ޒަމްޒަމް ފާރިޝް ވަޒީފާއިން ވަކި ކުރީ ގޯސްކޮށް ކަމަށް ނިންމައިފި

ޒަމްޒަމް ފާރިޝް ވަޒީފާއިން ވަކި ކުރީ ގޯސްކޮށް ކަމަށް ނިންމައިފި

ގުޅުންހުރި

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ގޮންޖަހައި، އެ ނިންމެވުމަށް ފާޑުކިޔާފައިވާތީ އަރަބިއްޔާ ސްކޫލުގެ ޓީޗަރު ޝައިޚު ޒަމްޒަމް ފާރިޝް އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑް ކޮށްފައިވަނީ ގޯސްކޮށް ކަމަށް ވަޒިފާއާބެހޭ ޓްރަބިއުނަލްއިން ނިންމައިފިއެވެ.

ޒަމްޒަމް މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކުރި ޓްވީޓަކާ ހެދި އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމެނެންޓް ސެކެޓްރީ އަޙްމަދު ޢަލީ އޭނާ އެއް މަސް (30) ދުވަހަށް ސަސްޕެންޑު ކުރެއްވީ ޤަވާޢިދާ ޚިލާފަށް ގޯސްކޮށް ކަމަށް ޓްރައިބިއުނަލް އިން ނިންމަވައި ދެއްވާފައި ވާކަމުގައެވެ.

މި މައްސަލާގައި ޓްރައިބިއުނަލް އިން ނިންމާފައިވާ ނިންމުމުގައި ވިދާޅުވެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން އޭނާ ވަޒީފާއަށް ނުކުތުން މަނާ ކޮށްފައިވަނީ ސިވިލް ސާވިސްގެ ގަވާއިދު 2014ގެ 258 ވަނަ މާއްދާގެ (ށ)ގެ (2) ގައި ބަޔާން ކޮށްފައިވާ ކަންކަން ވަޒަން ކުރުމަކާ ނުލާކަމަށް ބުރަ ވެވޭ ކަމަށެވެ.

އަދި ޒަމްޒަމް އޮފީހަށް ނިކުތުން މަނާކޮށްފައިވަނީ ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014ގެ 258 ވަނަ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރާއި ޚިލާފަށް، އެކަށީގެންވާ ހާލަތެއް އޮވެގެންކަން އެޑިއުކޭޝަން މިނިސްޓްރީއަށް ސާފުކޮށް ދެވިފައި ނުވާތީ، ޒަމްޒަމް އޮފީހަށް ނިކުތުން މަނާކޮ ކުރުމަކީ ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އާއި ޚިލާފް ނިންމުމެއް ކަމުގައި ކަނޑައަޅާ ކަމުގައެވެ.

އަދި މީގެ އިތުރުން އޭނާ ވަޒީފާއަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި ބާތިލް ކުރުމަށްފަހު، އެކަން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރިބިއުނަލްއަށް ލިޔުމަކުން އެންގުމަށްވެސް ސިވިލް ސާވިސް ކޮމިޝަނަށް އަމުރު ކުރާ ކަމުގައެވެ.

ފާއިތުވި އެޕްރިލްމަހު ޒަމްޒަމް ފާރިޝް އޮފީހަށް ނިކުތުން މަނާކޮށް އެޑިއުކޭޝަން މިނިސްޓްރީން ޒަމްޒަމް އަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ރައީސްގެ ގަރާރަށް ސީދާކޮށް ފާޑުކިޔާ އެ ނިންމެވުމަށް ގޮންޖަހާ އިންޑިއާ އައުޓް ހަރަކާތަށް ހިތްވަރު ލިބޭ ގޮތަށް އޭނާ ޓްވީޓް ކުރައްވާފައިވާ ކަމަށެވެ. މި ކަމަކީ ސިވިލްސާވިސް ގަވާއިދުގައި ބަޔާން ކުރާ ސާވިސް މުވައްޒިފެއްގެ ދައުރާއި ޒިންމާތަކާއި އަދި އުޅުމާއި ސުލޫކު ބަހައްޓަން ޖެހޭ ގޮތާއި އަދި ކޯޑް އޮފް ކޮންޑަކްޓާއި ތައާރުޒުވާ ކަމެއް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނެފައިވަނީ، ރައީސްގެ ގަރާރަށް ޒަމްޒަމް ފާރިޝް ގޮންޖަހައި ފާޑުކިޔުމަކީ އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކިޔަވައިދޭ ކުދިން އަދި މުޖުތަމައުގެ އެކި މީސްމީހުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތާއި ހަމަނުޖެހުމަށް ހިތްވަރުދޭ، އެ އަށް މަގުފަހިވާ އަމަލެކެވެ. ޒަމްޒަމް ފާރިޝް ސަސްޕެންޑްކުރި 30 ދުވަހުގެ މުއްދަތަށް މުސާރަ ވެސް ނުލިބޭނެ ކަމަށް އޭނާ "އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން" ގައި ބުނެފައި ވެއެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި ނެރުނު ރިޔާސީ ގަރާރަކުންނެވެ. އެ ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

މި ގަރާރާއި ގުޅިގެން އިދިކޮޅުން ވަނީ އިންޑިއާ އައުޓު ހަރަކާތް ރަސްމީކޮށް ހުއްޓާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ