އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި، ސުނާމީގެ ހަނދާންތައް އާވެ ލިބުނު ގެއްލުންތަކުގެ ވާހަކަ ދައްކަވަނިކޮށް ހޯމް މިނިސްޓަރު އިމްރާނަށް ރޮވިއްޖެއެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މ.ކޮޅުފުށީގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެރަށަށް އުފަން އިމްރާން ވިދާޅުވީ ސުނާމީ އެރުމުގެ ކުރިން ކޮޅުފުއްޓަކީ ހުރިހާ ގޮތަކުން ވެސް އެއް ވަނަ ނުވަތަ ދެ ވަނައިގައި ހިމެނުނު ރަށެއް ކަމަށާއި ބޮޑު ރާޅާއެކު މުޅި ރާއްޖޭގައި އެންމެ ނިކަމެތި ހާލަތަށް ކޮޅުފުށި ވެއްޓުމަކީ ދެރަ ބަހަކަށް ނުވާނެ ކަމަށެވެ.
ޑިސެމްބަރު 26، 2004 ވީ އާދިއްތަ ދުވަހުގެ ހެނދުނުގެ ސާއަތްތަކަށް އަޅުގަނޑުމެން ނޭވާލާންޖެހުނީ ހިތާމަޔާ، ކެކުޅުމާ، އާހުގެ އަޑުތަކުގެ ތެރެއަށް. ފުއްޓަރު ފަރާތުން ހޮޅިލާ މުގުރަމުން، ރަށު ތެރެއަށް އަރައިގެން އައި ބިޔަ ރާޅުތަކުގެ ހޮނު ގުގުރި ފަދަ ގަދަފަދަ އަޑުފައްޓަގަނޑާއެކު، ބިރުން ވިރި، ސިހި، ގޮތް ހުސްވެގެން ނުދާ ކުޑަކުއްޖެއް، ބޮޑު މީހެއް، ހަރުމީހެއް ނުވޭ.
– އިމްރާން ވިދާޅުވިއެވެ.
ޖަލްސާ ތައާރަފްކޮށްދެއްވަމުން އިމްރާން ވަނީ ސުނާމީ އެރި ދުވަހުގެ ހަނދާންތައް އާ ކުރައްވާފައެވެ. އޭނާ އަށް ރޮވުމާ އެކު ވާހަކަ ދެއްކެވުން ކުރިއަށް ނުގެންދެވި، 3-4 ފަހަރު މަޑުޖައްސާލަން ޖެހުނެވެ. އިމްރާން ވިދާޅުވީ ސުނާމީ އަށް ފަހު ރައްޔިތުންގެ ބޯހިޔާވަހިކަން ގެއްލި، އާމްދަނީ ލިބޭނެ ގޮތްތައް ބަންދުވެ، އިޖުތިމާއީ ފޭރާން ވީދި، ރައްޔިތުން ނިކަމެތިވެގެން ދިޔަ ކަމަށެވެ. ކައްކައި ކާނެ ގޮތެއް ނެތި، ވަންނާނެ ގެގޮރެއް އަދި ފައި ޖައްސާނެ ހަރު ފަސްކޮޅެއް ނެތް ކަމަށް ވިދާޅުވިއެވެ.
ރައްޔިތުން ނިކުންނަން ޖެހުނީ ބަނދަރުމަތީ އޮތް ހިކިފަސްކޮޅަށް. ތުއްތު ދަރިފުޅު ނިންދަވަން ޖެހުނީ ފަޅު ދޯނީގައި. ދުވަހުގެ އިރުއޮއްސި ރޭކުރަން ޖެހުނީ ކަނު އަނދިރިޔާ ބިރުވެރިކަމާއި ނާމާންކަމުގެ ޖަންގެއްޔެއްގައި.
– މިނިސްޓަރު ވިދާޅުވިއެވެ.
ކޮޅުފުއްޓަކީ ސުނާމީގައި އެންމެ ގެއްލުން ލިބުނު އެއް ރަށެވެެ. އެ ކާރިސާގައި އެ ރަށުން 14 މީހުން މަރުވިއެވެ.
ކޮމެންޓު ފޮނުވާ