްވުމަށް ނިންމީ އޭޕްރީލް މަހުގެ 4 ގައެވެ. ނަމަވެސް ކޯވިޑް-19އާއި ގުޅިގެން އިޢުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން އިންތިޚާބު ވަނީ ފަސްކޮށްފައެވެ. އަދި މަޖިލީހުން ފާސްކުރި ކައުންސިލް އިންތިޚާބާއި ގުޅޭ ވަގުތީ ޤާނޫނުގައި ބުނެފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ. ނަމަވެސް އެދުވަސްވަރަކީ އަންނަ އަހަރުގެ ރަމަޟާން މަހާއި ދިމާވާ ދުވަސްތަކެއްކަމުން އިލެކްޝަނަސް ކޮމިޝަނުން ވަނީ އޭގެ ކުރިން އިންތިޚާބު ބޭއްވުމަށް ނިންމާފައެވެ. އެގޮތުން މާރިޗް 6 ގައި އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރައްވާކަމަށް ޝަރީފް ކުރިން ވިދާޅުވެފައިވެއެވެ.

ޝަރީފް ވިދާޅުވީ، ޤާނޫނުގައި އެކޮމިޝަނުން ކުރުން ލާޒިމްކޮށްފައިވާ ތާރީޚުތަކެއް ހުންނަކަމަށާއި، އެގޮތުން ވޯޓާސް ލިސްޓް ޢާންމު ކުރުމާއި، ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ފުރުޞާތު ހުޅުވާލުންފަދަ ގިނަ ކަންކަން ފުރިހަމަކުރަންޖެހޭކަމަށެވެ.

6 މަރޗުގައި އިންތިހާބު ބާއްވާނަމަ 3 ޖެނުއަރީގައި ރަޖިސްޓްރިއާއި ޝަކުވާ ހުށައެޅުމަށް އިުލާންކުރަން. ކެނޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް އަލުން ހުޅުވާލާނަމަ އިންތިހާބު އޮންނަ ދުވަހުގެ ކުރިއަށް 67 ދުވަސް ބޭނުންވާނެ އިނގޭތޯ. ތާރީޚުތައް ކަނޑައަޅާފަ އެތާރީހުތަކަކީ ކެނޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ގާނުނުގައި އެބަބުނޭ މަދުވެގެން 14 ދުވަސް ދޭންވާނެކަމަށް.

-އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް

އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 49 ކެނޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. މިހާތަނަށް ޕާޓީތަކުން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެ ޕާޓީގެ 16 ކެންޑިޑޭޓަކު، ޕީޕީއެމުން ކުރިމަތިލި7 ކެންޑިޑޭޓަކު އަދި ޖޭޕީގެ 6 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި 20 ކެންޑިޑޭޓަކު ވެސް، ވަނީ ނަން ނަގާފައެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.