ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ފަރެސްމާތޮޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.
މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެންނެވީ، އާދީއްތަ ދުވަހުގެ މެންދުރުއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަނީ، ގދ. ފަރެސްމާތޮޑާ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ވެސް ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހުވަދޫ ސްކޫލުގައި ގދ. ފަރެސްމާތޮޑާއާއި ހުވަދު އަތޮޅުގެ މަސްވެރިންނާއި އޮޑިވެރިންނާއިވެސް ބައްދަލު ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި، މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑު އައްސަވައި، އެކަންކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ފަރެސްމާތޮޑާގައި ކުރިޔަށްގެންދިޔަ، "މަސްވެރިކަމުގެ އެކްސްޕޯ 2022″ އަށް ޒިޔާރަތްކުރައްވައި އެ އެކްސްޕޯގެ ސްޓޯލްތައް ބައްލަވައި ލައްވައި މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ. އަދި، މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ފަރެސްމާތޮޑާގައި ދެ ޖިންސަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މަސްކެނޑުމުގެ މުބާރާތްވެސް ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވައި އެމުބާރާތް ހިނގަމުން ދިޔަގޮތް ބައްލަވާލެއްވިއެވެ.
މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން އެންމެ ފަހު ކަމަކަށް އޮތީ މަސްވެރިންގެ ދުވަހުގެ ޖަލްސާއެވެ. އާދީއްތަ ދުވަހުގެ ރޭ ފަރެސްމާތޮޑާގެ ބަނދަރު ޞަރަހައްދުގައި ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވާނޭ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް ވަރަށް ތަފްޞީލްކޮށް ވާހަކަފުޅު ދެއްކެވިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ގދ. ފަރެސްމާތޮޑާގައި ފާހަގަކުރުމަށް، ފިޝަރީޒް މިނިސްޓްރީ އާއި، ފަރެސްމާތޮޑާ ކައުންސިލުން ގުޅިގެން ވަނީ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގާފައެވެ.