މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލި މާލޭގެ ލޭންޑް ޔޫސް ޕްލޭން ސަރުކާރުން ފާސްކޮށްނުދީ އޮތުމުން ކައުންސިލުން މާލޭގެ ތަރައްޤީ އަށް ކުރަންބޭނުންވާ އެތައްކަމެއް ނުވެ އޮތްކަން މާލެ ސިޓީގެ ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭކަމަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ލޭންޑް ޔޫސް ޕްލޭން ފާސްނުވެ އޮތުމުން ކައުންސިލްގެ 80 ވަނަ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއުވަނީ ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މާލޭގެ ލޭންޑް ޔޫސް ޕްލޭން އަކީ ކޮބައިކަމާ އެ ފާސްކޮށް ނުދިނީމަ ކައުންސިލުން ގިނަ ކަންކަން ކުރިއަށް ނުގެންދެވޭކަން ދޮށީ އުމުރުގެ ބޭފުޅުންނަށްވެސް ސާފުނުވާކަމަށާއި، މިކަން ހުރިހާ ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭކަމަށެވެ.
”މާލޭގެ ރައްޔިތުންނަށް ސާފުވާން އެބަޖެހޭ ކިހިނެއްކަން ވެގެން މިއުޅެނީ. ލޭންޑް ޔޫސް ޕްލޭން ފާސްނުވެގެން ކައުންސިލުން ކުރަންބޭނުންވާ ކަންކަން ނުވާ ސަބަބު ދޮށީ އުމުރުގެ ބޭފުޅުންނަށްވެސް ސާފެއްނުވޭ.“ޝުޖާޢު ވިދާޅުވިއެވެ.
މިއާއިއެކު ޝުޖާއު ވިދާޅުވީ މާލޭގެ ރައްޔިތުން ހޮވާފަ ތިބި ކައުންސިލަރުންނަށް މާލޭގައި ރަނގަޅު ޕާކިން ނިޒާމެއް ޤާއިމް ނުކުރެވިގެން އުޅޭ ސަބަބަކީވެސް ލޭންޑް ޔޫސް ޕްލޭން ފާސްކޮށް ނުދިނުން ކަމުގައި މާލޭގެ ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށެވެ.
”ލޭންޑް ޔޫސް ޕްލޭނަކީ މާލޭގެ ތަރައްޤީގެ ޕްލޭން، އެ ޕްލޭން ފާސްނުކޮށް ނުވަތަ އެ ޕްލޭން ނުހަދާ އެއްވެސް ކަމެއް ނުކުރެވެއޭ، ޤާނޫނުގަ މިބުނަނީ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްގެންނޭ މިކަން ކުރެވޭނީ.“ ޝުޖާޢު ވިދާޅުވިއެވެ.
ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ އެއް އަހަރު ވެފައިވާއިރު ސަރުކާރުން މިކަމުގައި ޢަމަލުކުރަމުން ގެންދަވާގޮތް ޝުޖާއު ވަނީ ތަފްޞީލް ކޮށްދެއްވާފައެވެ.
”ސަރުކާރުން މި ހައްދަވާ ގޮތަކީ ތިންމަސް ވާން އެއްދުވަހަށް ވީމަ މި ފޮނުވަނީ އަދި މީގަ އެކަތި މަދޭ. އެގޮތަށްވެސް ތިންފަހަރު އިސްލާހު ކޮށްފިން. މަދުވާ އެއްޗެހި އެނގެން ޖެހޭނީ އެއްފަހަރުތާ.“ ޝުޖާޢު ވިދާޅުވިއެވެ.
ލޭންޑް ޔޫސް ޕްލޭން ފާސްނުވެ އޮތުމުން ސިނަމާލެ ފްލެޓް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅިގެންޝުޖާއު ވިދާޅުވީ ކައުންސިލުން މާލޭގެ ރައްޔިތުންނާއި ހަމަޔަށް އަތްލެވޭ ފްލެޓް ގެންނައިރު ބޭނުންވަނީ ވަރަށް ރޭވުންތެރި ކަމާއިއެކުގައި ކަމަށެވެ. އެހެންކަމުން މާލެ ސިޓީ ކައުންސިލުން ބޭނުންވަނީ ސިނަމާލެ ފްލެޓްތައް ބޮލަށް ވެއްޓުމުގެ ކުރިން ކައުންސިލުން ކުރަން އުޅޭ މަސައްކަތް ކުރުމުގައި ސަރުކާރުން އެއްބާރުލުން ދެއްވުން ކަމުގައި ޝުޖާއު ވިދާޅުވިއެވެ.