ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއެއް ކުޅުދުއްފުށީގައި ހަދަނީ

ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއެއް ކުޅުދުއްފުށީގައި ހަދަނީ

Author
މުޙައްމަދު ޝަޒައިމް
12 އޮކްޓޯބަރ 2022 09:25
0

1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު ކުރިމަތިވި ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމުގައި އެންމެ މުހިއްމު ދައުރު އަދާކުރި ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަން އޭނާގެ އުފަން ރަށް ކަމަށްވާ ކުޅުދުއްފުށި ސިޓީން ނިންމައިފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށި ސިޓީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހެދުމަށްޓަކައި، ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާކަމަށެވެ.

ބިނާ ފަރުމާކުރުމަށް ސަމާލުކަން ދެއްވަންޖެހޭ ކަންކަން:

  • ބިނާ ހުންނަންވާނީ ހުސައިން އާދަމްގެ ޖިހާދު ރަމްޒުކޮށްދޭ ފަރުމާއަކަށް.
  • ފަރުމާކޮށްފައި ހުންނަންވާނީ ބާޒާރުން ފަސޭހައިންލިބޭ ދިގު މުއްދަތައް ދެމިހުންނަ މެޓީރިއަލްއަކުން ހެދޭ ގޮތަށް.
  • ފަރުމާ ވާންވާނީ ބަލާލަން ރީތި، އިސްލާމްދީނާއި އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ ފަރުމާއަކަށް.
  • ަބިނާ ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރަށުގެ އާންމު ސަރަހައްދެއްގައި.

ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5000 ރުފިޔާ (ފަސްހާސް ރުފިޔާ) ވަނީ ކަނޑައެޅިފައެވެ. ފަރުމާ ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 14:00 އެވެ. ބިނާ ފަރުމާ ކުރުމަށްފަހު، ސޮފްޓްކޮޕީތައް (ކޮރަލްޑްރޯ ، އޮޓޯކެޑް ނުވަތަ ސްކެޗަޕް) [email protected] މެއިލް އެޑްރެސްއަށް މެއިލް ކޮއްދެއްވުމަށް ވަނީ ދަންނަވާފައެވެ.

1988 ނޮވެމްބަރު ތިން ވަނަ ދުވަހަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ދިވެހިން ކުރިމަތިލީ ދުވަހެވެ. ދިވެހިންގެ ހާއިނުންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންގެ އެހީތެރިކަމާއި އެކު ރާއްޖޭގެ ވެރިރަށް ފުރަ މާލެއަށް އަރާ ނަވާރަ ދިވެހިން ޝަހީދުކޮށްލާ ކުށެއްނެތް ދިވެހިންގެ ލޭ މި ބިމަށް އޮހޮރުވާލި ހިތާމަވެރި ދުވަހެވެ.

ކުށެއްނެތް 11 ދިވެހި ދަރީންނާއި، ދިވެހި ސިފައިންގެ ހިތްވަރުގަދަ 8 ބޭކަލުން ޝަހީދުވެ އެމައުސޫމު އަޚުންގެ ލޭގެ ކޯރުތައް ވެރިރަށް މާލޭގެ މަގުތަކުގައި ދެމިގެންދިޔައެވެ. ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތަކާއި ގުޅިގެން ހިންގި މި ނުރައްކާތެރި ބަޣާވާތުގައި 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ ޢަދާވަތްތެރި ދުޝްމަނުންނެވެ. ބަޣާވާތުގައި ބައިވެރިވި ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޯޓް" ގެ 80 މީހުން ހިމެނުންނެވެ. ޚާއިނުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމަޗަށް ގެންދިއުމަށްޓަކައެވެ.

ނަމަވެސް މިކަން ނާކާމިޔާބް ކޮށްލީ ދިވެހި ސިފައިންނާއި، ރައްޔިތުންގެ ހިތުގައި ޤައުމަށް އޮތް ލޯތްބާއި އަހުވަންތަކަން އިސްކޮށް ޝަހީދު ހުސެއިން އާދަމްފަދަ ބޭފުޅުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.