ގަތަރުގައި ކުރިޔަށްދިޔަ 2022 ވަނަ އަހަރުގެ ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތް އާޖެންޓީނާއިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތް އާޖެންޓިނާއިން ކާމިޔާބު ކޮށްފައިވަނީ 90،000 މީހުންގެ ޖާގައޮތް، ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލި ކުރުމަށްފަހުއެވެ.
މިރޭ ކުޅެވިގެންދިޔަ މިއަހަރުގެ ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި އާރޖެންޓީނާއި ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު، އެޓީމުގެ ތަރި، ލިއޮނެލް މެސީ ވަނީ މޮޅު ކުޅުމެއް ދައްކާ، މެޗްގެ ފުރަތަ ގޯލް ފުރަތަމަ ހާފްގެ 23 ވަނަ މިނިޓްގައި އާޖެންޓީނާއަށް ކާމިޔާބު ކޮށްދީފައެވެ.
އެއަށްފަހު މެޗްގެ 36 ވަނަ މިނިޓްގައި އާޖެންޓީނާގެ ޑީ މާރިއާ އެޓީމަށް އިތުރު ގޯލެއް ކާމިޔާބު ކޮށްދީ ފުރަތަމަ ހާފް ނިމުމުގެ ކުރިން 2 ގޯލުގެ ލީޑެއް އާޖެންޓީނާއަށް ހޯދާ ދިނެވެ.
އެހެންނަމަވެސް ދެވަނަ ހާފް ފެށުމާއެކު ފްރާންސްގެ ޓީމުން ކުޅުން ރަގަޅުކޮށްފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 80 ވަނަ މިނިޓްގައި ފްރާންސްގެ ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއެއްގައި ފްރާންސްގެ ޓީމުގެ އަރަމުން އަންނަ ޒުވާން ކުޅުން ތެރިއާ ކިލިއަން މްބައްޕޭއެވެ. އަދި އޭގެ 2 މިނިޓް ފަހުން އޭނާވަނީ ފްރާންސް ޓީމަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ މެޗްގެ ނަތިޖާ އެއްވަރު ކޮށްދީފައެވެ.
ދެ ޓީމުންވެސް މޮޅު ކުޅުމެއް ދެއްކި މި މެޗްގައި ފުރަތަމަ 90 މިނިޓް ނިމިގެން ދިޔައީ ދެޓީމު އެއްވަރު ވެގެންނެވެ. އެހެންނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފްގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީވަނީ އެޓީމަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ، ވާރލްކަޕް ތައްޓަށް އެޓީމު ކުރަމުންދިޔަ އުންމީދުތަކަށް އަނެއްކާވެސް އާރޯކަން ގެނެސް ދީފައެވެ.
އެހެންނަމަވެސް ހިތްވަރު ދޫނުކޮށް ފްރާންސްއިންވެސް ދައްކަމުން ދިޔަ މޮޅު ކުޅުމާއެކު އަނެއްކާވެސް ދެޓީމު އެއްވަރުވީ މެޗްގެ 118ވަނަ މިނިޓްގައި ފްރާންސްއަށް ލިބުނު ޕެނަލްޓީ ކިލިއަން މްބައްޕޭ އާޖެންޓނާގެ ގޯލަށް ވައްދާ ދީގެންނެވެ. މި ގޯލާއެކީ އޭނާވަނީ މިމެޗްގައި ހެޓްރިކް ހަދާފައެވެ.
މެޗްގެ އިތުރު ވަގުތުވެސް ނިމުނުއިރު 3-3 އިން ދެޓީމު އެއްވަރު ވުމާއެކު ދެން ދާން ޖެހުނީ ޕެނަލްޓީ ޖަހައިގެން މެޗްގެ ނަތީޖާ ނެރުމަށެވެ. އާޖެންޓީނާ ފައިނަލް މެޗް ކާމިޔާބުކުރީ ހުރިހާ ޕެނަލްޓީއެއްވެސް ކާމިޔާބު ކޮށްގެންނެވެ. ފްރާންސަށް ދެޕެނަލްޓީ ކާމިޔާބު ނުކުރެވި ދިޔައިރު، އެއް ޕެންލްޓީ ބޭރަށް ގޮސް، އާޖެންޓީނާގެ ގޯލް ކީޕަރުވަނީ އަނެއް ޕެނަލްޓީ މަތަ ކޮށްފައެވެ.
ވާރލްކަޕްގެ ތާރީޚުގައި ބްރެޒިލްއިން 5 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، 4 ފަހަރަށް މުބާރާތުގެ ތަށި ކާމިޔާބު ކުރުމުގެ ޝަރަފް ލިބިފައިވަނީ 2 ގައުމަކަށެވެ. އެއީ ޖާރމަނީއާއި އިޓަލީއަށެވެ. މިރޭގެ މެޗާއިހަަމައަށް، ދެ ފަހަރަށް ވާރލްޑްކަޕް މުބާރާތް ކާމިޔާބު ކުރެވިފައިވަނީ މިރޭގެ ފައިނަލްގައި ކުޅުނު ދެ ޓީމު ކަމުގައިވާ ފްރާންސްއަށާއި އާޖެންޓީނާގެ އިތުރުން އުރުގުއާއިއަށެވެ. އެހެންނަމަވެސް މިރޭގެ މެޗް އާޖެންޓީނާއިން ކާމިޔާބު ކުރުމާއެކު އެޓީމު ހިމެނިގެން މިދިޔައީ 3 ފަހަރަށް ވާރލްޑްކަޕް ކާމިޔާބުކުރި ޓީމްތަކުގެ ލިސްޓުގައެވެ. އިންގލޭންޑާއި ސްޕެއިންއިން ވަނީ އެއްފަހަރު ވާރލްޑްކަޕް މުބާރާތް ކާމިޔާބު ކޮށްފައެވެ.
މިރޭގެ ފައިނަލް މެޗްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން ތަށި ދިފާއުކުރުމަށް ނިކުތްއިރު، އެގައުމަކީ 1998 އަހަރުއާއި 2018ވަނަ އަަހަރު ބޭއްވުނު އެންމެފަހުގެ ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފައިވާ ގައުމެވެ. އާޖެންޓީނާއިން ވާރލްޑްކަޕް މުބާރާތް ކާމިޔާބު ކޮށްފައިވަނީ 1978 ވަނަ އަހަރުއާއި 1986ވަނަ އަހަރުއެވެ.
މީގެ ތެރެއިން 1986 ވަނަ އަހަރު ވެގެންދިޔައީ، އެގައުމުން އުފެދުނު، ދުނިޔޭގެ ތާރީޚު ދުށް ފުޓުބޯޅައިގެ އެންމެ އަލިގަދަ ތަރި ކަމުގައިވާ، ޑީއޭގޯ މަރަޑޯނާ އާދަޔާ ޚިލާފު ކުޅުމަކާއެކީ ވާރލްޑްކަޕް މުބާރާތުގެ ތަށި މަރަޑޯނާ އުފުލާލި އަހަރު ކަމުގައެވެ. އެހެންކަމުން، މަރަޑޯނާއަށްފަހު އާޖެންޓީނާއިން އުފެދިގެން ދިޔަ އެފަދަ ދެވަނަ ފުޓުބޯޅަ ތަރި، ލިއޮނެލް މެސީގެ ފުޓުބޯޅައިގެ ހަޔާތް ނިމުމަކަށް އައުމުގެ ކުރިން، މިރޭގެ މެޗަކީ ވާރލްޑްކަޕް ތަށި އުފުލާލުމަށް އޭނާއަށް ލިބޭ އެންމެ ފަހުގެ ފުރުސަތު ކަމުގައި ދިޔައީ ބެލެވެމުންނެވެ.
އެހެންކަމުން، މެސީގެ ކެޕްޓަންކަމުގައި ވާރލްޑްކަޕް މުބާރާތް ކާމިޔާބުކޮށް، ދުނިޔޭގެ ފުޓުބޯޅަ ތަރި ލިއޮނެލް މެސީ މިވަނީ އާޖެންޓީނާއާއިގެން ފުޓުބޯޅިގެ ތާރީޚުގެ ތެރެއަށް ދަތުރު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ