ކުރީގެ އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ފުއާދުގެ ސިޔާސީ ޓްވީޓެއް

ކުރީގެ އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ފުއާދުގެ ސިޔާސީ ޓްވީޓެއް

Author
މުޙައްމަދު ޝަޒައިމް
25 ނޮވެމްބަރ 2020 12:33
0

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި އިންނަވާ ބޭފުޅަކީ އިސްލާމީ ޝަރީއަތަށް އަހުލުވެރި މީހަކަށް ނުވުމަކީ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ބަޙްޘުތަކުގައި ޤުރުޢާނުން ޙުއްޖަތް ޤާއިމުކުރުމަށް އޮތް ހުރަހެއް ނޫންކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ދެއްކެވި ވަހަތަކަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީޤް ސިޔާސީ ރައްދެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ވާހަކަފުޅު ދައްކަވާއިރު ޤުރުއާނުގެ އާޔަތްތަކާއި، އޭގެ މާނަ ވިދާޅުނުވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެން ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައި ޑރ.އަބްދުﷲ ދީދީ ވިދާޅުވީ އިސްލާމީ ޝަރީޢަތާއި، ދުސްތޫރީ ނިޒާމަށް އަހްލުވެރި ނޫން މީހަކު ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހުރުމަކީ، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށް ހުވައިކޮށްގެން ތިބޭ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ބަޙްޘުތަކުގައި ޤުރުޢާނުން ޙުއްޖަތް ޤާއިމުކުރުމަށް އޮތް ހުރަހެއް ނޫންކަމަށެވެ.

މިވާހަތަކާއި ގުޅިގެން ފުއާދު ވިދާޅުވީ ޑރ.އަބްދުﷲ ދީދީ އަކީ އިސްލާމީ ޝަރީއަތާއި، ދުސްތޫރީ ނިޒާމުގެ ހުރުމަތް ކަނޑައި، ހިތުހުރި ގޮތަކަށް ޝަރީއަތް ކުރި ފަނޑިޔާރެއްކަމަށެވެ. ފުއާދު މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، ފުއާދަކީ މިނިވަން ކޮމިޝަނެއްގައި ރައްޔިތުންގެ އެންމެ މުހިންމު މަސްއޫލިައްޔަތު އަދާކުރުމުގެ ޒިންމާ އަދާކުރައްވަމުންދާ ބޭފުޅެކެވެ.

މިނިވަން ކޮމިޝަންގައި ތިއްބަވަ ބޭފުޅުން ސިޔާސީ ބޭފުޅުންނާއި، ދައުލަތުގެ އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ދައްކަވާ ސިޔާސީ ވާހަތަކަށާއި، ޖުޑީޝަރީއަށް ފާޑުވިޑާޅުވެ ވާހަކަ ދެއްކުމަކީ އެބޭފުޅުންގެ މިނިވަންކަމާއިމެދު ސުވާލު އުފެދޭ ކަމެއްކަމަށް ގިނަ ބޭފުޅުން ވިދާޅުވެއެވެ.

މަޖިލީހުގެ ޖަލްސާގައި ބުހުސް ކުރެވުނު ހޯމް މިނިސްޓްރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަދައްކަވަމުން ކީރިތިގުރުއާން ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން މަޖިލިސް ރައީސް ވަނީ ސަލީމް ހުއްޓުވައި މަޖިލީހުގައި ޤުރުއާންނުގެ އާޔަތް ވިދާޅުވެ މާނަ ނުކިޔުމަށް އެދިވަޑައިގެންފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ މިގޮތަށް މިކަން ކުރަންޖެހެނީ އެމަނިކުފާނަކީ ޤުރުއާން ހިތުދަސް ބޭފުޅަކަށް ނުވެފައި، މަޖިލީހުގައިވެސް ތިއްބެވީ ޤުރުއާން ހިތުދަސް ޝައިހުންނަށް ނުވުމުން ޤުރުއާން ވިދާޅުވެ މާނަ ވިދާޅުވުމުން އޭގެ ސައްޚަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އެހެންވުމުން އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަވާއިރު ޤުރުއާނާއި އޭގެ މާނަ ވިދާޅު ނުވުންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.