ސައީދު، ރައީސަށް: ގަވަރުނަރު ވަނީ ބަޖެޓްގައި ޖަހާފައިވާ ފައިސާ ނުލިބޭކަމަށް ވިދާޅުވެފަ

ސައީދު، ރައީސަށް: ގަވަރުނަރު ވަނީ ބަޖެޓްގައި ޖަހާފައިވާ ފައިސާ ނުލިބޭކަމަށް ވިދާޅުވެފަ

Author
މުޙައްމަދު ޝަޒައިމް
21 ނޮވެމްބަރ 2020 08:34
0

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މަޝްރޫޢުތައް ހިންގުމަށް ޖަހާފައި ހުރީ ދައުލަތަށް ލިބިފައި ހުރި ފައިސާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެފައިސާއަކީ ލިބިފައިވާ ފައިސާއެއް ނޫންކަން އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވެފައިވާކަމަށް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޖަހާފައި ހުރީ ދައުލަތަށް ލިބިފައި ހުރި ފައިސާ ކަމަށްވަތީ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެ ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ސައީދު ވިދާޅުވީ، ރައީސަށް ލަފާއަރުވާ ބޭފުޅުން އެމަނިކުފާނަށް ސައްޚަ މައުލޫމާތު ނުދެއްވާކަމަށެވެ. އެމްއެމްއޭ ގަވަރުނަރު މަޖިލިސް ބަޖެޓް ކޮމިޓީގައި މަޝްރޫޢުތައް ހިންގަން ޖަހާފައިވާ ފައިސާއަކީ ލިބިފައިވާ ފައިސާތަކެއް ނޫންކަމަށް ވިދާޅުވި ނަމަވެސް ރައީސަށް އެފައިސާ ލިބިފައިވާކަމަށް ވިދާޅުވެ މަޝްރޫޢޫތައް ހިންގަވާނެކަމަށް ވިދާޅުވި ވިދާޅުވުމަކީ ދައްކަވާ ވާހަތައް އަޑުވެސް ނާއްސަވާކަމުގެ މިސާލެއްކަމަށް ސައީދު ވިދާޅުވިއެވެ.

އެމްއެމްއޭއިން ބުނާގޮތުގައި 2021 ވަނަ އަހަރުގެ ބަޖެޓްގައި ޖަހަފައި ހުރީ ލިބިފައިވާ ފައިސާއެއްނޫން. އެއީ ހުސް ނަގަންހުރި ދަރަނި. މަޖިލިސްގައި އެމްއެމްއޭ އާއިއެކު ކުރިއަށްދިޔަ ބަޖެޓް 2021 ގައި އެމްއެމްއޭ ގަވަރުނަރު ދެއްކި ވާހަކަފުޅު އަޑު އައްސަވާ.

– ސައީދު ވިދާޅުވިއެވެ.

އަންނަ އަހަރު ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ ޙާލަތުގައި ނުބައްދަލު ބޮޑެތި މަޝްރޫޢު ތަކެއްކަމަށްވުމުން، ކޯވިޑް-19 ގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ މަޝްރޫޢުތައް ހިންގުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އެމްއެމްއޭގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވީ، އަންނަ އަހަރު ބަޖެޓްގައި ހިމަނާފައިވާ ކެޕިޓަލް ޚަރަދުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށް މައިގަނޑުގޮތެއްގައި ރޭވިފައިވަނީ ލޯނާ ދައުލަތުގެ އާންމު ބަޖެޓުންކަމަށެވެ. ނަމަވެސް ދައުލަތަށް ލިބޭ ހިލޭއެހީއާއި އާމްދަނީން ރިކަރަންޓް ޚަރަދު ފޫބެއްދުމަށް އަންދާޒާ ކުރެވިފައިވާއިރު، ކެޕިޓަލް ޚަރަދު ހިންގޭނީ އެކަމަށްބޭނުންވާ ފައިނޭންސިންވެސް ކަށަވަރުކުރެވިގެންކަމަށްވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

ޚާއްޞަގޮތެއްގައި ޕީއެސްއައިޕީ ފަދަ ކެޕިޓަލް ޚަރަދުތައް ހިންގުމަށް ދައުލަތުގެ އާންމު ބަޖެޓުގައި ހިމެނިފައިވާ މިންވަރުގެ ފައިނޭންސިން ހޯދުމަކީ ދަތިވާނެކަމެއްކަމަށް ލަފާކުރެވޭކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. ސަބަބަކީ ކޯވިޑް-19އާއި ގުޅިގެން ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން އަދި ރާއްޖޭގެ ބޭރު ފައިސާގެ ސަޕްލައިވެސް ވަރަށް ބޮޑަށް ދަށްވެފައިވާތީކަމަށްވެސް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާ 4 ބިލިއަން، ތަޢުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ، އިޖްތިމާއި ދާއިރާއަށް 3.7 ބިލިއަން ރުފިޔާ، ގެދޮރުވެރިކުރުމަށް 2.3 ބިލިއަން ރުފިޔާ، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރައަށް 1.6 ހިމެނިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރިކަރަންޓް ހަރަދުގެގޮތުން މުސާރާއިގެ ހަރަދާއި އާސަންދައާއި ދުވަސްވީމިހުންނަށް ދޭ އިނާޔަތްތަކާއި ޚައްޞަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އިނާޔަތްތައް ހިމަނާފައިވާކަމަށެވެ.

ކެޕިޓަލް ޚަރަދުގެ ގޮތުން ބޮޑެތި މަޝްރޫޢުތައްވެސް އަންނަ އަހަރު ފެށިގެންދާނެކަމަށާއި، އެގޮތުން ހަނިމާދޫއާއި އައްޑޫ އެއަރޕޯޓް އިންޓަރނޭޝަންލް ފެންވަރަށް ރަނގަޅަށް ތަރައްޤީކުރުމާއި، ތިލަމާލެ ބްރިޖާއި ވިޔަފާރި ބަނދަރާއި، ހުރިހާ ރަށެއގައި ފެނާއި ނަރުދަމާ ޤާއިމްކުރުމާއި، 5 ޓާޗަރީ ހޮސްޕިޓަލް ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހިފައިވާކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.