ސިޓީ ކައުންސިލުން އަންގާރަ ދުވަހުގެރޭ ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރަނީ

ސިޓީ ކައުންސިލުން އަންގާރަ ދުވަހުގެރޭ ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރަނީ

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2022 02:51
0

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ތަރައްޤީކުރާ ޕާކާއިގުޅޭގޮތުން ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރަން ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ މި ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ މޫސުންތަންދޭނަމަ 25 އޮކްޓޯބަރު ވާ އަންގާރަދުވަހުގެރޭ ކަމަށެވެ. އަދި މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޕާރކް ހިމެނޭ ސަރަޙައްދުގައި ކަމަށެވެ. މި ބައްދަލުވުމަށް ގަލޮޅުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އެރުވޭނެ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވަނީ ގަލޮޅު ތަމްސީލްކުރައްވާ ކައުންސިލަރުން މިކަމުގައި މަސައްކަތްކޮށްދެއްވާ މި ބައްދަލުވުމަކީ ގަލޮޅުގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ ބައްދަލުވުމަކަށް ހައްދަވައިދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މާލެ ސިޓީ ކައުންސިލުން ގަލޮޅުގެ ރައްޔިތުން ބައްދަލު ކުރުމަށް ނިންމާފައި މިވަނީ ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައިވާ ޕާރކްގެ 3ޑީ ރެންޑަރިންގް ޕްރެސެންޓޭޝަން އާއި ކޮންސެޕްޓް ޑިޒައިންއާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައިވާ ޕާރކްގެ 3ޑީ ރެންޑަރިންގ ޕްރެސެންޓޭޝަން އާއި ކޮންސެޕްޓް ޑިޒައިންއާއިއެކު ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހުގައި މިކަން ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ކައުންސިލް މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

މާލެ ސިޓީ ކައުންސިލުން ތަރައްގީ ކުރާ ޕާކަކީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުން ނުލިބޭ ގޮތަށް ތަރައްގީ ކުރާނެ ޕާކެކެވެ. އެ ޕާކުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތަރައްޤީ ކުރާ "ޕްލޭ އޭރިއާ"ގައި އެންމެ ތުއްތު ކުދިންނަށް ޚާއްޞަ ބަޔަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް އެކުލެވިގެންވެއެވެ. އަދި މި ދެބައިގައި ބަހައްޓާ ކުޅޭ ތަކެތި ހުންނާނީ "ޓްރީ ހައުސް ތީމް" އަށެވެ. މީގެ އިތުރުން ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ހިތްހަމަޖައްސާލާނެ ފުރުސަތެއް ތަނަވަސްކޮށް ދިނުމުގެ ގޮތުން، ފުރޮޅުލީ ގޮނޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް ބަހައްޓާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.