ކަރަން އަމިއްލައަށް މަރުވާން އުޅުނު ކަމަށް ތުހުމަތުކޮށްފި!

ކަރަން އަމިއްލައަށް މަރުވާން އުޅުނު ކަމަށް ތުހުމަތުކޮށްފި!

Author
ފާތިމަތު ނާވީ
06 ޑިސެމްބަރ 2022 09:42
0

ބޮލީވުޑްގައި މި ވަގުތު ހުރި އެންމެ ނުފޫޒު ގަދަ އެއް ޑައިރެކްޓަރު/ ޕްރޮޑިއުސަރު ކަރަން ޖޯހަރް އަމިއްލައަށް މަރުވާން އުޅުނު ކަމަށް ބޮލީވުޑްގެ މީހުންނަށް ފާޑުކިޔާ އެކްޓަރު ކަމާލް އާރް ޚާން (ކޭއާރްކޭ) ބުނެފި އެވެ.

ފިލްމީ ދާއިރާގެ މީހުންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް އަބަދުވެސް ދައްކާ ކޭއާރްކޭ ބުނީ މީގެ ދުވަސްކޮޅެއް ކުރިން ކަރަން އަމިއްލައަށް މަރުވާން މަސައްކަތް ކުރީ އޭނާ ބަނގުރޫޓް ވުމުގެ ސަބަބުން ކަމަށެވެ. އަދި އެއީ އޭނާގެ ފިލްމް ކުންފުނި ދަރްމާ ޕްރޮޑަކްޝަން އިން ގެނެސްދިން ފިލްމް "ބްރައްމަސްތުރާ" އިން ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

ނަމަވެސް "ބްރައްމަސްތުރާ" ބޮޑު ކާމިޔާބެއް ބޮކްސް އޮފީހުގައި ހޯދި ފިލްމްއެވެ. ލީޑުން ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް ފެނިގެން ދިއައިރު މި ފިލްމަކީ މި ދެތަރިން ކުޅުނު އަލަތު ފިލްމެވެ. ބޮޑު ބްލޮކްބަސްޓާ މި ފިލްމު ވަނީ ގިނަ ރެކޯޑް ތަކެއް މުގުރާ ބޮޑު އާމްދަނީއެއް ވެސް ހޯދާފައެވެ.

 

ކޭއާރްކޭގެ ޓްވީޓްގައި ބުނީ މިކަމާ ހެދި އެންމެ ފަހުން ކަރަން އަށް 300 ކްރޯޑް ރުޕީސް (37 މިލިއަން ޑޮލަރު) ގެ ލޯނެއްދީ އޭނާ މަރުން ސަލާމަތްކުރީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ ކަމަށެވެ. ކޭއާރުކޭގެ މި ވާހަކަތަކުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި ކޭއާރުކޭ އަކީ ޓްވީޓް ކުރުން ނޫން ވަޒީފާއެއް ނޯންނަ މީހެއްކަަމަށް ބައެއް މީހުން ބުނެއެވެ.

ފެންޓަސީ-އެކްޝަން އެޑްވެންޗާއެއްގެ ގޮތުގައި ގެނެސްދިން "ބުރައްމަސްތުރާ" އަކީ ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (49.3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. މީ މިފަދަ ގޮތަކަށް އިންޑިއާގައި ހެދި ފުރަތަމަ ފިލްމުވެސް މެއެވެ. އަނެއްކޮޅުން ބޮކްސް އޮފީހުގައި 431 ކްރޯޑް ރުޕީސް (53 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް މި ފިލްމުން ނެގިއެވެ.

"ބުރައްމަސްތުރާ: ޕާޓް ވަން-ޝިވާ" އަކީ ޑައިރެކްޓަރު އަޔާން މުކަރްޖީ ގެނެސްދޭން ނިންމާފައި އޮތް ޓްރިލޮޖީގެ ފުރަތަމަ ބައެވެ. މި ފިލްމު ސީރީޒް އެކުލެވިގެން ވަނީ 3 ފިލްމެއްގެ މައްޗަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.