ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕިއަން ޔޫނިއަންއަށް އެތެރެކުރުމަށް ޑިއުޓީ މައާފްކުރުމާ ގުޅޭ ގޮތުން ޔޫރަޕިއަން ޔޫނިއަންއާއެކު މަޝްވަރާކޮށްފިއެވެ.
ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ބާއްވާ ޕޮލިސީ ޑައިލޮގްގެ ފަސްވަނަ ބުރު މިއަދު ބާއްވައިފައިވާއިރު، މިއަދުގެ ބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނެވެ. އެގޮތުން މަޝްވަރާކުރެވުނު ދާއިރާތަކުގެ ތެރޭގައި ޑިމޮކްރަސީ، ހިންގުމުގެ ދާއިރާ، ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާކުރުން، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމާ ކުރިއެރުވުން، ނުރައްކަލަށް ހުށަހެޅޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުން، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުން، މަސްވެރިކަމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުން، އިޤްތިޞާދު، ވިޔަފާރިއާއި އިންވެސްޓްމަންޓް، މާލީ ދާއިރާ އަދި ތިމާވެއްޓާއި މޫސުމީ ބަދަލުތައް ހިމެނެއެވެ.
ވިޔަފާރީގެ ދާއިރާއިން ޔޫރަޕިއަން ޔޫނިއަންއާއެކު އޮންނަ ގުޅުންތައް އިތުރުކޮށް، ޔޫރަޕްގެ ވިޔަފާރިތަކަށް ރާއްޖެއިން ފަހި ފުރުސަތުތައް ހުޅުވާލުމަށްވެސް މަޝްވަރާކުރެވުނެވެ. އަދި ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވްގެ ތެރެއިން މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ އެއްބަސްވެފައެވެ. ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕިއަން ޔޫނިއަންއަށް އެތެރެކުރުމަށް ޑިއުޓީ މައާފްކުރުމާ ގުޅޭ ގޮތުންވެސް ރާއްޖެއިން ވަނީ މަޝްވަރާކޮށްފައެވެ. އަދި ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކުރުމުގެ ޝައުޤުވެރިކަން އީޔޫގެ ސަފީރުން ވަނީ ފާޅުކުރައްވާފައެވެ. މިމޭރުމުން މަޝްވަރާކުރައްވަމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ޔޫރަޕިއަން ޔޫނިއަންއިން މަރުޙަބާކިޔައި، އެދާއިރާއިން އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން އީޔޫ ސަފީރުން ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހިރާއްޖެއިން އެދިފައިވާތީ އެކަމާ ގުޅޭ ގޮތުން ޔޫރަޕްގެ ޤައުމުތަކުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާތީ ޖަރމަނީ، ޗެކް ރިޕަބްލިކް އަދި އޮސްޓްރިއާއަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އިން ވަނީ ފާހަގަކޮށްފައެވެ. މިދާއިރާތަކުން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަން ފާހަގަކޮށް، ރާއްޖޭގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާ ބެހޭ މައުލޫމާތު އީޔޫގެ މެމްބަރު ޤައުމުތަކާ ވަނީ ހިއްސާކުރެވިފައެވެ. ރާއްޖޭގެ "ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް" ތަންފީޒުކުރުމަށް 5 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި އީޔޫ އާ ދެމެދު ސޮއިކޮށްފައިވާއިރު، ރާއްޖޭގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އެހީވުމަށް 2019 ވަނަ އަހަރު ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 45 މިލިއަން ޔޫރޯގެ ލޯނު އެހީ ހަމަޖައްސައިދީފައިވެއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމުތަކުން ވަނީ ދީފައެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ތިމާވެއްޓާއި ރައްޓެހި ސިޔާސަތުތަކެއް ގެންގުޅުމުގެ މުހިއްމުކަން ދިވެހިރައްޖެއާ ޔޫރަޕިއަން ޔޫނިއަންއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް މެރިޓައިމް ސެކިއުރިޓީ، ކައުންޓަރ ޓެރަރިޒަމް އަދި ވަޔަލެންޓް އެކްސްޓްރީމިޒަމް އާއި ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދިވެހިރާއްޖެއާ ޔޫރަޕިއަން ޔޫނިއަން އިން ވަނީ މަޝްވަރާކޮށްފައެވެ. ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންގެ މެދުގައި އޮންނަ ސަލާމަތީ އެއްބާރުލުމުގެ ތެރެއިން ކައުންޓަރ ޓެރަރިޒަމް އަދި ހައްދުހަނައެޅުމާ ދެކޮޅަށް މަސައްކަތްކުރުމަށް 2.5 މިލިއަން ޔޫރޯގެ ޕްރޮޖެކްޓެއް އީޔޫ އިން ވަނީ ދާދިފަހުން ލޯންޗްކޮށްފައެވެ.
ކޮމެންޓު ފޮނުވާ