މާލީ ރިޕޯޓް ހުށަނާޅާ 7 ޕާޓީއެއް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި

މާލީ ރިޕޯޓް ހުށަނާޅާ 7 ޕާޓީއެއް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2022 08:33
0

ސިޔާސީ ޕާޓީތަކުން ހުށަހަޅަންޖެހޭ މާލީ ރިޕޯޓް ހުށަނާޅައިގެން 7 ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މާލީ ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް، ހުށަހަޅަންޖެހޭ ތާރީޚަށް އީސީއަށް ހުށަހަޅާފައި ނުވާތީ 7 ސިޔާސީ ޕާޓީއެއް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށެވެ.

ޖޫރިމަނާކޮށްފައިވާ ޕާޓީތަކަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީއާއި، އެމްއާރުއެމްއާއި، ޑީއާރުޕީ، އެމްއެންޕީ، ޕީއެންސީ، އެމްއެސްއެލްޑީޕީ، އެމްޓީޑީ އެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާގޮތުން އެއްވެސް ޕާޓީއަކުން ބަލަހައްޓަންޖެހޭ މާލީ ލިޔެކިޔުންތައް ނުބަލަހައްޓައި، އެތަކެތި އިލެކްޝަނަށް ހުށަހަނާޅާނަމަ 20،000 ރުފިޔާ އިން ނުވަތަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ސިޔާސީ ޕާޓީތަކުން ލިޔެކިޔުން ނުބަލަހައްޓާ މައްސަލައަކީ ރާއްޖޭގައި އާންމު ކަމެކެވެ. ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީވެސް މާލީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް އިލެކްޝަނަށް ހުށަހަޅާ ޕާޓީތަކަށެވެ.

އަންނަ އަަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުން ފައިސާ ދޫކުރަނީ 6 ސިޔާސީ ޕާޓީއަކަށެވެ. އެއީ ޤާނޫނުގައި ބުނެފައިވަނީ 10،000 މެމްބަރުން ހަމަވެފައިވާ އެމްޑީޕީއާއި، ޕީޕީއެމްއާއި، އަދާލަތު ޕާޓީއާއި، ޖޭޕީއާއި، އެމްއެންޕީ އަދި އެމްޑީއޭއެެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ޕާޓީތަކަށް ފައިސާ ދޫކުރުމުގައި އިލެކްޝަނުން ބަލާފައިވަނީ މިއަހަރަށް ބަޖެޓް ފާސްކުރިއިރު 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.