ބެންޗުން އަރައި މާކަސް ރެޝްފޯޑް ޖެހި ގޯލުން 1-0 އިން ވުލްްވްސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފިއެވެ.
ރޭ ވުލްވްސް އާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ވަނީ ޔުނައިޓެޑުގެ އެންމެ ފޯމުގައި ހުރި ފޯވާޑް ރަޝްފޯޑް ފުރަތަމަ 11 އިން ބޭރު ކޮށްފައެވެ. ރަޝްފޯޑް ފުރަތަމަ 11 އިން ބޭރު ކުރީ މެޗުގެ ކުރިން އޮތް ޓީމު ބައްދަލުވުމަށް ހާޒިރު ނުވެވިގެން ކަމަށް އޭނާ ވަނީ މެޗަށް ފަހު ހާމަ ކޮށްފައެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް އޭރިއާތެރެއިން ގޯލު ޖަހަން ލިބުނު ފުރުސަތުގައި އޭނާ އަށް ބޮލުން ބޯޅަ ފޮނުވާނުލެވި ފުރުސަތު ގެއްލުނީއެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ވުލްވްސް އިން ފޮނުވާލިއެވެ. އެ ޓީމުގެ ކެޕްޓަން ރުބެން ނެވޭސް ޖެހި ހިލޭ ޖެހުން ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ.
ދެ ވަނަ ހާފުގައި ބަދަލަކަށް ނުކުތް ރަޝްފޯޑް ޔުނައިޓެޑްގެ ހަަމައެކަނި ގޯލު ޖެހީ މެޗުގެ 76 ވަނަ މިނިޓްގައެވެ. ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ރަޝްފޯޑް ވަނީ ވުލްވްސް ކުޅުންތެރިއަކު ކައިރިން ނައްޓާފައި ގޯލަށް ފޮނުވާލައިފައެވެ.
ޔުނައިޓެޑް ހަތަރު ވަނަ އަށް ޖެހިލީ 16 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ފަސް ވަނައިގައި އޮތީ 16 މެޗުން 30 ޕޮއިންޓާ އެކުއެވެ. ހަ ވަނައިގައި އޮތީ ރޭ ލެސްޓާ ސިޓީ އަތުން މޮޅުވި ލިވަޕޫލްއެވެ. ލިވަޕޫލަށް ވަނީ 16 މެޗުން 28 ޕޮއިންޓް ލިބިފައެވެ.