ޕްރައިމަރީގެ ކަންކަން ބަލަހައްޓާ ކޮމިޓީގައި ރައީސް ޞާލިހުގެ ފެކްޝަންގެ މެމްބަރުން!

ޕްރައިމަރީގެ ކަންކަން ބަލަހައްޓާ ކޮމިޓީގައި ރައީސް ޞާލިހުގެ ފެކްޝަންގެ މެމްބަރުން!

Author
މުޙައްމަދު ޝަޒައިމް
27 ޑިސެމްބަރ 2022 09:38
0

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ގައުމީ މަޖިލީހުން ނެގި ފަސް މެމްބަރުންގެ ކޮމިޓީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެކްޝަންގެ މެމްބަރުން އިންތިހާބުކޮށްފިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އިންތިހާބުގެ ކަންތައްތައް އިންތިޒާމްކޮށް، ބެލެހެއްޓުމަށް 5 މެމްބަރުންގެ ކޮމިޓީއެއް އެމްޑީޕީގެ ގައުމީ މަޖިލީހުން އިންތިޚާބު ކުރަންޖެހެއެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ރިޔާސީ ޕްރައިމަރީގެ ކަންތައްތައް އިންތިޒާމުކުރުމަށް އިންތިޚާބު ކުރަންޖެހޭ 5 މެންބަރުންގެ ކޮމިޓީ އިންތިޚާބު ކުރީ ތާޖުއްދީން ސްކޫލްގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.

އެމްޑީޕީ ޕްރައިމަރީ އަށް ނެގި 5 މެމްބަރުން:

– އިބްރާހިމް ވަހީދު – ޑެޕިއުޓީ ޗެއާޕާސަން
– އަނަސް އަބްދުއްސައްތާރު – އެމްޑީޕީގެ ތަރުޖަމާނު
– އަކްރަމް ކަމާލުއްދީން – މަތިއުތުރު ޕްރޮވިންސްގެ ރައީސް
– އަހުމަދު އަބްދުﷲ އަފީފް – އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ ކުރީގެ މުގައްރިރު
– މުހައްމަދު އީމާން – ކެނދިކުޅުދޫ ދާއިރާގެ ރައީސް

އިންތިހާބު ކޮމިޓީއަށް 5 މެމްބަރުންގެ ނަން ހުށަހެޅުއްވުމަށް ހުޅުވާލުމުން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ 3 ނަމެއް ހުށަހަޅާފައެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވަނީއަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ހުށަހެޅޭނީ 5 ނަންކަމަށް ވިދާޅުވެ، އިތުރު ނަންތައް ހުށަހެޅުމުގެ ފުރުސަތު އާޒިމްއަށް ދެއްވާފައެވެ. އެ ފުރުސަތު ދެއްވުމުން އާޒިމް ދެން ހުށަހެޅުއްވީ 2 ނަމަވެ.

އާޒިމްގެ މި ވާހަކަތަކާއި ގުޅިގެން ރިޔާސަތުން ވިދާޅުވީ އަސާސީ ގަވާއިދު އޮންނަ ގޮތުން ހުށަހަޅަންޖެހޭނީ 5 ނަންކަމަށާއި ވޯޓަށް އެހޭނީ 5 ނަން ހުށަހެޅުއްވުމުންކަމަށެވެ. ގައުމީ މަޖިލީހުގެ ޖަލްސާގައި ބަހުސް ހޫނުވުމުން ރިޔާސަތުން ވަނީ ދެ ކެންޑިޑޭޓުން ބޭނުންވާ 5 ނަމެއް ހުށަހެޅުމަށް މަޝްވަރާކުރުމަށްވެސް ފުރުސަތު ދެއްވާފައެވެ. ނަމަވެސް އެކަންވެސް ކާމިޔާބުވާ ގޮތެއް ވެފައެއް ނުވެއެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހޫނު ބަހުސްތަކެއް ކުރުމަށްފަހު ރިޔާސަތުން ވަނީ ބައްދަލުވުމަަށް ހުށަހެޅިފައިވާ ހުރި ހުށަހެޅުންތަކަށް ވޯޓަށް އެހުމަށް ނިންމާފައެވެ. އެގޮތުން ގައުމީ މަޖިލީހުގެ އަގްލަބިއްޔަތުން ފާސްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުށަހެޅުއްވި، އަދި ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު އީސާ ތާއީދު ތާއީދުކުރެއްވި 5 މެމްބަރުންގެ ކޮމިޓީއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަމަހުގެ 28 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 18 ވަނަ ދުވަހު ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައިވާއިރު، އެ މުއްދަތު މިމަހުގެ 24 ވަނަ ދުވަހު ހަމަވިއިރު، ފޯމް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.