ޔާމީން ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަނީ ބޮޑުތިލަދުންމަތީ ރައްޔިތުންގެ މާޔޫސްކަމަށް އުންމީދު ދެއްވުމަށް ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް ޔާމީން ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ކުރަން ޖހަމަޖެހިފައިވާ ދަތުރުފުޅު މުސުން ގޯސްވުމުގެ ސަބަބުން ހޮނިހިރު ދުވަހަށް ވަނީ ފަސްކޮށްފައެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ދަތުރުފުޅަކީ މިސަރުކާރުން ރައްޔިތުންނާއިމެދު އަމަލު ކުރަމުންދާ ގޮތާއި، ރައްޔިތުންނަށް ވަމުންދާ އިހުމާލުތައް ދެނެގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއްކަމަށެވެ. އަދި ރައްޔިތުންނަށް މިވީ ދުވަސްތަކުގައި ލިބުނު ގެއްލުންތަކުގެ ޝަކުވާތައް އަޑުއަހައި އެކަންކަމަށް އުންމީދު ދެއްވުމަކީ މިދަތުރުފުޅުފެ އެންމެ ބޮޑު އެއް މަގުސަދުކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަނީ އިބޫ ސޯލިހުގެ މި އަނިޔާވެރި ސްލޯ ސަރުކާރުން ރައްޔިތުންނަށް އިހުމާލުވެފައިވާ މިންވަރު ބައްލަވާލައްވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ގާތުން އަޑު އައްސަވާ ރައްޔިތުންނަށް އުންމީދު ދެއްވުމަށް.
– އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ރައީސް ޔާމީން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ހއ. ކެލާ، ހއ. ބާރަށް، ހއ. ދިއްދޫ، ހއ. އިހަވަންދޫ އަދި ހއ. ތުރާކުނަށެވެ. ރައީސް ޔާމީން ހއ.ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ވެސް މުހިއްމު އެއް ކަމަކަށް އޮތީ 2023 އަށް ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމެވެ. ޒުވާނުންނާއި އަންހެނުންނާއި މަސްވެރިންނާއި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މި ދަތުރުފުޅުތަކުގައި ހިޔާލު ހޯއްދެވުމަށް ވަނީ ހަމަޖެހިފައެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ދަތުރުތަކުގައި އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ބޭނުންފުޅުވިޔަސް އެކަން ނުވަނީ ވަގުތާއި ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުންނެވެ. އެމަނިކުފާނު ހުންނަވާ ރަށަކަށް، ކައިރި ރަށްތަކުން ވަޑައިގެން ބައްދަލުކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ހއ. އަތޮޅުގައި ވެސް ގިނަ މަޝްރޫއުތައް ހިންގަވާފައިވާ ކަމަށެވެ. އިހަވަންދުއަށް ބަލާ ނަމަ 2013 އިން 2018 އަށް 14 ޕްރޮޖެކްޓަކާއި ކެލާގައި 16 ޕްރޮޖެކްޓެއް ހިންގަވާފައިވާ ކަމަށް ވިދާޅުވިއެވެ. މިއީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މެމްބަރުންނާ ބައްދަލުކުރައްވަން ރައީސް ޔާމީން ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ ވަޑައިގަތީ ދ. ކުޑަހުވަދު އަށެވެ.
ކޮމެންޓު ފޮނުވާ