ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް (ފޯޅަވަހި)އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ރާއްޖޭން ނިންމި މައްސަލާގައި، ސިޔާސަތު ބަދަލުކޮށް، ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭން ނިންމި ސަބަބު ހާމަކޮށްދިނުމަށް މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ގޮވާލައިވައިފި އެވެ.
ރާއްޖެއިން ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ޔޫއެންގައި ވޯޓު ދޭނެކަމަށް ނިންމަވާފައިވަނީ ފާއިތުވެދިޔަ އޮގަސްޓުމަހުގެ 22 ވަނަ ދުވަހު ރައީސް އިބުރާހިމް މުހައްމަދު ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
އަދި އެއަށްފަހު، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބައެއް ހޯދަން، ކަމާ ބެހޭ ޓްރައިބިއުނަލްގައި މިހާރު ކުރިޔަށްދާ މައްސަލާގައި ފާއިތުވެދިޔަ ބުރާސްފަތި ދުވަހު ބަންޑާރަނައިބު އިބުރާހިމް ރިއްފަތު ވަނީ، މިމައްސަލާގައި މޮރިޝަސްއާއި އެއްކޮޅަށް ޔޫއެންގައި ވޯޓުދޭން ރާއްޖެއިން ނިންމާފައިވާކަން ހާމަ ކުރައްވާގައެވެ.
މިމައްސަލާގައި ކުއްލިއަަކަށް ރާއްޖޭގެ ސްޓޭންޑް ބަދަލުވުމާއި ގުޅިގެން، ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ފޯޅަވަހި މައްސަލައިގައި ސިޔާސަތު ބަދަލުވި ސަބަބު ރައްޔިތުންނަށް ހާމަ ކޮށްދިނުމަކީ ރައީސް ސޯލިހްގެ ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ތަންފީޒު ކުރުމަށް މުހިންމު ކަމެއް ކަމަށެވެ.
Chagos massalaiga siyaasath badhal vi sababu rayyithunnah haama kohdheh vumakee Raeesul jumhooriyyaa ge Zero tolerance ge siyaasath thanfeez kurumah muhinmmu kameh. 🙏🏾
— Abdulla Shaheem Abdul Hakeem (@shaheeym) October 22, 2022
ފޯޅަވަހީގެ މައްސަލަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ފޮނުވުމަށް 2017ވަނަ އަހަރު އދ. ގައި ނެގި ވޯޓުގައި ސަރުކާރުން ވޯޓު ދީފައިވަނީ މޮރިޝަސްއާއި ދެކޮޅަށެވެ. އެއަށްފަހު އެކޯޓުން މޮރިޝަސްއާއި އެއްކޮޅަށް ކުރި ހުކުމް ބަލައިގަންނަން 2019ވަނަ އަހަރު ޔޫއެންގައި ނެގުނު ވޯޓުގައިވެސް ސަރުކާރުން ވޯޓު ދީފައިވަނީ މޮރިޝަސްއާއި ދެކޮޅަށެވެ.
އެވޯޓުގައި މޮރިޝަސްއާއި ދެކޮޅަށް ވޯޓު ދިނުމަށްފަހު ސަރުކާރުން ބުނެފައިވަނީ، ޔޫއެންގައި އޭރު ސަރުކާރުން ވޯޓު ދީފައިވަނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ކަމުގައެވެ. މިމައްސަލާގައި މިހާތަނަށް ރާއްޖެއިން އަބަދުވެސް ވޯޓުދެމުން އައިސްފައިވަނީ އިނގިރޭސިވިލާތާއި އެއްކޮޅަށް ކަމުގައެވެ.
އެހެންނަމަވެސް ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއަށް ތާއީދުކުރުމަށް ދިވެހި ސަރުކާރުން ނިންމިކަން ހާމަ ކުރައްވަމުން ބަންޑާރަނައިބު އިބުރާހިމް ރިއްފަތު ވިދާޅުވެފައިވަނީ، މިމައްސަލާގައި މޮރިޝަސްއާއި އެއްކޮށްޅަށް ވޯޓުދޭން ސަރުކާރުން ނިންމާފައިވަނީ، ރާއްޖޭގެ ކޮންޓިނެންޓަލްގެ އިން ކަނޑައަޅާދޭން މޮރިޝަސްއިން އިއުތިރާޒް ކުރަމުންދާ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމުގައެވެ.
އެހެންނަމަވެސް މިމައްސަލާގައި ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ގާނޫނު ހިނގާ އިގްތިސާދީ ސަރަހައްދަކާއި ގުޅުންހުރި މައްސަލައަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ބަހެއް ނެތި އެއްވެސް ނިންމުމަށް ސަރުކާރަށް ނުނިންމޭނެ ކަމަށެވެ. ސަބަބަކީ އެއީ ރައްޔިތުންނަށް ސާފުވާންޖެހޭ މައްސަލައެއްކަމަށް ވާތީކަމަށްވެސް ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ.
މިމައްސަލާގައި ކަންބޮޑުވުން ފާޅުކުރާ ބޭބޭފުޅުން ވިދާޅުވާ ގޮތުގައި، ފޯޅަވަހީގެ މިލްކުވެރިކަން އޮތީ މޮރިޝަސްއަށްކަމަށް ސަރުކާރުން ގަބޫލުކުރުމުން، ބައިނަލްއަގުވާމީ ހަމަތަކާއި މުވާހަދާތަކުން ރާއްޖެއަށް ހައްގުވާ، ބޭސްލައިނުން ފެށިގެން ބޭރަށް އޮންނަ 200 ނޯޓިކަލް މޭލުގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ދޫކޮށްލަން ޖެހިދާނެކަމަށާއި، މިކަން ސަރުކާރުން އާންމު ރައްޔިތުންނަށް ސާފު ކޮށްދޭން ޖެހޭނެ ކަމަށެވެ.
މޮރިޝަސްއިން ބައިނަަލްއަގުވާމީ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވަނީ، ފޯޅަވަހީގެ ބެހިމް ފަރުން ފެށިގެން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް އެއީ އެގައުމުގެ އިގްތިސާދީ ސަރަހައްދު ކަމުގައި ކަނޑައަޅާ ދިނުމަށެވެ. މި ސަރަހައްދު މިއީ މޮރިޝަސްގެ ގާނޫނީ ހައްގެއްކަމުގައި ނިންމާއިފިނަމަ، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ގާތްގަނޑަކަށް 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދަކާއި ގުޅޭގޮތުން ގޮތެއް ކަޑައަޅަން ޖެހޭނެއެވެ.
މިމައްސަލައާއި ގުޅޭގޮތުން ސިޔާސަތަށް ގެނައި ބަދަލާއިގުޅޭ އެއްވެސް މައުލޫމާތެއް އަދި ސަރުކާރުން މީޑިއާތަކާ ހިއްސާ ކޮށްފައެއް ނުވެއެވެ.