ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ދެ ތާރީހަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ، އިންތިހާބު އޮންނާނެ ތާރީހު ފައިނަލް ކޮށް މިމަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. މިހާރު މަޝްވަރާތައް ކުރެވި އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވަނީ ސެޕްޓެމްބަރު ދެވަނަ ދުވަސް، ނުވަތަ ނުވަ ވަނަ ދުވަހެވެ.
ސެޕްޓެމްބަރު 2 ނުވަތަ 9 އެއް އަޅުގަނޑުމެން މި ބަލަނީ، އޭގެތެރެއިން ކޮންމެވެސް އެއް ތާރީހެއްގައި ފުރަތަމަ ބުރު ބާއްވަން މި ވިސްނަނީ. ތާރީހު ފައިނަލް ކުރުމަށްފަހު އަޅުގަނޑުމެން މިމަހުގެ 15 ވަނަ ދުވަހު ނޫސްވެރިިންގެ ބައްދަލުވުމެއްގައި އިއުލާން ކުރާނަން ތާރީހުތައް.
– ފުވާދު ވިދާޅުވިއެވެ.
ދެވަނަ ބުރެއް ބާއްވަން ޖެހިއްޖަނަމަ، އެ ބުރު ބާއްވާނީ 28 ނުވަތަ 30 ގައި ކަންވެސް ފުވާދު ފާހަގަކުރެއްވިިއެވެ. އޭނާ ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުން އަންނަނީ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތް އިލެކްޓޯރިއަލް މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް އެތަން ހޯދުމުގެ މަސައްކަތް ކަމަށާއި މި މަހުގެ ތެރޭގައި އެތަން ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުން އަންނައިރު ވެރިކަން ކުރާ އެމްޑީޕީން މިމަހުގެ 28 ވަނަ ދުވަހު އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެއެވެ. ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދެވެ.
އިދިކޮޅު ޕީޕީއެމް އިން ރިޔާސީ ޓިކެޓް ދީފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށެވެ. ނަމަވެސް ޔާމީނަށް މިހާރު ޖަލު ހުކުމެއް އިއްވާފައި ވުމުން މަތީ މަރުހަލާގެ ކޯޓަކުން ހުކުމް ބާތިލްނުކުރާނަމަ އެމަނިކުފާނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. މަޖިލިސް މެންބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވިދާޅުވެފައެވެ. އިންތިހާބުގައި ވާދަކުރާނެ ކަމަށް ލަފާކުރެވޭ ބޭފުޅުންގެ ތެރެއިން މިހާތަނަށް ވަކިގޮތެއް އިއުލާން ނުކުރައްވާ ހުންނެވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.
ރިޔާސީ އިންތިޚާބުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް އޮންލައިންކޮށް ރަޖިސްޓަރީވެވޭނެ ގޮތް ހަދަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރާއްޖެގައި ބާއްވާ ކޮންމެ އިންތިޚާބެއްގައިވެސް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ފަރާތްތަކަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ ރަޖިސްޓަރ ވުމުގެ ފުރުޞަތު ހުޅުވާލައެވެ. ކުރިން މިކަން އޮތީ ރީ-ރަޖިސްޓްރީ ވުމަށް ފޯމް ފުރުމަށްފަހު މާލޭގައި ނަމަ އިންތިޚާބާ ބެހޭ މައި މަރުކަޒަށް ހުށައަޅާގޮތަށެވެ. އަތޮޅުތަކުގައި ރަށު ކައުންސިލް އިދާރާތަކުންނާއި، ސިޓީ ކައުންސިލްތަކަށް އެ ފޯމް ހުށައަޅަންޖެހެއެވެ.
ކޮމެންޓު ފޮނުވާ