އިސްރާއީލުގެ ހައްދުފަހަނައެޅި މިނިސްޓަރު އަލް އަޤްސާ މިސްކިތުގެ އިމާރާތަށް ވަނުމާއެކު ނުތަނަވަސްކަން އުފެދިއްޖެ

އިސްރާއީލުގެ ހައްދުފަހަނައެޅި މިނިސްޓަރު އަލް އަޤްސާ މިސްކިތުގެ އިމާރާތަށް ވަނުމާއެކު ނުތަނަވަސްކަން އުފެދިއްޖެ

Author
ހުސެއިން
03 ޖެނުއަރީ 2023 04:33
0

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަލަށް އުފެއްދެވި ކޯލިޝަން ސަރުކާރުގެ، ކަނާތުފިޔައިގެ ހައްދުފަހަނަ އެޅި ސިޔާސަތުތަކަށް ތާއީދުކުރާ، ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިޓަމާރު ބެން ގްވިރު، އިރުމަތީ ޖެރޫސެލަމްގައި ހުންނަ އަލް އަޤްސާ މިސްކިތުގެ އިމާރާތުގެ ތެރެއަށް ވަނުމާއި ގުޅިގެން ޖެރޫސެލަމްގައި ނުތަނަވަސްކަން އުފެއްދިއްޖެއެވެ.

ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓްގައި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރުކަމަށް އައްޔަންކުރި އިޓަމާރު ބެން ގްވިރް އަޤްސާ މިސްކިތް ހިމެނޭ އިމާރާތުގެ ތެރެއަށް ވަނުމާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ބުނަމުންދަނީ މިއީ ހަމަނުޖެހުން އުފެއްދުމުގެ މަގުސަދުގައި އޭނަ ހިންގި އަމަލެެއް ކަމުގައެވެ.

އިޓަމާރު ބެން ގްވިރ އަލް އަޤްސާ މިސްކިތް ހިމެނޭ އިމާރާތުގެ ތެރެއަށް އަންގާރަ ދުވަހު ވަދެފައިވަނީ ވަރަށް ވަރުގަދަ ސެކިއުރިޓީއަކާއެކުއެވެ.

"އަހަރެމެންގެ ސަރުކާރުން، ހަމާސްއިން ދައްކަމުންދާ ބިރަކަށް ނުސިހޭނެ،" ފަލަސްތީނުގެ ގާޒާގައި ވެރިކަން ކުރަމުންދާ ހަމާސްއިން ޖަމައަތުން، އޭނާ މިސްކިތަށް ވަނުމަކީ ރަތް ރޮނގު ހުރަސްކުރުންކަމަށް ބުނުމާއި ގުޅިގެން، އިޓަމާރު ބެން ގްވިރގެ ތަރުޖަމާނު އޭނާގެ ފަރާތުން އާންމު ކުރިސް ސްޓޭޓްމަންޓެއްގައި ބުނެފައިވެއެވެ.

އިޓަމާރު ބެން ގްވިރުއަކީ، މުސްލިމުން މާތްވެގެންވާ އަލް އަޤްސާ މިސްކިތަށް ޔަހޫދީންނަށް ވަނުމުގެ މިނިވަންކަން ލިބެންޖެހޭނެކަމަށް ވަކާލާތު ކުރަމުން އަންނަ މީހެކެވެ. އެހެންނަމަވެސް ފަލަސްތީނުން ދެކެނީ މިއީ ފަލަސްތީނުގެ ރައްޔިތުން ރުޅިއަރުވާ، އަދި އަލްއަޤްސާ މިސްކިތް އަމިއްލަ ކުރުމަށް ޔަހޫދީން ރާވަމުންދާ ހީލަތްތެރި ރޭވުންތަކުގެ ބައެއްގެ ގޮތުގައެވެ.

ޔަހޫދީ ދީނުގެ އިސް ރައްބީންވަނީ ޔަހޫދީން އަލް އަޤްސާ މިސްކިތްތެރޭގައި ޔަހޫދީން އަޅުކަން ކުރުން މަނާ ކޮށްފައެވެ.

އަލް އަޤްސާ މިސްކިތުގެ އިމާރާތު ތެރެއަށް ވަނުމަށްފަހު އިޓަމާރު ބެން ގްވިރު ޓުވިޓަރގައި ވަނީ ހަމާސް ޖަމާއަތަށް އިންޒާރު ދީފައެވެ.

"އެތަނަކީ ހުރިހާ އެންމެންނަށް ހުޅުވިފައިވާ ތަނެއް، އަދި ހަމާސްއިން އެމީހުންގެ ބިރު ދެއްކުމަށް އަހަރެން ފަހަތަށް ޖެއްސިދާނެކަމަށް ދެކެންޏާ އެމީހުން ދަންނަންވީ ކަމަކީ، މިއަދު މިއީ މުޅިން އެހެން ދުވަހެއްކަން،" އިޓަމާރު ބެން ގްވިރު އޭނާގެ ޓުވިޓަރގައި ލިޔެފައި ވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އަރަބި ތަރުޖަމާނެއްގެ ގޮތުން ދިގު މުއްދަތެއްވަންދެން މަސައްކަތް ކުރަމުންދާ އޯފިރު ޖެންޑެލްމެން، އިޓަމާރު ބެން ގްވިރް މިސްކިތް ހިމެނޭ ސަރަހަދު ދޫކޮށް ދިއުމަށްފަހު އެ ސަރަހައްދުގެ ވީޑިއޯ އާންމުކުރަމުން ބުނެފައިވަނީ، "ސަރަހައްދު އޮތީ މުޅިންވެސް އަމާންކޮށް" ކަމުގައެވެ.

ބެލެވޭ ގޮތުގައި، ފަލަސްތީނު ރައްޔިތުންނާއި ކުރިމަތި ލުމަކަށް ދާންޖެހިދާނެތީ، އިޓަމާރު ބެން ގްވިރު މިސްކިތް ހިމެނޭ ސަރަހައްދަށް ވަދެފައިވަނީ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ.

އެހެންނަމަވެސް ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ، "ހައްދު ފަހަނައެޅި ވަޒީރު، އަލް އަޤްސާ މިސްކިތް ހިމެނޭ ސަރަހައްދަށް ވަނުން ވަރަށް ބޮޑަށް ކުށްވެރިކޮށް، އަދި މިއީ ފަލަސްތީނުގެ ރައްޔިތުން ރުޅިއަރުވާ، މަސްރަހު ހޫނުކުރުމުގެ މަގުސްދުގައި ހިންގި އަމަލެއް" ކަމަށް ބުނެފައެވެ.

އިސްރާއީލުގެ އިދިކޮޅު ލީޑަރު، އަދި ކުރީގެ ބޮޑުވަޒީރު ޔައިރު ލަޕިޑް ވިދާޅުވެފައިވަނީ، އިޓަމާރު ބެން ގްވިރު އަލް އަޤްސާ މިސްކިތް ހިމެނޭ ސަރަހައްދަށް ކުރުމަށް ރާވާފައި އޮތް ޒިޔާރަތުގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތަކެއް އުފެދި އެތައްބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިގެން ދާނެކަމަށެވެ.

އިޓަމާރު ބެން ގްވިރު އިޒްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރކަމާއި ހަވާލުވެފައިވަނީ، ފާއިތުވެދިޔަ ހަފްތާގައި، ނަތަންޔާހޫ އުފެއްދި ކޯލިޝަން ސަރުކާރުގައި އޭނާގެ ޕާޓީން ބައިވެރިވުމާއެކުއެވެ.

6 ވަނަ ފަހަރަށް އިސްރާއީލުގެ ވެރިކަމަށް ވަޑައިގަތުމަށް ނަތަންޔާހޫ ހެއްދެވި ކޯލިޝަންގައި މެދުމިނަށް ތާއީދުކުރާ ހަމައެކަނި ޕާޓީއަކަށް އޮތީ އޭނާގެ ލިކޫޑް ޕާޓީއެވެ.

މިގޮތުން ނަތަންޔާހޫ އުފެއްދެވި ކޯލިޝަން ކެބިނެޓްގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރަކަށް ވަޑައިގަތް އިޓަމާރު ބެން ގްވިރް އަކީ ޓެރަރިޒަމަށް ހިތްވަރުދީ، އަރަބިންނާއި ދެކޮޅަށް ނަސްލީ ފަތާތުކުރުން ގެންގުޅުމުގެ ކުށުގައި ދައުވާކުރެވި ކުށް ސާބިތުވެފައިވާ، ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީއެކެވެ. ނަތަންޔާހޫގެ ކެބިނެޓް ވަޒީރެއްގެ ގޮތުން އޭނާގެ ޒިންމާއަކީ އިސްރާއީލާއި އަދި ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަލާމަތީކަންކަން ބެލެހެއްޓުމެވެ.

އަލް އަޤްސާ މިސްކިތަކީ އިސްލާމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާއެވެ. މި ބިނާގެ މިނިވަންކަން ދެމެހެއްޓުމަށް ވެވިފައިވާ އެއްބަސްވުމުގެ ދަށުން، މިސްކިތުގައި އަޅުކަން ކުރުމުގެ ފުރުސަތު އޮންނަގޮތަށް ހަމަޖެހިފައި އޮންނަނީ މުސްލިމުންނަށް އެކަންޏެވެ. އެހެންނަމަވެސް އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން މަސައްކަތް ކުރަމުންދަނީ މި އުސޫލު ބަދަލުކޮށް، މިސްކިތުގައި ޔަހޫދީންނަށްވެސް އަޅުކަން ކުރުމުގެ ފުރުސަތު ހޯދުމަށެވެ.

އެހެންނަމަވެސް އަލްޓްރާ އޯތޮޑޮކްސް ޔަހޫދީންގެ އިސް ރައްބީންވެސް ވަނީ މިސްކިތުގައި ޔަހޫދީން އަޅުކަން ކުރުމާއި ދެކޮޅު ހަދާފައެވެ.

ފަލަސްތީނުން ބުނަމުންދަނީ، މުސްލިން ނޫން މީހުންނަށް މިސްކިތުގައި އަޅުކަން ކުރުމުގެ ފުރުސަތު ދީފިނަމަ، މި މިސްކިތުގެ މިނިވަކަން ދެމެހެއްޓުމަށް ވެފައިވާ އުސޫލުތައް ބަދަލުވެ، އޭގެ ނަތީޖާއެއްގެ ގޮތުން ހައްދު ފަހަނައަޅާއި ކަނާތުފިޔައި ޔަހޫދީން މިސްކިތް ހުރި ތަނުގައި ޔަހޫދީންގެ ޓެމްޕްލްއެއް ބިނާކުރުމަށް ގޮވަމުންދާ ގޮވާލުންތަކަށް ބާރު ލިބިގެން ހިގައިދާނެއެވެ.

އިސްރައީލުގެ ކުރީގެ ބޮޑުވަޒީރު އެރިއެލް ޝެރޯން 2000 ވަނައަހަރު މިސްކިތް ހިމެނޭ ސަރަހައްދަށް ވަނުމާއެކު އުފެދުނު ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ދެވަނަ އިންތިފާޟާ ފެށިގެން ދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.