މެޗުގެ އިތުރު ވަގުތުގައި މެކްޓޮމިނޭ ޖެހި ހަމައެކަނި ލަނޑުން މޮޅުވެ, މެންޗެސްޓަރ ޔުނައިޓެޑުން ހަމަޖެހުމެއް ހޯދައިފިއެވެ.
ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. ޔުނައިޓެޑުން 11 ހަމަލާ ގޯލާ ސީދާކޮށް ފޮނުވާލިއިރު، އޮމޯނިއާގެ ކީޕަރު، ފްރާންސިސް އޮޒޯހޯ ވަނީ އެ ބޯޅަތައް ހުއްޓުވައިފަ އެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ކަސެމީރޯ ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް ވެސް އަމާޒުވެފަ އެވެ. ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި، މާކަސް ރެޝްފޯޑަށް ވެސް ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
މެޗުގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހި ސްކޮޓް މެކްޓޮމިނޭ ކުޅެން އެރީ ބަދަލަކަށެވެ. މެޗުގެ އިތުރު ވަގުތުގައި މެކްޓޮމިނޭ، މި ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދިން ޖޭޑަން ސަންޗޯ އަކީ ވެސް ދެ ވަނަ ހާފުގައި ބަދަލަކަށް އެރި ކުޅުންތެރިއެކެވެ.
މިނަތީޖާގެ ސަބަބުން ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ޔުނައިޓެޑަށް އެބައޮތެވެ. އެކަމަކު އަދި ޔުނައިޓެޑް އޮތީ ނުވަ ޕޮއިންޓާއެކު ދެވަނާގައެވެ. އެއްވަނާގައި 12 ޕޮއިންޓާއެކު އޮތީ ރެއާލް ސޮއިއެޑާޑްއެވެ.