ޔުރޮޕާ ލީގުގައި ރޭ ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން އަތުން 2-0 އިން އާސެނަލް ބަލިވެއްޖެއެވެ.
މިއާއިއެކު އާސެނަލްއަށް ވަނީ މިސީޒަންގައި ޔޫރަޕްގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިސް, ޔޫރޮޕާ ލީގުގެ ދެވަނަ ބުރު ޔަޤީންކުރަން އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ. މިމަޗުގައި ފުރަތަމަ ލަނޑު ޖެހީ ވީރުމަންއެވެ. ދެވަނަ ލަނޑު ޖެހީ ލޫކް ޑި ޔޮންއެވެ. ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. މިއީ ޔޫރަޕްގައި މިސީޒަންގައި އާސެނަލްގެ ފުރަތަމަ ބައްޔެވެ.
މެޗަށް ނުކުތް އިރު އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރު ޔަޤީންކުރަން އާސެނަލް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އެކަމަކު މިނަތީޖާގެ ސަބަބުން އާސެނަލް ދެވަނަ ބުރު ޔަޤީންކުރަން ޖެހޭނީ ފަހު މެޗުގައި ގްރޫޕްގެ ފުލުގައި އޮތް ޒިޔުރިކް ބަލިކުރާށެވެ. ފުރަތަމަ ލެގު އާސެނަލް ވަނީ އެޓީމް 2-1 ން ބަލިކޮށްފައެވެ. ފަހު މެޗުގައި އާސެނަލް ބަލިވެ, ޕީއެސްވީ ފަހު މެޗުން މޮޅުވެއްޖެނަމަ ދެވަނަ ބުރު ޔަޤީންކުރަން ޕްލޭއޮފް އިތުރު ދެ މެޗު ކުޅެން އާސެނަލް އަށް ޖެހޭނެއެވެ. މިވަގުތު އަދި އާސެނަލް އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. ފަހު މެޗުގައި ޕީއެސްވީއަށް މޮޅުނުވެވިއްޖެނަމަ އިތުރު މެޗެއް ނުކުޅެ އާސެނަލް އަށް އެއްވަނަ ޔަޤީންވާނެއެވެ.
ރޭގެ މެޗަކީ، މި ސީޒަނުގައި އާސެނަލް ބަލިވި ދެ ވަނަ މެޗެވެ. ދެން ބަލިވީ ޕްރިމިއާ ލީގުގައެވެ. އެކަމަކު ލީގުގައި ކުޅުނު 11 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވެ 28 ޕޮއިންޓް ހަމަކޮށް އާސެނަލް އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގައެވެ. އެންމެ ކައިރީގައި އޮތީ 26 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީއެވެ.