މާފުށި މޮނިޓަރިންއަށްލައި އެރަށަށް އަރާފޭބުން މަނާކޮށްފި

މާފުށި މޮނިޓަރިންއަށްލައި އެރަށަށް އަރާފޭބުން މަނާކޮށްފި

Author
މުޙައްމަދު ޖިމީ
22 ނޮވެމްބަރ 2020 07:01
0

ކ.މާފުއްޓަށް އަރާ ފޭބުން މަނާކޮށް، އެރަށް އެޗްޕީއޭއިން މޮނިޓަރިންގއަށް ލައިފިއެވެ.

މާފުސީކައުންސިލަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކްހެލްތު ސޮއިކުރައްވާ ފޮނުއްވާފައިވާ އެންގުމުގައި ވަނީ ކޯވިޑް-19އާއި ގުޅިގެން ސިއްޙިގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެރަށް މޮނިތަރިންގެ ޙާލަތަށް ލާފައިވާކަމަށެވެ. އެރަށް މޮނިޓަރިންއަށް ލާފައިވަނީ މިއަދު މެންދުރު ފަހު 15:43 އިން ފެށިގެންކަމަށްވެސް އެ އެންގުމުގައިވެއެވެ.

މިގޮތުން މާފުށީގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން އެރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުން ވަނީ މަނާކޮށްފައެވެ. އަދި އެރަށް މޮނިޓަރިންއަށް ލުމާގުޅިގެން، އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އާންމުގޮތެއްގައި ރަށެއް މިނިޓަރިންއަށް ލަނީ އެރަށަކުން ކޯވިޑް-19ގެ ޕޮޒިޓިވް މީހުން ފެނި، މުޖުތަމަޢުއަށް ބަލި ފެތުރިދާނެކަމުގެ ފުރުޞަތު އޮވެއްޖެނަމަ އެފުރުޞަތު ކުޑަކުރުމުގެ ބޭނުމުގައެވެ. ނަމަވެސް އެރަށުން މީހަކު ޕޮޒިޓިވްވީކަން އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން މިރޭ އެޗްޕީއޭއިން ޢާންމުކުރަ ތަފާސް ހިސާބުތަކުން އެރަށުގައި ޕޮޒިޓިވް މީހުން ތިބިނަމަ އެނގޭނެއެވެ.

މާފުށި މޮނިޓަރިންގެ ޙާލަތަށް ލާފައި މިވަނީ އެރަށުން ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިން އެބަލިން ރަނގަޅުވެފައިވާކަން އިއްޔެ ހާމަކޮށްފައިވަނިކޮށެވެ. އެގޮތުން އެރަށުން ޕޮޒިޓިވްވި 5 ފަތުރުވެރިއަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މާފުއްޓަކީ ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ރަށެވެ. މާފުށިން ކުރިން ޕޮޒިޓިވްވި 5 ފަތުރުވެރިއަކާއި ގުޅުގެން ނެގި 85 ރެންޑަމް ސާމްޕަލްވެސް ނެގެޓިވްވެފައިވާކަމަށް މާފޫށީ ސިއްޙީ މަރުކަޒުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި އޮކްޓޫބަރު މަހުގެ15 ގައި ހުލުވާލުމުން އެންމެ ފުރަތަމަ ފަތުރުވެރިން ޒިޔާރަތްކުރި ރަށަކީވެސް މާފުއްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.