އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވޭނީ ކަމާބެހޭ ހުރިހާ ފަރާތްތަކަކުން އެއް އަމާޒަކަށް މަސައްކަތް ކޮށްގެންކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ބުނެފިއެވެ.
އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ދުވަހުގެ ތަޙުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، އަންހެނުންނާއި، އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރައްވާ ފަރާތްތަކަށް އަރިސްކޮށް އެމްއާރު އެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ސަރުކާރުތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އަމިއްލަފަރާތްތަކާއި، އ.ދގެ ގުނަވަންތައްވެސް ގުޅިގެން މަސައްކަތް ކުރުމުގެ މަގްޞަދުގައި 2008 އިން ފެށިގެން ދުނިޔޭގައި ހިންގަމުން އަންނަ ޔުނައިޓް ކެމްޕޭނުގެ 16 ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެމްއާރުއެމްގެ އަމާޒެއް ކަމަށެވެ.
މީގެ ކުރީއަހަރުތަކާ ޚިލާފަށް، ކޯވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މީހުންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކާއެކު އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާވެސް މިވަނީ އިތުރުވެފަ. މީގެތެރެއިން ރާއްޖެވެސް ވަކިން އިސްތިސްނާއެއް ނުވެއެވެ. މިއަހަރުގެ ތަފާސް ހިސާބުތަކުން އެކަން ކަށަވަރުވެއެވެ. ފުރަބަންދާއެކު ގޭތެރޭގައި ބަންދުވެފައި ތިބެންޖެހުމުން ޖިސްމާނީގޮތުންނާއި، ނަފްސާނީ ގޮތުންނާއި ޖިންސީގޮތުން އަނިޔާގެ ޝިކާރައަށްވާ އަންހެނުންގެ އަދަދުތައް ދަނީ އިތުރުވަމުންކަން ހިތާމަޔާއެކު ފާހަގަކުރަންޖެހޭ.
– އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ،
އެހެންކަމުން އަންހެނުންނަށްކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކޮށް އަނިޔާގެ ނުރައްކަލުން ޤަޢުމު ސަލާމަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ފަރުދީ ޒިއްމާއެއް ނޫންކަމަށް ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. އަނިޔާ ހުއްޓުވުމަށް ޤާނޫނުތައް ހެދިފައިވީނަމަވެސް އެ ޤާނޫނުތަކަށް އަމަލީ ސިފަ ގެނެވޭނީ، ދަޢުލަތުގެ މުޢައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރާއި، މަދަނީ ޖަމްޢިއްޔާތައްފަދަ މުޖުތަމަޢުގެ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކޮށްގެންކަން އެއީ ބަޙުސެއް އޮތްކަމެއް ނޫންކަމަށް އެމްއާރުއެމްއިން ބުނެފައިވެއެވެ.
އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވޭނީ، އަނިޔާ ކުރުމުގެ ނުރައްކާތެރިކަމަށް މީހުން ހޭލުންތެރިކުރުމާއެކު، އަނިޔާގެ މައްސަލަތައް އަވަހަށް އަދި ފަސޭހައިން ރިޕޯޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، މައްސަލަތައްބަލައި ހަލުވިކަމާއެކު އިންސާފު ހޯދައިދިނުމުގެ ނިޒާމު ހަރުދަނާކޮށް، ކަމާބެހޭ ހުރިހާ ފަރާތްތަކަކުން އެއް އަމާޒަކަށް މަސައްކަތް ކޮށްގެންކަމަށްވާތީ އެކަންކަމަށް އިތުރު ސަމާލުކަމެއް ދެއްވުމަށް އެމް.އާރު.އެމް އިން ވަނީ އިލްތިމާޞް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ