ދަތި ޙާލުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެމްޑީޕީގެ ވަޢުދެއްކަމަށާއި، އެވަޢުދު ނުފުއްދުމަށް ދައްކާ ހުއްޖަތް ޤަބޫލުނުކުރެވޭނެކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝިދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރަން އެކުލަވާލާފައިވާ ޕްލޭނަށް ބަލާއިރު މާލޭ ރައްޔިތުންނަށް ގޯތި ދޭނެ ހުސް ބިމެއް އެތަނުގައި ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު އަދި ރައީސސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލްގެ މެމްބަރު ފައްޔާޟް އިސްމާޢީލް ވިދާޅުވުމާއި ގުލިގެން ދެއްވި ރައްދުގައި މިސަރުކުގެވެސް މެންބަރު ބޮންޑެ ވިދާޅުވީ، ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮގައާއި ކުދި ކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިހްތިޔާރު ކުރާ އެ ހެންތަނަކުން ގޯޗެއް ފޯރުކޮށްދިނުމަކީ އެމްޑީޕީ ޖަޒީރާއްޖެ މެނިފެސްޓޯ ގައި ހިމެނޭ ވައުދެއްކަމަށެވެ. އަދި ވައުދު ނުފުއްދުމަށް ދައްކާ ހުއްޖަތެއް ގަބޫލެއް ނުކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެންބަރު ބޮންޑެ މިހެން ވިދާޅުވެފައިވާއިރު އިކޮނޮމިކް މިނިސްޓަރ ފައްޔާމް ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި، އައު ސިޓީއެއްގެ ގޮތުގައި ތަރައްގީކުރަން އޮތް ޕްލޭންގައި ފަތުރުވެރިކަމަށާއި، އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ގާއިމްކުރުން ފަދަ ކަންކަމަށް ބިން ކަނޑައަޅާފައިވީނަމަވެސް، އެވަރުގެ ސިޓީއެއް ދަމަހައްޓަން އިގުތިސާދީ ގޮތުން ބޭނުންވާ ކަންކަމަށް ހާއްސަކޮށްފައިވާ ބިމާއި ގެދޮރަށް ކަނޑައަޅާފައިވާ ބިންތަކަށް ބަލާއިރު، މާލޭގެ ރައްޔިތުން ބޭނުންވެގެން އުޅޭ މިންވަރަށް ގޯތި ދޫކުރާނެ ބިމެއް މިހާރު ނެތް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 240 ހެކްޓަރުގެ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ހިއްކާފައިވަނީ ރައްޔިތުންނށް ބޯހިޔާވަހިކަމާއި އީޤްތިޞާދީ ހަރަކާތްތައް ހިންގުމަށްކަމަށް ބުނެފައިވެއެވެ. ދަވަނަ ފިޔަވަހިން ބައެއް ފަރާތްތަކަށް ބިންވެސް ވިއްކާފައިވެއެވެ.
ކޮމެންޓު ފޮނުވާ