ޕެންޝަން އޮފީހުގެ އާ ސީއީއޯއަކަށް އެ އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި ސުޖާތާ ހަލީމް އެއޮފީހުގެ ބޯޑުން ހަމަޖައްސަވައިފިއެވެ. ޕެންޝަން އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި ސުޖާތާ ހަލީމް އެ އޮފީހުގެ ސީއީއޯގެ މަގާމަށް ހަމަޖައްސަވާފައިވަނީ މިއަދުން 5 އަހަރުގެ މުއްދަތަށެވެ. އޭނާވަނީ 2015 ވަނަ އަހަރުންފެށިގެން އެ އޮފީހުގެ ސޯއޯއޯގެ މަގާމްވެސް މިއަދާއި ހަމައަށް ފުރުއްވާފައެވެ.
ސުޖާތާ ހަލީމްއަކީ ޕެންޝަން އޮފީސް އުފެދުނީއްސުރެ އެ އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ ޕެންޝަން އޮފީހާއި ގުޅިވަޑައިގަތީ، ރާއްޖޭގައި ޕެންޝަންގެ އާ ނިޒާމެއް އެކުލަވާލުމަށްޓަކާ، ވާލްޑް ބޭންކުން އެކުލަވާލި ޕެންޝަން ޕްރޮޖެކްޓުގައެވެ.
އެއަށްފަހު އެނާވަނީ ފާއިތުވެދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި ޕެންޝަން އޮފީހުގެ އެކި މަގާމްތައް އަދާ ކުރައްވާފައެވެ.
ޕެންޝަން އޮފީހުގެ ސީއީއޯކަމުގެ މަގާމަށް ރަސްމީކޮށް ސުޖާތާ ހަލީމް ހަމަޖައްސަވާފައި ވާއިރު، 2020ވަނަ އަހަރު އެ އޮފީހުގެ ސީއީއޯގެ މަގާމަށް އިނގިރޭސިވިލާތު ބޭފުޅަކު ހަމަޖައްސާފައި ވެއެވެ.
އޭރު ޕެންޝަން އޮފީހުން ހާމަ ކޮށްފައިވަނީ އޭނާ އަކީ އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމުގައެވެ.
އެހެންނަމަވެސް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެއޮފީހުގެ ސީއީއޯގެ މަގާމުން އޭނާވަނީ ސަސްޕެންޑް ކޮށްފައެވެ. އޭރު މައުލުމާތު ލިބުނު ގޮތުގައި އޭނާ މަގާމުން ސަސްޕެންޑް ކުރެވުނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައެވެ.
ދިވެހިރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ޤާއިމްކުރެވިގެންދިޔައީ 2009 ވަނަ އަހަރުއެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމުގައި އެންމެ ފުރަތަމަ ހުންނެވީ 2009 ވަނަ އަހަރުން ފެށިގެން އެމަޤާމު ފުރުއްވަމުން ގެންދެވި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވި މުހައްމަދު ހުސައިން މަނިކެވެ.
ކޮމެންޓު ފޮނުވާ