ބަޖެޓަށް 200 މިލިއަން އިތުރުކުރުމަށްފަހު ކޮމިޓީން ބަޖެޓް ފާސްކޮށްފި

ބަޖެޓަށް 200 މިލިއަން އިތުރުކުރުމަށްފަހު ކޮމިޓީން ބަޖެޓް ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
23 ނޮވެމްބަރ 2020 09:32
0

އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ދައުލަތުގެ ބަޖެޓަށް ބައެއް ބަދަލުތައް ގެނެސް 200 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްފިއެވެ. މިރޭ ބަޖެޓް ކޮމިޓީން ވަނީ ބަޖެޓް ފާސްކޮށްފައެވެ. ކޮމިޓީން ވަނީ ބައެއް ބަދަލުތައް ބަޖެޓަށް ގެނެސްފައެވެ. އެގޮތުން ގެނައި ބަދަލުން ދައުލަތުގެ ޑެފިސިޓް ވަނީ ދަށްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 34.8 މިލިއަން ރުފިޔާއެވެ. އަދި އާމްދަނިއާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ދައުލަތުގެ ޚަރަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ 33.2 ބިލިއަން ރުފިޔާގައެވެ. އަދި ބަޖެޓް ޑެފިސިޓް 15.5 ބިލިއަނަށް އަރާނެކަމަށްވެސް ބަޖެޓް ހުށައެޅިއިރު ލަފާކޮށްފައިވެއެވެ.

ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ބަޖެޓް ކޮމިޓީން ކުރަމުން އަންނައިރު، ބަޖެޓް ދިރާސާކުރާ މަރުހަލާގައި ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތައް ޙާޒިރުކޮށް ބަޖެޓާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ. އެގޮތުން ގިނަ މުއައްސަސާތަކުން ވަނީ ބަޖެޓް އިތުރުކޮށްދިނުމަށް ކޮމިޓީގައި އެދިފައެވެ. އެ މުއައްސަސާތަކުންނާއި އިދާރާތަކުން ހިންގާނެ މަޝްރޫޢުަތައް އިތުރުކޮށް ބަޖެޓް ބޮޑުކޮށްދޭން ނިންމުމާއި ގުޅިގެން އަންނަ އަހަރށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ވަނީ 2 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިގޮތުން ކޮމިޓީގައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ ލިސްޓް އިއްވާފައެވެ.

މީގެ އިތުރުން އާމްދަނީ އިތުރުކުރުމަށް އައު ކަންތައްތަކަށް ބަޖެޓްގައި ހިމަނުމަށް ނިންމާ އައު ކަންތައްތަކުން ލިބޭނެ އާމްދަނީއަށް 1.2 ބިލިއަން ރުފިޔާ ވަނ އިތުރުކޮށްފައެވެ. މިގޮތުން އާމްދަނީ އިތުރުކުރުަމށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ޢަބްދުﷲ ވަނީ ކަންތައްތަކެއް ހުށައަޅާފައެވެ. ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށައެޅި ކަންކަމުގެ ތެރޭގައި ޓީޖީއެސްޓީއަށްއަށް 598 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 253 މިލިއަން ރުފިޔާ، އެއަރޕޯޓް ސާރވިސް ޗާޖްގެ ގޮތުގައި 218 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާރޖްގެ ގޮތުގައި 219 މިލިއަން ރުފިޔާ، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން ރުފިޔާ އަދި ހަރުމުދަލުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އިތުރުކޮށްފައިވެއެވެ.

ކޮމިޓިން ވަނީ ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓަށްވެސް ފައިސާ އިތުރުކޮށްދީފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ބަޖެޓަށް 2 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް ކޮމިޓީން ނިންމިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ބަޖެޓް އިތުރުކޮށްދީފައިވާއިރު، ކޮމިޓީން ގެނައި ބަދަލުތަކުން ވަނީ ބަޖެޓް ޑެފިސިޓްވެސް ދަށްކޮށްފައެވެ. އެގޮތުން ބަޖެޓް ޑެފިސިޓް 15.5 ބިލިއަނުން 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިކޮށްފައެވެ.

ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވާއިރު މިރޭ ތަޅުމަށް ފޮނުވާނެއެވެ.ނަމަވެސް ކޮމިޓީ ރިޕޯޓަށް ބަހުސް ފަށާނީ 3 ދުވަސް ފަހުންނެވެ. އެމަރުހަލާގައި އިޞްލާހު ހުށައެޅުމަށްވެސް މެންބަރުންނަށް ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ. ކޮމިޓީ ރިޕޯޓަށް ބަހުސްކުރާއިރު ކޮންމެ މެންބަރަކަށް 7 މިނެޓްގެ ފުރުޞަތެއް ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.