ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އެއްސިޔާސީ ޕާޓީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުފާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަނުން ޑީއާރުޕީ އުވާލަން ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ އަދަދަށް އެޕާޓީގެ މެމްބަރުންގެ އަދަދު ހަމަ ނުވުމުންނެވެ. ޤާނޫނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3،000 މެމްބަރުން ހަމަވެގެން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ޑީއާރުޕީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިބީ 2681 މެމްބަރުންނެވެ. އިލެކްޝަނުން ވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި 3،000 މީހުން ހަމަނުވާ ޕާޓީއަކަށް މެމްބަރުންގެ އަދަދު ހަމަ ކުރުމަށް 3 މަސް ދުވަހުގެ މުއްދަތެއް ދީފައެވެ. ނަމަވެސް މިމުއްދަތުގައިވެސް ޑީއާރުޕީއަށް މެމްބަރުންގެ އަދަދު ހަމަވެފައި ނުވެއެވެ.
އީސީން މިއަދު ބުނީ، އެ ޕާޓީ އުވާލުމުގައި ގާނޫނީގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަމާއި ގުޅޭގޮތުން ކޮމިޝަންގެ ލީގަލް ފާމުގެ ލަފައަކަށް އެދިފައިވާ ކަމަށެވެ. އަދި ލީގަލް ފާމުން ތައްޔާރުކޮށްފައިވާ ގާނޫނީ ލަފަޔާއި ލީގަލް އެންޑް ޕޮލިޓީކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ތައްޔާރުކޮށްފައިވާ ގާނޫނީ ލަފާ ދީފައިވާ ކަމަށް ބުނެފައި ވެއެވެ.
އީސީގެ އެ ނިންމުން ޑީއާރްޕީއަށް ސިޓީއަކުން އެންގުމަށް ނިންމާފައިވާއިރު، އެ ޕާޓީއާ ބައްދަލު ކުރަންވެސް ނިންމާފައި ވެއެވެ. އަދި އެ ޕާޓީގެ ދަރަންޏާއި މެދު އަމަލު ކުރާނެ ގޮތަކާއި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައި އެކަން އީސީއާ ހިއްސާ ކުރުމަށް އެ ޕާޓީއަށް އެންގުމަށްވެސް އެ ޖަލްސާގައި ނިންމި ކަމަށް އީސީން ބުނެފައި ވެއެވެ.
ޑީއާރުޕީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރެވެ. ޖާބިރުވަނީ ޑީއާރުޕީން މިސަރުކާރު ކޯލިޝަނާއިއެކު ހުންނެވިކަންވެސް ހާމަކޮށްފައެވެ. އަދި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ވިދާޅުވެ ޑީއާރުޕީގެ ފުރިހަމަތާއީދު ރައީސް ޞާލިހަށް އޮންނާނެކަންވެސް ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ