ގއ. ކޫއްޑުއާއި ވިލިގިލި ބުރިޖަކުން ގުޅުވާލުމަށް 2018ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު ވެވަޑައިގެންނެވި ވައުދުގެ ދަށުން، އެ ބުރިޖް އެޅުމުގެ މަސައްކަތް އެމްޓީސީސީއާއި މިއަދު ހަވާލު ކޮށްފިއެވެ.
ބުރިޖްގެ މަސައްކަތް އެމްޓީޓީސީސީއާއި ހަވާލުކުރިކަން ހާމަކޮށް ނެރުނު އިއުލާނުގައި ޕްލޭނިންގ މިނިސްޓްރީން ބުނެފައިވަނީ މިމަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 21.4 މިލިއަން ރުފިޔާއަށް ކަމަށެވެ.
މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމަށް ޕްލޭނިންގ މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ. އެމްޓީސީސީގެ ފަރާތުން މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ކެމްޕޭންގައި ފާއިތުވެދިޔަ ހަފްތާގައި ވިލިގިއްޔަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމުން ރައީސް ސަލިހު ވިދާޅުވީ ވިލިގިއްޔާއި ކޫއްޑޫ ގުޅުވާލާ ބްރިޖްގެ ސާވޭގެ މަސައްކަތް ފައްޓަވާ، ބްރިޖްގެ އަމަލީ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާދެއްވާނެ ކަމުގައެވެ.
ކޫއްޑޫ ވިލިގިލި މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައި މިވަނީ، ކުރިޔަށްދާ އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީގެ ވޯޓުލުމަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ.
ވިލިގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅުވާލުމުގެ ވައުދަކީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވިލިގިއްޔަށް ކުރެއްވި ކެމްޕޭން ދަތުރުގައި އެރަށުގެ ރައްޔިތުންނަށް ރައީސް ސާލިހު ވެވަޑައިގެންފައިވާ ވައުދެކެވެ.