ފީފާ ވޯލްޑް ކަޕަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، ހަމަޖެހުމެއް ހޯދައިފިއެވެ.
ލީގުގައި ހޯމަ ދުވަހުގެ ރޭ އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-1 އިންނެވެ. މެޗުގައި ލިވަޕޫލުން ލީޑު ނެގީ ފަސް ވަނަ މިނެޓުގަ އެވެ. އެއީ ޑިފެންޑަރު އެންޑީ ރޮބާޓްސަން ތަނަވަަސްކޮށްދިން ފުރުސަތެއްގައި މިޞްރު ފޯވާޑް މުޙައްމަދު ޞަލާޙު ޖެހި ލަނޑުންނެވެ. ރޮބާޓްސަންގެ އެސިސްޓާއެކު އޭނާ ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ވެސް އެންމެ ގިނަ އެސިސްޓުކޮށްދިން ޑިފެންޑަރަށެވެ.
ރޮބާޓްސަން ވަނީ މިހާތަނަށް 54 ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ 53 ލަނޑު ޖެހުމަށް އެހީތެރިވެދިން ލެއިޓަންސް ބެއިންސް އަތުގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ޑިފެންޑަރު ވާޖިލް ވެންޑައިކްއެވެ. އޭނާ އެ ލަނޑު ޖަހާފައިވަނީ ފުރަތަމަ ލަނޑު ޖެހައިދިން ޞަލާޙު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ.
ދެ ވަނަ ހާފަށް ނިކުމެ އެސްޓަން ވިލާ އިން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށް، އުންމީދެއް ހޯދާފައެވެ. މިޑްފީލްޑަރު ޑަފްލަސް ލުއިޒް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 59 ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ލަނޑު ޖަހައިދިނީ އޮލީ ވަޓްކިންސްއެވެ. ލިވަޕޫލުން ވަނީ މެޗުގެ ފަހު 10 މިނެޓުގައި ލަނޑެއް ޖަހައި، ލީޑު އިތުރަށް ފުޅާކޮށްފައެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުން މިޑްފީލްޑަރު ސްޓެފަން ބަސެޓިކްއެވެ.
މި މޮޅާއެކު ލިވަޕޫލް ވަނީ ލީގު ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފައެވެ. އެއީ ލީގުގައި ކުޅުނު 15 މެޗުގައި 25 ޕޮއިންޓު ހޯދައިގެންނެވެ. ހަތް ވަނައިގައި އޮތް ބްރައިޓަން އަށް ލިބެނީ 24 ޕޮއިންޓެވެ. ލިވަޕޫލް އަތުން ބަލިވި އެސްޓަން ވިލާ އޮތީ އެ ޓީމު ކުޅުނު 16 މެޗުން 18 ޕޮއިންޓާއެކު ލީގުގެ 12 ވަނައިގައެވެ.