ރާއްޖޭގެ ސަގާފަތް އާލާ ކުރުމަށް 30 އަހަރަށް ފަހުގައި މެދު ޒިޔާރާތުގައި ދިދަ ނަގަން ފަށައި، އެކަން ފާހަގަ ކުރުމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން ދިދަތައް ނަގަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން މިދިދަތައް ނަގަން ނިންމާފައިވަނީ ގިނަ އަހަރުތަކަކަށް ފަހު ރާއްޖެ އިސްލާމް ކުރެއްވީ މޮރޮކޯގެ އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ މެދުޒިޔާރަތުގައި ދިދަ ނަގަން ފެށުމާ އެކު އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން 24 ގަޑިއިރު ނުވަނީސްއެވެ. އެ ޒިޔާރަތަކީ ކުރިން މީހުން ނަދުރު ބުނެ އުޅުނު ތަނެކެވެ. ނަމަވެސް، އެ ތަނަށް ނަދުރު ބުނުން ސަރުކާރުން 1957 ގައި މަނާކުރިއެވެ.
އިއްޔެ އަލުން ދިދަ ނަގާފައިވަނީ އެއިރުގެ ފޮޓޯތަކުން ފެންނަން ހުރި ގޮތަށް ތިން ކަން ލާފައި ހުރި ބޮޑު ދިދައަކާއި ކުދި ދިދަ އެކެވެ. ދިދައިގެ ވަށައިގެން ހުންނަނީ ގައުމީ ކުލަތަކުގެ ބޯޑަރެއް ލައިފައެވެ. ބޮޑު އެއް ދިދައިގެ އިތުރުން ދެން ޖަހާފައިވަނީ މެދު ސައިޒުގެ 10 ދިދައާއި ޒިޔާރަތުގެ ވަށައިގެން ކުޑަ 24 ދިދައެވެ.
މި ދިދަތައް ނެގުމާ އެކު ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފައެވެ. އެގޮތުން، އެއީ ސަގާފީ ކަމެއް ނޫން ކަމަށާއި އެއީ އެއީ މުންކަރާތެއް ދިރުވުމަށް ކުރަމުންދާ ކަމެއް ކަމަށް ބުނެފައެވެ. އިސްލާމް ދީނުގައި އެކަމަށް ހުއްދަ ދީފައި ނުވާ ކަމަށް ވެސް ދީނީ ބައެއް އިލްމުވެރިން ވަނީ ބުނެފައެވެ.
އެ މައްސަލަ ހޫނުވެފައި ވަނިކޮށް މިއަދު އިރުއޮއްސެނިކޮށް މެދުޒިޔާރާތުގައި ހުރި ދިދަ ވަނީ ބާލައިފައެވެ.
މީލާދީން 1153 ވަނަ އަހަރު ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައި ވަނީ މެދުޒިޔާރަތުގައެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް އެ ޒިޔާރަތުގައި ފަސްދާނުލާފައިވެއެވެ.
ކޮމެންޓު ފޮނުވާ