ސަރުކާރާއި މަޝްވަރާ ކުރުމަށް ނިންމައި، މުޒާހަރާގެ ބައިވެރިން ހުޅިދޫން ފައިބައިފި

ސަރުކާރާއި މަޝްވަރާ ކުރުމަށް ނިންމައި، މުޒާހަރާގެ ބައިވެރިން ހުޅިދޫން ފައިބައިފި

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2022 10:08
0

ދަނޑުވެރިކަމުގެ ބޭނުމަށް ސަރުކާރުން ދޫކޮށްފައިވާ ވ. ހުޅިދޫ އެ އަތޮޅުގެ ރައްޔިތުންނަށް އަނބުރާ ދިނުމަށް ގޮވާލައި އަތޮޅު ކައުންސިލް ރައީސް ހިމެނޭހެން ހުޅިދޫގައި ކުރަމުންދިޔަ އިހުތިޖާޖު މިވަގުތަށް ނިންމާލައި ސަރުކާރާއި މަޝްވަރާ ކުރުމަށް ނިންމައފިއެވެ.

އިހްތިޖާޖު ކުރަމުންދާ މީހުން ރަށުން ފައިބަން އެއްބަސްވީ އެމީހުން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ފުލުހުން ތަކުރާރުކޮށް ދިނުމުންނެވެ. އެރަށުގައި އިހްތިޖާޖު ކުރަމުންދާ މީހުން ރަށުން ފައިބަން ފުލުހުން ރޭ އެންމެ ފަހު މުހުލަތެއްގެ ގޮތުގައި ދިނީ 21:30 އެވެ. އިހްތިޖާޖު ހުއްޓާލުމަށްފަހު ރަށުން ފައިބަން ނިންމިކަން އެމީހުން އިއުލާން ކުރީ 21:45 ކަންހާއިރުއެވެ.

އިހުތިޖާޖުތައް ނިންމާލައި ހުޅިދޫން ފައިބަން ނިންމީ ސަރުކާރުގެ މުވައްސަސާތަކާއި މަޝްވަރާ ކުރުމަށެވެ. އަތޮޅު ކައުންސިލް ރައީސް ޝުޖާއު އަލީ ވިދާޅުވީ އެ ރަށުގައި 34 މީހުން އިހުތިޖާޖު ކުރަން ތިބި ކަމަށެވެ. ނަމަވެސް ފެލިދޫ ސްޓޭޝަންގެ ބައެއް ފުލުހުންނާއި މާލެއިން ފުރައިގެން އައި އެސްއޯ ފުލުހުންގެ ޓީމެއް އެ ރަށަށް އެރި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން އައުމުން ވެސް އިހުތިޖާޖުގެ ބައިވެރިން ތިބީ ރަށުން ފައިބާ ގޮތަކަށް ނޫން ކަމަށާއި ހައްޔަރު ކޮށްގެން ގެންދިޔުމަށް ފުލުހުން ކައިރީ ދެންނެވިން ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް ރައީސް އޮފީހުގެ ޕޮލިސީގެ ބައެއް ބޭފުޅުންނާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ގުޅުއްވައި މަޝްވަރާ ކޮށްގެން ހައްލު ކުރަން އެދިވަޑައިގަތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެގްރިކަލްޗާ މިނިސްޓްރީން ހުޅިދޫ ދޫކޮށްފައި އޮތީ "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" އަށެވެ. މި ކުންފުންޏަށް އެރަށް ތަރައްގީކުރަން ދިން މުއްދަތުގައި އެކަން ނުކުރެވުމުން އަލުން އެދިގެން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އަތޮޅު ކައުންސިލް ރައީސް ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅިދޫ ކުއްޔަށް ދޫކޮށްގެން ދިގު މުއްދަތެއް ހޭދަވިއިރު އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުލިބުނެވެ. އެހެންވެ މި ރަށް އަތުލައި ރައްޔިތުންގެ ބޭނުންތަކަށް ބާއްވާ ގޮތަށް އަތޮޅު ކައުންސިލުން ވަނީ ގަރާރެއް ވެސް ފާސްކޮށްފައެވެ.

އަތޮޅު ކައުންސިލުގެ ނިންމުމަކީ އެގްރިމެންޓް ބާތިލްކޮށް ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އެތަން ބޭއްވުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. ހުޅިދޫ މައްސަލަ ހައްލުކޮށްދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.