މައްސަލަ ބޮޑު ޓްރާންސްޕޯޓު މިނިސްޓްރީގެ ހިންގުން، ހުރިހާ ގޮތަކުންވެސް ބޮއްސުން ލާފަ!

މައްސަލަ ބޮޑު ޓްރާންސްޕޯޓު މިނިސްޓްރީގެ ހިންގުން، ހުރިހާ ގޮތަކުންވެސް ބޮއްސުން ލާފަ!

ގުޅުންހުރި

ޓްރާންސްޕޯޓު މިނިސްޓްރީއަކީ ދައުލަތުގެ މުވައްސަސާތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މުވައްސަސާއެވެ. އަދި މިއީ ވުޒާރާތަކުގެ ތެރެއިންވެސް އެންމެ ބޮޑު އެއް ވުޒާރާ ކަމުގައި ވެގެން ދާއިރު، މި ވުޒާރާ ހިމެނިގެންދަނީ އާންމު ރައްޔިތުންނަށް ބޭނުންވާ ވަރަށްވެސް މުހިންމު އަސާސީ ޚިދުމަތަކާއި ގުޅުން ހުރި މުހިންމު މުވައްސަސާއަކަށްވެސް މެއެވެ.

އެއީ ދިވެހިރާއްޖޭގެ ދަތުރުފަތުރާއިބެހޭ އެންމެހާ ކަންކަން ރެގިއުލޭޓް ކޮށް ބެލެހެއްޓުމެވެ. މީގެ ތެރޭގައި އެއްގަމާއި ކަނޑު ދަތުރުފަތު ހިމެނިގެން ދާއިރު، ރާއްޖެއަށް އުޅަނދުފަހަރު އެތެރެކޮށް އެތަކެތި ރަޖިސްޓްރީ ކުރުމުން ފެށިގެން ގޮސް، އުޅަނދުފަހަރުތައް ދުއްވުމަށް ހަދާންޖެހޭ ގަވާއިދުތައް ހަދާ އެގަވާއިދުތަކާއި ގާނޫނުތައް ހެދުމުގެ ޒިންމާވެސް ގާނޫނީގޮތުން މަތި ކުރެވިފައިވާ މުވައްސަސާއަކީ ދަތުރު ފަތުރާއިބެހޭ ވުޒާރާއެވެ.

އެހެންކަމުން މި ވުޒާރާއަކީ ހުރިހާ ސަރުކާރެއްގައިވެސް އުވިގެން ނުގޮސް، އަދި ވަޑައިގަންނަވާ ކޮންމެ ރައީސަކުވެސް މުހިންމު އިސްކަމެއް ދެއްވައިގެން، ހިންގުންތެރި ބޭފުޅާކާއި މިވުޒާރާގެ ހިންގުން ހަވާލު ކޮށްފައިވާ މުހިންމު މުވައްސަސާއެއްކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ހަމައެއާއެކު، ޓްރާންސްޕޯޓު މިނިސްޓްރީއަކީ ޒަމާނުއްސުރެ އެ މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން އާންމުންގެ ޝަކުވާތައް ގިނަ، އަދި އެމިނިސްޓްރީގެ އެތެރޭގައި ވަރުގަދައަށް ކޮރަޕްޝަން މޫލާފައިވާ މުވައްސަސާއެއްކަމީވެސް ދެބަސް ވެވެން ނެތް ހަގީގަތެއްވެސް މެއެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީ ހަވާލު ކުރައްވާފައިވަނީ ޖުމުހޫރީ ޕާޓީއާއި

މިގޮތުން ރައީސް އިބުރާހިމް މުހައްމަދު ސާލިހު ކޯލިޝަންއަކާއެކު ވެރިކަމަށް ވަޑައިގެންވުމަށްފަހު، ދައުލަތުގެ ވުޒާރާތައް ކޯލިޝަން ޕާޓްނަރުންގެ މެދުގައި ބެއްސެވިއިރު މި މުހިންމު ވުޒާރާ ހަވާލު ކުރައްވާފައިވަނީ ކޯލިޝަން ޕާޓްނަރު ގާސިމް އިބުރާމްހިމްގެ ޖުމުހޫރީ ޕާޓީއާއެވެ. އެޕާޓީގެ ފަރާތުން މި މިނިސްޓްރީގެ ވަޒީރަކަށް ވަޑައިގެންނެވީ މަހުޖަނު ގާސިމް އިބުރާހިމްގެ އަނބިކަބަލުން އައިޝަތު ނަހުލާއެވެ.

 

މުވަޒަފަކާއި މިނިސްޓަރުގެ ކޯޅުން މުޅިން ތަފާތު މިސްރާބަކަށް!

ޓްރާސްޕޯޓު މިނިސްޓީގެ މަސައްކަތްތަކުގެ ތެރެއިން، ތަންފީޒުކޮށް އަމަލީ ސިފަ ގެންނަމުންދާ އާ ތަސައްވުރެއް، ނުވަތަ ކުރިޔަށް ގެންދާ، ތަރައްގީއާއި ގުޅުން ހުރި މުހިންމު ބޮޑެތި މަޝްރޫއުތަކެއް ފެންނާން ނެތްއިރު، ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ދައުރުގެ ފުރަތަމަ 4 އަހަރު ނިމި، ފަހު އަހަރަށް އަލި ވިލިފައިވާއިރު މި ވުޒާރާއާއި ގުޅޭގޮތުން އިވެން ފަށާފައިވަނީ މުޅިންވެސް އާދަޔާއި ޚިލާފް، އަދި ތަފާތު ވާހަކަތަކެއް ކަމުގައި ދަންނަވާން ޖެހެއެވެ.

އެއީ ވުޒާރާގެ ބައެއް މުވައްޒަފުންނާއި ވަޒީރާއި ދެމެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ނުކުރެވި، މި ޚިޔާލުތަފާތުވުންތަކާއި ޒުވާބުތައް މީޑިއާތަކާއި ހަމައަށް ތިލަވެގެން ދިއުމެވެ.

އަދި އެންމެ ފަހުން ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ޢަލީ މަގާމުން ވަކިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ލިޔުއްވާފައެވެ. މި ސިޓީގައި، އެމްއާރުއެމްގެ ސްލޮޓެއްގައި ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުންގައި ހުންނެވި ޝިމާޒްއާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ހަމައަށް މިނިސްޓަރު ނަހުލާ ހުށަހަޅުއްވާފައިވަނީ ސީދާ ކޮން ޝަކުވާއެއްކަން މީޑިއާތަކާއި ހަމައަށް ތިލަވެގެން އައިސްފައި ނުވިނަމަވެސް، މި ސިޓީ ފޮނުއްވުމަށްފަހު ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ކުރައްވާފައިވާ ޓުވީޓުތަކުން، އެ ތުހުމަތުތައް ގުޅިފައިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކާކަން ސާފުވެގެން ގޮސްފައި ވެއެވެ.

އެހެންނަމަވެސް، އެއަށްފަހު، މި މައްސަލައާއި ގުޅިގެން އެމްއާރުއެމްއިން ނެރެފައިވާ ބަޔާނެއްގައި، ޝިމާޒަށް ކުރެވޭ ތުހުމަތުތަކާމެދު ކަމާބެހޭ މުއައްސަސާތަކުން ފުރިހަމަ ތަހުޤީޤެއް ހިންގުމަށްފަހު މެނުވީ މިކަމުގައި ގޮތެއް ނިންމުމަކީ ރަގަޅު ގޮތެއް ނޫން ކަމުގައި އެޕާޓީން ދެކޭކަމަށް ބުނެފައެވެ. އަދި މިއީ އެޕާޓީއިން ކަންބޮޑުވާ ކަމެއްކަމަށާ، އެމް.އާރް.އެމް އަކީ ކޮރަޕްޝަންއާ ދެކޮޅަށް ވަކާލާތުކޮށް ކޮރަޕްޝަން ހުއްޓުވުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ޕާޓީއެއްކަމަށްވެސް އެޕާޓީގެ ބަޔާނުގައި ވެއެވެ.

ކޮންމެއަކަސް، މިނިސްޓްރީގެ މުވައްޒަފަކާއި ވަޒީރާ ދެމެދު އުފެދުނު ޚިޔާލުތަތާފުތައް ހަފޮޅުން ބޭރުވެ، މައްސަލަ މިހާރު މިވަނީ މުވައްޒަފުގެ ޖާނަށް ނުރައްކާވާ ވަރުގެ ނުރައްކާތެރި މައްސަލައަކަށް ބަދަލުވެން ގޮސްފައިކަމަށް ބައެއް ފަރާތްތަކުންވަނީ ސިފަ ކުރާން ފަށާފައެވެ. އެއީ މިނިސްޓަރު ނަހުލާއާއި ޝިމާޒްއައި ދެބޭފުޅުންގެ އަރައިރުން އާންމު ވުމަށްފަހު، ޝިމާޒްގެ ސައިކަލަށް ބަޔަކު ގެއްލުން ދީފައިވަނިކޮށް، ފާއިތުވި ހަފްތާގައި މަގުމަތިން ބަޔަކު މީހުން އޭނާއަށް ހަމަލާ ދިނުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް މި ހަމަލާތަކާއި ގުޅިގެން ޓްރާންޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވެފައިވަނީ މިހަމަލާތައް ކުށްވެރި ކުރާ ކަމަށާއި، އެހެންނަމަވެސް ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާވާ ނުލައްވާނެ ކަމަށެވެ. އަދި މިހަމަލާއާއި ގުޅުވައިގެން ދެކެވެމުންދާ ވާހަކައަކީ އަބުރު ކަތިލުމުގެ ހުތުރު އަމަލެއް ކަމުގައިވެސް ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވެފައި ވެއެވެ.

މިނިސްޓަރާއި މުވައްޒަފުގެ ދެމެދުގައި އުފެދިފައިވާ މައްސަލަވަނީ ގޯހުން ގޯހަށް ދަތުރު ކޮށްފައި

 

ޓްރާންސްޕޯޓު މިނިސްޓްރީގައި ކޮރަޕްޝަން އޮތްކަމަށް މިނިސްޓަރުގެ އިއުތިރާފް، ހައްލެއް ނެތް!

ޓްރާންސްޕޯޓު މިނިސްޓްރީއަކީ ޒަމާނުއްސުރެ ކޮރަޕްޝަންގެ ފެތުރިފައި އޮތް، އެ ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން އާންމުންގެ ބޮޑެތި ޝަކުވާތަކެއް ހުރި މުވައްސަސާއެއްކަން ފާހަގަ ކޮށްލާން ޖެހެއެވެ.

އަދި މި ކޮރަޕްޝަންގެ ތުހުމަތުތައް މި ސަރުކާރުގައި އިތުރަށް ޔަގީން ކޮށްދީފައިވަނީ، މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު ދޭތެރެ ދޭތެރެއިން ކުރައްވާ ޓުވީޓުތަކުންވެސް މެއެވެ. އާންމު ގޮތެއްގައި ވިދާޅުވަނީ ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއްނެތި ކުރައްވާނޭ ކަމުގެ ވާހަކައެވެ.

އެހެންނަމަވެސް މި ދެންނެވުނު، ކޮރަޕްޝަންކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވާ މައްސަލަތަކުގެ ތެރެއިން އަބަދުވެސް ފާހަގަވަމުން ދަނީ މި ވުޒަރާގެ ވަޒީރާއި މުވައްޒަފުންނާ ދެމެދު ފެންމަތިވާ މައްސަލަތަކެވެ.

މިގޮތުން، ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރޭގައި ހުރި ގިނަ މައްސަލަތަކާއެކު 2021 ވަނަ އަހަރު މިނިސްޓަރ އައިޝަތު ނަހުލާއާއި ބައެއް މުވައްޒަފުންނާއިމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ، މިނިސްޓްރީގައި މަސައްކަތްކުރި 9 މުވައްޒަފަކު ފަރުވާކުޑަކަމަށް ބުނެ ވަޒީފާއިން ވަކިކުރަން އުޅުނު މައްސަލަ އޭރު ހޫނުވެގެން ދިޔައެވެ.

އެފަހަރުވެސް މިނިސްޓަރު ނަހުލާވަނީ އެ މުވައްޒަފުންގެ މައްސަލަތައްވެސް ރައީސް އޮފީހަށްވެސް ހުށަހަޅާފައެވެ. ހަމަ އެއާއެކު މި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރުމަށް ސިވިލް ސާރވިސް ކޮމިޝަނުން އަންގާފައި ވަނިކޮށް، އެ 9 މުވައްޒަފުން ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން މުވައްޒަފުން މައްސަލަ ހުށަހަޅާފައި ވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށެވެ. ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއިން އެންމެ ފަހުން އަމުރު ކޮށްފައިވަނީ މި މުވައްޒަފުންނަށް ވަޒީފާ އަބުރާ ދިނުމަށެވެ.

އެއަށްފަހު ދެން ފެންމަތިވެގެން އަައީ މާލޭގައި ދުއްވަމުންދާ ގިނަ އަދަދެއްގެ އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ކުއްލިއަކަށް މިނިސްޓްރީން ބާތިލް ކުރި މައްސަލައެކެވެ. މި މައްސަލަވެސް އެންމެ ފަހުން ހުއްޓުވާފައިވަނީ އުޅަނދުތަކުގެ ވެރިފަރާތުން ކޯޓަސް ގޮސްގެން އެފަރާތްތަކުގެ ދިފާއުގައި ކޯޓުން ނެރުއްވި ކޯޓު އަމުރަކާއި ހަމައިންނެވެ.

މިހުރިހާ މައްސަލަތަކެއްވެސް ފެންމަތިވެ، ވުޒަރާގެ މުވައްޒަފުންނާއި ވަޒީރާ ދެމެދު ދެބަސްވުން އުފެދި، އެ ވުޒާރާގެ އެތެރޭގަ އޮތްކަމަށް ބުނާ ކޮރަޕްޝަނާއި، މުވައްޒަފުން ފަރުވާކުޑަކަމަށް ބުނާ މައްސަލަތަކަށް ހައްލެއް ނުހޯދި، އަބަދުވެސް މިއީ ބޮޑު މައްސަލަގަޑެއްގެ ތެރޭގައި އޮންނަ ވިޒާރާއަކަށް ވެގެން ގޮސްފައިވާއިރު، ބައެއް މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި އުސޫލާއި ޚިލާފަށް ކަންކަން ކުރާ، ވަޒީރުގެ އަރިސް މުވައްޒަފުންވެސް އެ ވުޒާރާގައި އެބަ ތިއްބެވެ.

 

ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށައެއް ނާޅުއްވާ، ހިންގުމުގެ ނިޒާމު ބޮއްސުލް ލާފައި! 

ޓްރާންސްޕޯޓު މިނިސްޓްރީގައި ފެންމަތިވެގެން ގޮސްގައިވާ ގިނަ މައްސަލަތަކަށް ރަގަޅަށް ނަޒަރެއް ހިންގާލުމުން ސާފުވާން އޮތް އެއް ހަގީގަތަކީ އެ މިނިސްޓްރީއަކީ ހުރިހާ މާނައެއްގައިވެސް ހިންގުމުގެ ނިޒާމު ބޮއްސުން ލާފައި އޮތް ވުޒާރާއެއް ކަމެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއަކީ ފެށުނީއްސުރެ ހިންގުމުގެ ބޮޑެތި މައްސަލަތަކެއް ފާހަގަވަމުން އައިތަނެއް

އަދި މިހާރު އެމިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ވަޒީރުގެ އަމިއްލަފުޅު އިއުތިރާފުން އެ މިނިސްޓްރީގައި ކޮރަޕްޝަން އޮތްކަމަށް ވިދާޅުވަމުން ގެންދަވާތާ 4 އަހަރު ފާއިތުވެގެން ދިޔައިރުވެސް، ކޮރަޕްޝަން ނައްތަވާ ލެވުމުގައި ނާކާމިޔާބު ވެވަޑައިގެންފައި ވާކަމެވެ.

އަމުދުން ވަޒީރަކު އެ ވަޒީރުގެ އަމިއްލަފުޅު ވުޒާރާގައި ކޮރަޕްޝަން އޮތްކަމަށް ވިދާޅުވެ، އެއިން އެއްވެސް މައްސަލައެއް، ކޮރަޕްޝަން ހުއްޓުވުމަށް އުފައްދާފައިވާ މުވައްސަސާއާއި ހަމައަށް ނުގެންދަވާ، އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުން އެ ވުޒާރާއަކީ މިއަދު ހަގީގަތުގައިވެސް ހިންގުމުގެ ނިޒާމު ބޮއްސުން ލާފައި އޮތް ވުޒާރާއެއް ކަމުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.

ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތައް ބުނާގޮތުންވެސް، ވުޒާރާއެއްގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާކަން އެގޭ ކަމަށްވާނަ އެކަން އިނގޭ ފަރާތަކުން އެ މައްސަލަތައް ކަމާއި ގުޅުން ހުރި މުވައްސަސާތަކަށް ހުށަހަޅުއްވާން ޖެހޭނެއެވެ. މައްސަލަތައް ކަމާއި ގުޅުންހުރި މުވައްސަސާތަކާއި ހަމައަށް އެގިހުރެ ނުގެންދެވުންވެސް ވެގެންދާނި ގާނޫނީ ކުށަކަށްވެސް މެއެވެ.

އެހެންމުން ގަބުލު ކުރެވޭ ގޮތުގައި، އޭރުވެސް މިހާރުވެސް، އެ ވުޒާރާއަކާއި ގުޅިގެން އާންމުގެ ބޮޑެތި ޝަކުވާތަކެއް ހުރި، ޓްރާންސްޕޯޓު މިނިސްޓްރީގެ އަމާޒު މިއަދު ހުރީ އެންމެ ރަގަޅަށް މިސްރާބު ކުރެވިފައި ނޫންކަމުގައި ގަބޫލުކުރާން މަޖުބޫރު ވެއެވެ.

އަދި މިވުޒާރާއާއި ގުޅޭގޮތުން ފެންމަތިވަމުންދާ އާދަޔާއި ޚިލާފް މައްސަތަކަށް ދާއިމީ ހައްލެއް ހޯދުމަކީ ހަގީގަތުގައިވެސް ރައީސް ސާލިހުގެ ސަރުކާރަށް އޮތް ވަރަށްވެސް ބޮޑު ޒިންމާއަކާއި މަސްއޫލިއްޔަތަކަށް މިވަނީ ވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ