އެންއައިސީން އަންގަނީ ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު އަދި ހާމަކުރެވެން ނެތްކަމަށް!

އެންއައިސީން އަންގަނީ ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު އަދި ހާމަކުރެވެން ނެތްކަމަށް!

Author
މުޙައްމަދު ޝަޒައިމް
22 ނޮވެމްބަރ 2022 06:41
0

ފުލުހުންގެ އިހުމާލުން މަރުވިކަމުގެ ތުހުމަތުކުރާ ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު މިހާރު އޮތީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގައި ކަމަށާއި ނަމަަވެސް އަދި އެ ރިޕޯޓު ހާމަކުރެވެން ނެތްކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެންއައިސީއިން މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ނިންމީ އެ މަރުގައި ފުލުހުންގެ އިހުމާލުވާ ކަމުގެ ބޮޑެތި ތުހުމަތުތައް އާއިލާއިން ކުރާތީއެވެ. ރަޝީދުގެ ޕޯސްޓްމޯޓަމް ހެދީ ވެސް އާއިލާގެ ނުރުހުމުގައި އެ ތަހުގީގުގެ ބޭނުމަށެވެ.

މި މައްސަލަ ތަހުގީގުކުރުމަށް ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް އިންޑިއާއަށް ފޮނުވީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމް ފައިނަލް ރިޕޯޓް ނުލިބުނު ނަމަވެސް މިހާރުވަނީ ޕޯސްޓްމޯޓަމްގެ ރިޕޯޓެއް އެންއައިސީއަށް ލިބިފައެވެ. އެންއައިސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލައިގެ ތަހުގީގް ކުރިއަށްދާތީ މިހާރު ލިބިފައި އޮތް ޕޯސްޓްމޯޓަމް ރިޕޯޓް ހާމަކުރެވެން ނެތްކަމަށެވެ. މިމައްސަލައަކީ ތަހުގީގް ކުރިއަށްދާ މައްސަލައަކަށްވުމުން، ތަހުގީގާއި ގުޅޭމާބޮޑު ތަފްސީލެއްވެސް އެންއައިސީން ދެއްވާފައިނުވެއެވެ.

އާއިލާގެ ނުރުހުމުގައި އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާތީ، އެ ނިންމުން ބާތިލުކޮށް، މައްޔިތާގެ ޖަނާޒާގެ ކަންކަން ހަމަޖައްސަން ހަށިގަނޑު ހަވާލުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އޭނާގެ މަންމަ މަރިޔަމް އަހްމަދު، މާރަގަ/ގދ. ހޯނޑެއްދޫ، ސިވިލް ކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް މި މައްސަލާގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރަޝީދުގެ އާއިލާއިން އަންނަނީ ޕޯސްޓްމޯޓަމް ރިޕޯޓު އާއިލާއަށް ހިއްސާނުކުރާތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއަކީ ހަށިގަނޑާއެކު ލިބޭނެ އެއްޗެއްކަމަށް ފުލުހުން ކުރިން ބުނި ކަމަށާއި ނަމަވެސް އެކަން ކުރިތާ ދެ ހަފުތާވިއިރު ވެސް އެ ރިޕޯޓް އާއިލާއާ ހިއްސާ ނުކުރާ ކަމަށް އެ އާއިލާއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.