ދައުލަތުގެ މާލިއްޔާއިން ބޮޑު ޚަރަދުކޮށްގެން ތިމާގެ އަނބިންނާއި، ފިރިންނަށް ބޮޑެތި އިނާޔަތްލިބޭ ވަޒީފާތަކާއި "ޕްރޮޖެކްޓް" ތައް ދިނުމަކީ މީހުން މެނޭޖް ކުރުން ނޫންކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ހޯމް މިނިސްޓަރ އިމްރާނަށް ރައްދު ދެއްވައިފިއެވެ.
ދިޔާނާ މިހެން ވިދާޅުވީ އެންމެ ރަނގަޅު ވެރިކަމެއް ކުރެއްވޭނީ އެންމެ މޮޅަށް މީހުން މެނޭޖް ކުރެވޭ މީހަކަށް ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންނެވެ. އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެ ރަނގަޅު ވެރިކަމެއް ކުރެވެނީ މޮޅަށް މީހުން މެނޭޖް ކުރެވޭ މީހަކަށް ކަމީ ޒަމާނުއްސުރެ އިންސާފނުން ގަބޫލު ކުރަމުން އަންނަ ހަގީގަތެއް ކަމަށެވެ.
އިމްރާންގެ ޓުވީޓާއި ގުޅިގެން ދިޔާނާ ވިދާޅުވީ އެންމެ ރަނގަޅަށް މީހުން މެނޭޖް ކުރާ މީހަކީ އޭގައިން ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް މާލީ މަންފާ ލިބޭގޮތަށް ކަންކަން ފަހިކުރާ މީހާ ނޫންކަމަށެވެ. ދައުލަތުގެ ވަޒީފާތަކާއި، ބޮޑެތި މުސާރައާއި އިނާޔާތްލިބޭ މަޤާމުތަކުގައި ތިމާގެ އަނބިންނާއި، ދަރިން ތިބެ، އަދި ބޮޑެތި ޕްރޮޖެކްޓްތައް ހިންގުން ތިމާއަށް ލިބުމަކީ މީހުން މެނޭޖް ކުރުން ނޫންކަމަށް ދިޔާނާ ވިދާޅުވިއެވެ.
ވަޒީރުން އިތުރު އަނބިންނާއި، ފިރިން ގެންގުޅެން ފަހިކުރަން އެ އަނބިންނާއި ފިރިންނަށް ދައުލަތުގެ މާލިއްޔަތުން ބޮޑު މުސާރައާއި، އިނާޔަތް ލިބޭ ވަޒީފާއާއި، "ޕްރޮޖެކްޓް" ދިނުމަކީ މީހުން މެނޭޖް ކުރުމެއްނޫން. އެއީ ކޮރަޕްޝަން.
– ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ އެންމެ ރަނގަޅަށް މީހުން މެނޭޖް ކުރާ މީހަކީ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ކަންކަން ކުރާ އަދި އޭގެ ނަތީޖާވެސް ރައްޔިތުންނަށް ފެންނަން ހުންނަ ކަންކަން ކޮށްދޭ މީހާކަމަށެވެ. ވަކިވަކި ކަންކަމަށް މިސާލު ނަންގަވައި ދިޔާނާ ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ތަޢާތަފްކުރި ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ.
އެންމެ ރަނގަޅު ވެރިކަމަކީ އެ ވެރިކަމުން ރައްޔިތުންނަށް މަންފާ ފޯރުވައިދޭ ވެރިކަން.
މިސާލު:
– އާސަންދަ
– އިސްރަށްވެރިންގެ އިނާޔަތް
– އެކަނިވެރި މައިންނަށް ދޭ އިނާޔަތް
– ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް
– ރަށު ބަންދުން ވީއްލުވައިދިން ދަތުރުފަތުރުގެ ނިޒާމު
ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި އަދާލަތު ޕާޓީގެ ރައީސާއި، އެޕާޓީގެ އިސްބައެއް މެމްބަރުން ރައީސް ޞާލިހަށް މިއިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތްގޮތަށް ވާހަކަދައްކައި، ފާޑުކިޔާތީ ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ދަނީ އިމްރާނާއި އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ