ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ހަސަން ލަތީފް ކުޅިވަރާ ބެހޭ ގާނޫނަށް ހުށަަހަޅުއްވާ އިސްލާހުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ހިމަނުންވާފައިވާތީ އެކަމަށް ފާޑުކިޔާ ފަރާތްތަކަށް މަޖިލިސް ރައީސް ރައްދު ދެއްވައިފިއެވެ.
ކުޅިވަރުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް މަރުހަލާ މިއަދު މަޖިލީހުގައި ފައްޓާފައިވާއިރު، މިބިލުގައި އެސޯސިއޭޝަންތަކުގެ އިންތިޚާބް ބާއްވާނީ އިލެކްޝަން ކޮމިޝަނުންކަމަށް ބުނާ މާއްދާއަށް އިޝާރަތްކޮށް މަޖިލިސް ރައީސް ވިދާޅުވީ އިންސާފުވެރި އިންތިޚާބެއް ބާއްވައިގެން ދުނިޔޭގެ އެއްވެސް އިދާރާއަކުން ރާއްޖެ ސަސްޕެންޑް ކުރާނަމަ އަވަހަށް އެއިދާރާއަކުން މިހާރުން މިހާރަށް ވަކިވަންޖެހޭކަމަށެވެ.
އިންސާފުވެރިކަމާއި އެކީގައި ދެފުށް ފެންނަ ގޮތަކަށް އިންތިޙާބެއް ބާއްވައިގެން މި ރާއްޖެ ވަކި ކުރާ ޖަމާއަތެއް އޮވެއްޖިއްޔާ ކުރިއާލައި އެ ތަނަކުން އަޅުގަނޑުމެން ވަކިވާން ފެންނަނީ. ދެފުށް ފެންނަ ގޮތަށް އިންތިޚާބެއް ބާއްވައިގެން ޖަމްއިއްޔާއަކާއި ބައިވެރިވެފައިވަންޏާ އެއީ ޤާނޫނު އަސާސީއާއިވެސް ކަނޑައެޅިގެން ޚިލާފުކަމެއް.
– މަޖިލިސް ރައީސް ވިދާޅުވިއެވެ.
ހަސަން މިއަދު ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ ކުޅިވަރުގެ އިންތިހާބުތައް އިންސާފުވެރިކޮށް ދެފުށްފެންނަ އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއްގެ ގޮތުގައި ހެދުމަށް މުހިއްމު ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބް ޖަމިއްޔާތަކުގެ އިންތިހާބުތައް އިލެކްޝަން ކޮމިޝަން ދަށަށް ގެންދިއުމަކީ ޑިމޮކްރަސީކަމަށް ދެކުމާ ދެކޮޅަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) ވެސް ވަނީ ވިދާޅުވެފައެވެ.
ސިޔާސީ ޕާޓީގެ އެތެރޭ އިންތިހާބު ބަލަހައްޓަން އިލެކްޝަން ކޮމިޝަން އަށް ފުރުސަތު ނުދޭން ގަދައަޅައި މަސައްކަތްކަތް ކުރި މީހުން މިއަދު ބޭނުންވަނީ ނެޝަނަލް އެސޯސިއޭޝަންތަކާއި ދެހާހެއްހާ ކްލަބް ޖަމިއްޔާގެ އިންތިހާބު އިލެކްޝަން ކޮމިޝަނުން ބަލަހައްޓަން.
– މަރުޒޫގު އޭނާގެ ރަސްމީ ފޭސްބުކްގައި ލިޔުއްވިއެެވެ.
ކުޅިވަރާ ބެހޭ ގާނޫނަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ހުށަަހަޅުއްވާފައިވާ އިސްލާހުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ހިމަނުންވާފައިވާތީ އެކަމާ ދެކޮޅަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ރާއްޖޭގެ 18 ގައުމީ ކުޅިވަރު އެސޯސިއޭޝަނުން ވަނީ ތެދުވެފައެވެ.
މިނިސްޓަރާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ދެކޭގޮތުގައި މި އިސްލާހު މި އޮތްގޮތަށް ފާސްވެ، އިލެކްޝަން ކޮމިޝަނުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބު ބާއްވައިފިނަމަ ތިން ވަނަ ފަރާތެއްގެ ނުފޫޒު އެސޯސިއޭޝަނަށް ފޯރިކަމަށް ބުނެ ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ރާއްޖެ ސަސްޕެންޑްކުރާނެއެވެ.
ކޮމެންޓު ފޮނުވާ