ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަނެއްކާވެސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. އެއީ ބަރުދަނުގައި 1.34 ލިކޯގެ މަސްތުވާތަކެިކަމަށް މޯލްޑިވްސް ކަސްޓަމްސްއިން މަޢުލޫމާތުދެއްވައެވެ.
މި ތަކެތި އަތުލައިގަތީ ނެދަލޭންޑްސް އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މިތަކެތި ހޯދުނީ އެއާމެދު ކަސްޓަމްސްގެ މުވައްޒަފުންނަށް ޝައްކު ކުރެވޭ ބައެއް ކަންތައްތަކެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.34 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.@AbdullaSh4reef @MariyaDidi pic.twitter.com/VlyCn9QPbN
— Maldives Customs (@CustomsMv) December 1, 2022
މިމަސްތުވާތަކެތި އަތުލައިގަތީ ނިމުނު ނޮވެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ދެ ބާވަތެއް ހިމެނެއެވެ. އެއީ "މެފެޑްރޯން" އާއި "ހެރޮއިން"އެވެ. މިތަކެތީގެ މަގުމަތީ އަގުގައި ދެ މިލިއަނަށް ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަތުލައިގަތް މިމަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.