ވާވެއްދިފަރަށް އެރި އުޅަނދެއްގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖުރިމަނާ ކޮށްފި

ވާވެއްދިފަރަށް އެރި އުޅަނދެއްގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖުރިމަނާ ކޮށްފި

Author
ހުސެއިން
25 ޖެނުއަރީ 2023 01:47
0

AM AAGAM ނަމަކަށް ކިޔާ ބާޖާއި AM ALPIT ނަމަކަށް ކިޔާ ޓަގެއް 23 ޖުލައި 2022 ވަނަ ދުވަހު ކ. ވާވެއްދިފަރަށް އަރާ އެފަރަށް ލިބިނު ގެއްލުމުގެ ބަދަލުގައި ދި މިޑްލްއީސްޓް މެރިން އެލް.އެލް.ސީ ނަމަކަށް ކިޔާ ކުންފުންޏެއް އީޕީއޭއިން 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި އުޅަނދުތައް ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން 100,000,000.00 (އެއްސަތޭކަ މިލިއަން) ދިވެހިރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލްއީސްޓް މެރިން އެލް.އެލް.ސީ ވަނީ ޖޫރިމަނާ ކޮށްފައި ވާކަމުގައެވެ.

އީޕީއެން ބުނެފައިވަނީ އެ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ފަރާތަށް ވަނީ 22 ޖަނަވަރީ 2023 ގައި އެންގިފައި ވާކަމުގައެވެ.

އީޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީއިން 13 އޮގަސްޓް 2022 ގައި އެ ސަރަޙައްދަށް ގޮސް ސަރވޭކޮށްފައި ވާކަމަށާއި އޭގެ އިތުރުން، އެ އުޅަނދުގެ ވެރިފަރާތުން ކުރި ސަރވޭގައި އެޗްޕީއޭގެ ފަރާތުން އޮބްޒަރވަރެއްގެ ގޮތުގައި ބައިވެރިވެފައިވާކަމުގައެވެ.

އެޗްޕީއޭއިން ބުނެގައިވަނީ، ފަރަށް ލިބުނު ގެއްލުންތައް ދިރާސާކޮށް ބެލިބެލުމުން އެ ފަރުގެ 3،926 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައި ވާކަމުގައެވެ. މިގޮތުން، ޤަވާޢިދު ނަންބަރު:2011/R-9 ގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 148,381,500.00 (އެއްސަތޭކަ ސާޅީސް އަށްމިލިއަން ތިންލައްކަ އަށްޑިހަ އެއްހާސް ފަސްސަތޭކަ ރުފިޔާ) ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އެހެންނަމަވެސް، ޤާނޫނު ނަންބަރު:4/93 ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ކަމުގައިވާތީވެ، 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ޖޫރިމަނާއެއް ކޮށް، 30 ދުވަހުގެ ތެރޭގައި އެ އެެޖެންސީއަށް ފައިސާ ދައްކާ ޚަލާސްކުރުމަށް އަންގާފައިވާނެކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ޤާނޫނު ނަންބަރު:4/93 ގެ 10 ވަނަ މާއްދާގެ ދަށުން، ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާއި އެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް މި މައްސަލައިގެ އިސްތިއުނާފް މަރުޙަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ހަމަޖެހިފައި ވާކަމުގައެވެ.

ތިމާވެށީގެ ގާނޫނު ބުނާގޮތުން ފަރުތަކަށް ލިބޭ ގެއްލުންތަކަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނީ 100 މިލިއަން ރުފިޔާއިން އެވެ.

ރާއްޖޭގައި ޢަމަލުކުރަމުންދާ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގައިވާގޮތުން ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ޝަރީއަތް މެދުވެރިކޮށް ބަދަލު ހޯދުމުގެ އިޚްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ. އަދި މީގެ ކުރިންވެސް ހިނގާފައިވާ މިފަދަ ބައެއް ހާދިސާތަކުގައި، ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.