ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ރެކޯޑުކޮށް، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލާގައި ހައްޔަރުކުރި ކަމަށްބުނާ މީހުން ދޫކޮށްލައިފިއެވެ.
މި މައްސަލައަކީ އަލްމަގީރާއެކު ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެގެން ފެންމަތިވި މައްސަލައެކެވެ. ފުލުހުން ބުނީ މިމައްސަލާގައި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، އަދި ރެކޯޑް ކޮށްފައިވާ ކަމަށެވެ.
ބްލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑުކޮށް އަދި ބައެއް ވީޑިއޯތައް އާއްމުކުރި މައްސަލައިގައި ތުހުމަތުކޮށް ފުލުހުން ވަނަވަރު އާންމު ކުރީ ތިން މީހެއްގެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ހަމްދޫން، 37 / ބ. ދަރަވަންދޫ، އަކިރި، މުހައްމަދު މިހާދު މުސްތަފާ،24 / ބ. ދަރަވަންދޫ، ހީމަ، އަދި މައުމޫން މޫސާ، 41 / ށ. ފުނަދޫ، ސީސްޓާ އެވެ. އެ މީހުންގެ ތެރެއިން ޙަމްދޫން އާއި މުޙައްމަދު މިހާދު މުޞްޠަފާ ހައްޔަރުކޮށްފައިވަނީ 2022 ސެޕްޓެމްބަރ 18 ވަނަ ދުވަހުއެވެ. އަދި މައުމޫން މޫސާ ހައްޔަރު ކޮށްފައިވަނީ 2022 ސެޕްޓެމްބަރ 20 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހާ މަޝްވަރާ ކުރުމުން، ލިބިފައިވާ ހެއްކަކީ ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ ބުރަދަން ހުރި ހެކިތަކެއް ނޫން ކަމަށް އެ އޮފީހުން އަންގާފައިވާ ކަމަށެވެ. އެހެންވެ، މައްސަލަ ފައިލް ކުރުމަށް ޕީޖީ އޮފީހުން ލަފާ ދީފައިވާތީ، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލައި މައްސަލަ ފައިލްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންނަމަވެސް، މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ލިބިއްޖެ ނަމަ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮތްކަން ފުލުހުން ފާހަގަކުރިއެވެ.
އަލަމްގީރްއާއި އެކީ އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ މަހުމޫދު ރިޔާޒު ވެސް ހިމެނެއެވެ.