ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ދިވެހިންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދިނުމަށް ގޮވާލައިފި

ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ދިވެހިންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދިނުމަށް ގޮވާލައިފި

Author
ހުސެއިން
06 ޑިސެމްބަރ 2022 06:04
0

ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ދިވެހިންގެ ތެރެއިން ބަޔަކު އުޅެންޖެހި، އެފަރާތްތަކަށް ރާއްޖެ ނާދެވި ގިނަދުވަސްތަކެއް ވެފައިވާތީ މޯލްޑިވްސް ނެޝަނަލް ޕާޓީއިން އެފަރާތްތަކާ އެފަރާތްތަކުގެ ޢާއިލާތައް ތަޙައްމަލު ކުރަމުންދާ ހިތާމައިގާ ބައިވެރިވެ، ކަންބޮޑުވުން ފާޅުކޮށް، އެފަރާތްތަކުގެ ކެކުޅުންތަކަށް އަވަސް ޙައްލެއް ގެނެސްދިނުމަށް އެ ޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.

އެމްއެންޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސީރިއާގައި ޙާލުގައި ޖެހިފައިވާ ދިވެހިންނާ ގުޅޭގޮތުން، 19 ސެޕްޓެމްބަރު 2019 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރައްޔިތުންނަށާއި ސީރިއާގައި އުޅެންޖެހިފައިވާ ޢާއިލާތަކަށް ޔަޤީންކަން ދެއްވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ އެފަދަ ފަރާތްތައް ބޭތިއްބުމަށް ހަދާ ޚާއްޞަ މަރުކަޒު ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ނިންމާ، އެ ފަރާތްތައް ރާއްޖެ ގެނެވޭނެ ކަމުގައެވެ. ނަމަވެސް މިވާހަކަފުޅަށް ޢަމަލީ ސިފަ ގެނައުމުގެ އެއްވެސް ކަމެއް ސަރުކާރުން ކުރިއަށް ނުގެންދަވާ ކަމަށާއި، މަދަދަށް އެދި ފޮނުވާ އާދޭސްތަކަށްވެސް އެކަށީގެންވާ ޖަވާބެއް ނުދެއްވާ ކަމަށް، ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި އުޅެންޖެހިފައިވާ ފަރާތްތަކުގެ ޢާއިލާތަކުން އެޕާޓީއަށް މަޢުލޫމާތު ދީފައިވާކަމުގައި މި ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އެމްއެންޕީގެ ނޫސް ބަޔާނުގައި ވާގޮތުން، މިމައްސަލަ އަކީ ޤައުމީ މައްސަލައެއް ކަމަށް 2019 ވަނަ އަހަރު ނިންމަވައިގެން ސަރުކާރުން މަސައްކަތް ކުރައްވަން ފައްޓަވާފައިވާތީ މި މައްސަލަ މިހާރުވާންވާނީ ޙައްލުކުރެވިފައިކަމަށް އެ ޕާޓީން ދެކެއެވެ. މިގޮތުން، މިއީ ޤައުމީ މައްސަލައެއް ކަމުގައި ސަރުކާރުން ކަނޑައެޅުމުން، ރައްޔިތުންގެ މަޖިލީހުން ވަނީ ދައުރުން ބޭރުގައި 30 ސެޕްޓެމްބަރ 2019 ގައި ޚާއްޞަ ޖަލްސާއެއް ބާއްވާ، އެކަމަށް ބޭނުންވާ ޤާނޫނީ އޮނގަނޑު ހިމަނައިގެން ބިލެއް ފާސްކޮށްދީފައި ކަމަށާއި، އެބިލް، 10 އޮކްޓޯބަރު 2019 ގައި ތަސްދީޤުވުމާއިއެކު ތަންފީޛީ އިދާރާތަކަށް ބޭނުންވާނެ ބާރާއި އިޚްތިޔާރު ލިބުމުގެ އިތުރުން، ހަނގުރާމަވެރި ސަރަޙައްދުތަކުން އަންނަ ފަރާތްތަކުން މުޖުތަމަޢަށާއި ޤައުމީ ސަލާމަތަށް އޮވެދާނެ ނުރައްކާ ވަޒަންކުރެވޭނެ ގޮތާއި، އެފަރާތްތައް މެނޭޖްކުރުމުގައި ދިމާވެދާނެ އިދާރީ ކަންކަމަށްވެސް ޤާނޫނީ ޙައްލު ބުނެ ދީފައިވާކަންވެސް ނޫސް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އަދި މީގެ އިތުރުން، ހަނގުރާމަވެރި ސަރަޙައްދުތަކުން އަންނަ ދިވެހިން ބޭތިއްބުމަށް އ.ދ.ގެ ހިލޭއެހީގެ ދަށުން ބިނާކުރި ސެންޓަރުގެ މަސައްކަތްވެސް 2021 ވަނަ އަހަރު ނިމިފައި ވީނަމަވެސް، ސީރިއާގައި ރެފިއުޖީންނަށް ވެފައިވާ ދިވެހިން ރާއްޖެ އައުމުގައި ސަރުކާރުން މަދަދުވެރި ނުވެ، އެއް މުއައްސަސާއިން އަނެއް މުއައްސަސާގެ ބޮލުގައި މިކަމުގެ ޒިންމާ އަޅުވައި، މި ފަދަ މޭރުމަކުން، އެފަރާތްތަކަށް ޖަވާބުދީ، މިކަމުގެ ޒިންމާއިން މުއައްސަސާތައް ރެކެން މަސައްކަތްކުރަމުންދާ ކަމަށް އެއާޢިލާތަކުން ދެކޭ ކަމުގައިވެސް ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން މި މައްސަލައަކީ ޚާއްޞަ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކިވަޑައިގެން، ސީރިއާގައި ތިބި ދިވެހި ދަރިން ރާއްޖެ ގެނައުމުގެ މަސައްކަތް އެކަށީގެންވާ އަވަސްމިނުގައި ނިންމެވުމަށާއި، އެ މީހުން ގެނައުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތާބެހޭ ޞައްޙަ މަޢުލޫމާތު އެ ޢާއިލާތަކުގެ މެންބަރުންނާ ޙިއްޞާކުރައްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށް 27 ނޮވެމްބަރ 2022 ދުވަހު ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއަކުން އެކަން އެޕާޓީން ހުށަހަޅާފައިވާކަމުގައި މި ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.