ބޮލީވުޑްގެ ތަރިންނަކީ އެމީހުންގެ ހަށިގަނޑާއި މެދުގައި ވަރަށް ބޮޑަށް ފާރަވެރިވެގެން ތިބޭ ބައެކެވެ. ލޫޅާފަތިކޮން އަދި ފިޓުކޮން ރީތިކޮށް ހުރުމަށް ޓަކައި ކޮންމެ ދުވަހެއެގެ ދިރިއުޅުމުން ވެސް ވަގުތު ތަކެއް ޖިމް ގައި ހޭދަކުރެއެވެ.
އެގޮތުން ބޮލީވުޑްގެ އޭ ލިސްޓްގެ ދެ ތަރިން ކަމުގައިވާ ދީޕިކާ ޕަޑުކޯން އާއި ކެޓްރީނާ ކައިފް އަކީ ވެސް ކޮންމެ ދުވަހަކު ޖިމްގައި ކަސްރަތު ކުރާ ދެ ތަރިންނެވެ. އަދި މި ދެމީހުން އެކެއްގެ ކައިރިން ޓްރެއިނިންގ ތައް ތަދާތީ މި ދެމީހުންނަކީ 'ޖިމް ބަޑީސް' އެވެ.
އެދެތަރިން އެކުގައި ޖިމް ގައި ނަގާފައިވާ ވީޑިއޯއެއް ދީޕިކާ ވަނި އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ވީޑިއޯގައި ފެންނަނީ ހެމޮކެއް ތެރޭގައި ދީޕިކާ ނިދާފައި އޮއްވައެވެ.
މި ވީޑިއޯ އާންމު ކުރަމުން ދީޕިކާ ބުނެފައިވަނީ ޖިމްގައި ވަރަށް ގަދައަށް ކަސްރަތު ކުރަމުން ދާއިރުގައި ކެޓްރީނާ އެއްވެސް ކަމެއް ނުކޮށް އުޅޭނީ ވީޑިއޯ ނެގުމުގައި ކަމަށެވެ. މި ވީޑިއޯއަށް ކޮމެންޓްކޮށް ކެޓްރީނާ ބުނީ އެ ޖިމަށް އަދި އެއް ހެމޮކް ބޭނުން ވާކަމަށެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކެޓްރީނާ މިހާރު އުޅެނީ ކުރިއަށް އޮތް ފިލްމު "ފޯން ބޫތު"ގެ ޕްރޮމޯޝަންގެ މަސައްކަތުގައެވެ. ހޮރޯ ކޮމެޑި މި ފިލްމްގައި ކެޓްރީނާ އާއި އެކުގައި ފެނިގެން ދާނީ އިޝާން ކައްޓަރާއި ސިދާންތު ޗަތުރުވޭދީއެވެ. ފިލްމު ސިނަމާ ތަކުގައި އެޅުވުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުއެވެ. މިހާރު ވަރަށް ބާރަށް ޕްރޮމޯޝަންތައް ކުރިއަށް ގެންދާ ފިލްމުގެ ޑައިރެކްޓަރަކީ ގުރްމީތު ސިންގްއެވެ.
ދީޕިކާ ވެސް އަންނަނީ ވަރަށް ބުރަކޮށް ޝޫޓިންގ ތަކުގައި މަސައްކަތް ކުރަމުންނެވެ. އޭނާ އަތުގައި ވަރުގަދަ ޕްރޮޖެކްޓް ތަކެއް އެބަހުއްޓެވެ. އެގޮތުން ޝާހުރުކް ޚާންގެ "ޕަތާން" މިހާރު އޮތީ ޝޫޓިންގ ނިމިފައެވެ. މީގެ އިތުރުން ރިތިކް ރޯޝަނާއެކު ފެނިގެންދާނެ ފިލްމު "ފައިޓާ" އަދި ޕްރަބާސް އާއި އަމީތާބާ އެކު"’ޕްރޮޖެކްޓް ކޭ" ވެސް އެބަ އޮތެވެ.