އިއްޔެ ބޭއްވުނު އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެޕާޓީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ޕްލޭނިންގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އިންތިހާބުކޮށްފިއެވެ. އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބު ކުރިއަށްގެންގޮސްފައި ވަނީ އިއްޔެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސްކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ.
އަޅުގަނޑަށް އިތުބާރުކޮށް ވޯޓު ދެއްވި އެމްޑީޕީ މަތި އުތުރު ޕްރޮވިންސްގެ އެންމެހާ މެންބަރުންނަށް ޝުކުރިއްޔާ. މުސްތަގުބަލުގައި އަޅުގަނޑު މަސައްކަތް ކުރާނީ މި ޕްރޮވިންސްގެ އެންމެހާ މެންބަރުންނާ ގާތުން 💛 pic.twitter.com/0UnSq4cKK2
— Akram Kamaludeen (@Akramkdeen) December 17, 2022
އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސް ރައީސް ކަމުގެ ބައި އިލެކްޝަންގައި ވޯޓު ލުމުގެ ހައްގު 3000 އަށްވުރެ ގިނަ މީހުންނަށް ލިބިގެންވާކަމަށް އެޕާޓީންވަނީ ބުނެފައެވެ. މަތި އުތުރު ޕްރޮވިންސްގައި ހިމެނެނީ ހއ. ހދ. ށ، އަތޮޅެވެ.
މި އިންތިޚާބުގައި ވާދަ ކޮށްފައިވަނީ އަކްރަމް ކަމާލުއްދީންގެ އިތުރުން، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލާއި ހެރިޖޭޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމް (ޓިންޓިން) އެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ބައިބައިވުންތަކުގައި އެޕާޓީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައިވާއިރު، އަކްރަމް ކަމާލުއްދީން މަސައްކަތް ކުރަމުންދަނީ ރައީސް ސާލިހުގެ ފެކްޝަންގައެވެ.
ކޮމެންޓު ފޮނުވާ