ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަކީ ހަދީސް އިލްމުގެ ބޭފުޅެއްކަމަށާއި، ހިންގުމުގެ ދާއިރާގަ ހުންނެވުމުން ކަންބޮޑުވާކަމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާރު ވާދަކުރައްވަމުން ގެންދަވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ ރޭ ދިވެހި ޗެނަލަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި، ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީގެ ބޭފުޅުން މަގާމްތަކުގަ ބައިތިއްބަން އެދުނުނަމަވެސް އެޕާޓީގަވެސް މަގާމްތަކަށް ގެނެވޭނެ ބޭފުޅުން އެބަ ތިބި ކަމަށާއި، އެހެންނަމަވެސް އެޕާޓީގަވެސް ގޮތެއް ހިފަހައްޓަވާ، އުސޫލުގަ ތިއްބަވާ ބޭފުޅުން އެއްވެސް މަގާމަކާއި ގާތްވެފައި ނުވާކަމަގައެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކީ އަދާލަތު ޕާޓީގެ ބޭފުޅެއް. އަދި އެކަން އެކަންޏެއް ނޫނޭ.. އަޅުގަޑަށް ހީވަނީ އެ ބޭފުޅާގެ އިލްމީ ދާއިރާއަކީ ހަދީސްހެން. އެއީ ވަރަށް ރަގަޅަށް ހަމަ އަޅުގަޑުމެންނަށް ބޭނުން ކުރެވޭނެ އިލްމެއް. އެހެންނަމަވެސް އިގްތިސާދީ ކަމެއްގެ ތެރޭގަ، ހިންގުމުގެ ތެރޭގަ، އެއީ އުދަގޫ ކަމެއް. އަޅުގަޑު ކަންބޮޑުވޭ މިސާލަކަށް.. އަޅުގަޑުމެން އަދި އެޕާޓީން ބޭފުޅަކު ބަހައްޓާން އެދުނު ނަމަވެސް، އެބަތިއްބޭ އެޕާޓީގަވެސް މިކަންކަމަށްވެސް ކުރެވޭނެ ބާވަތުގެ ބޭފުޅުން. އެހެންނަަމެވެސް އަދާލަތު ޕާޓީގެވެސް ގޮތެއް ހިފަހައްޓަވާ، އުސޫލުގެ ތިއްބަވާ ބޭފުޅުން ގާތެއް ނުވިއޭ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފު އަލީ ޒާހިރަށް ނިސްބަތްކޮށް މި އިންޓަވިއުގަ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ހުރިހާ އުސޫލުތަކާއި އިދިކޮޅަށް ސަރުކާރު ހިނގަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގައެވެ. އަދި ސަރުކާރުގެ ސިޔާސަތުތައްވެސް ތަންފީޒުވަމުން ދަނީ އެމަގުން ނޫން ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.
އަދާލަތު ޕާޓީއަކީ 2018ވަނަ އަަހަރު ވެރިކަމަށް ވަޑައިގަންނަވަން ރައީސް ސާލިހު އުފެއްދެވި ކޯލިޝަން ސަރުކާރުގެ ވަރަށް މުހިންމު ބައިވެރިއެކެވެ. ރައީސް ސާލިހުގެ ސަރުކާރުގައި އެޕާޓީގެ ފަރާތުން ކެބިނެޓް ދެ ވަޒީރުންވެސް ތިއްބަވައެވެ. އަދި އޭގެ އިތުރުންވެސް ސަރުކާރުގެ އިސް ބައެއް މަގާމްތަކުގައި އެޕާޓީގެ ބައެއް ބޭފުޅުން ތިއްބަވައެވެ.
އަދާލަތު ޕާޓީން އިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ކޯލިޝަން ހަދާނީ ގިނަބަޔަކާއެކީ ވެރިކަން ކުރެއްވޭނެ ބޭފުޅަކާއެކީ ކަމަށެވެ. އެހެންނަމަވެސް ކޯލިޝަން ހަދާނީ ކޮންބޭފުޅަކާ އެކީކަމެއް އަދި އެޕާޓީން ހާމަ ކޮށްފައެއް ނުވެއެވެ.